އިމްޕޯޓްކުރި ޕެޓްރޯލާއި މެރިން ގޭހުގެ ސީއައިއެފް އަގު ވަރަށް ބޮޑަށް ދަަށަށް

ގދ. ތިނަދޫގައި ޕެޓްރޯލް ޝެޑުން ހިދުމަތް ދެނީ -- ފޮޓޯ: އެސްޓީއޯ

ފާއިތުވި ފަސް މަސް ދުވަހު ރާއްޖެއަށް އިމްޕޯޓްކުރި ޕެޓްރޯލާއި މެރިން ގޭހުގެ ސީއައިއެފް (ކޮސްޓް އިންޝުއަރެންސް ފްރައިޓް) އަގު ވަރަށް ބޮޑަށް ދަަށަށް ގޮސްފިއެެވެ.

ސީއައިއެފްއަގަކީ މުދަލުގެ އަގާ، އިންޝުއަރެންސް އަދި ނާލުގެ އަގު ހިމޭނޭ ގޮތަށް ހިމެނޭ ޖުމްލަ އަގެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ ފާއިތުވި ފަސް މަސްދުވަހު ރާއްޖެ އިމްޕޯޓްކޮށްފައިވަނީ 247 މިލިއަން ރުފިޔާގެ ޕެޓްރޯލް ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 42 ޕަސެންޓް ދަށް އަދަދެކެވެ.

އޭގެ އިތުރުން ފާއިތުވި ފަސް މަސްދުވަހު ރާއްޖެ އިމްޕޯޓްކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާގެ މެރިން ގޭސްކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 33 ޕަސެންޓް ދަށް އަދަދެކެވެ.

އެތެރެކުރި މެރިން ގޭހާއި ޕެޓްރޯލްގެ ސީ.އައި.އެފް އަގު ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މާބޮޑަށް ވެއްޓުމުންކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މެރިން ގޭހާއި ޕެޓްރޯލް އެތެރެކުރެވުނު މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ފަސްމަހުގައި ރާއްޖެ އެތެރެކުރި ފޭސް މާސްކްގެ މިންވަރު 6،417 ޕަސެންޓް އިތުރު ވިއިރު ހޭންޑް ސެނިޓައިޒާ ފަދަ ތަކެތީން ވަނީ 252 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައިވަނީ 60 މިލިއަން ރުފިޔާގެ ފޭސް މާސްކް އާއި 41 މިލިއަން ރުފިޔާގެ ހޭންޑް ސެނިޓައިޒާ އެވެ.

ސެނެޓައިޒާއާއިި މާސްކް ފަދަ ތަކެއްޗަކީ ކޮވިޑްގެ ހާލަތާ ގުޅިގެން ވަގުތީ ގޮތުން ޑިއުޓީ ނެގުން ކަނޑާލައިފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ތަކެތިވެސްމެ އެވެ.

އެތަކެތީގެ ތެރޭގައި ޑިސްއިންފެކްޓެންޓް، އަންގި، ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިވެސް ހިމެނެ އެވެ. އެތަކެއްޗާ ގުޅުންހުރި މުދަލުން 16.2 މިލިއަން ރުފިޔާގެ ޑިއުޓީ ކަސްޓަމްސްއިން ވަނީ މެއި މަހުގެ ނިޔަލަށް މާފުކޮށްދީފަ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހު އިމްޕޯޓް/އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 117 މިލިއަން ރުފިޔާ އެވެ. މިއީ 59 ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 149 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 73 ޕަސެންޓު ދަށް އަދަދެކެވެ.

comment ކޮމެންޓް