ބާކީ ހުރިހާ މެޗަކުން މޮޅުވެގެން ބާސާއަށް ތަށި ހޯދޭނެ: ސްޓެގަން

ބާސެލޯނާގެ ގޯލް ކީޕަރު މާކް-އަންޑާ ޓާ ސްޓެގަން --- ފޮޓޯ/ލައިވްސްކޯ

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އާ ދެކޮޅަށް ލަނޑެއް ނުޖެހި އެފްސީ ބާސެލޯނާ އެއްވަރުވި ނަމަވެސް ބާކީ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން އަދިވެސް ތަށި ހޯދިދާނެ ކަމަށް ބާސެލޯނާގެ ގޯލް ކީޕަރު މާކް-އަންޑާ ޓާ ސްޓެގަން ބުނެފި އެވެ.

ސެވިއްޔާގެ އެސްޓޭޑިއޯ އާރް.ސަންޗެޒް ޕިޖުއަން ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުންނެވެ. އެއާ އެކު މެޗުން ލިބުނު ޕޮއިންޓާ އެކު ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ 30 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 29 މެޗުން ލިބިފައިވަނީ 29 މެޗުން 62 ޕޮއިންޓެވެ. މާދަމާރޭ ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެގެން ރެއާލަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ.

އެއާ އެކު ޕޮއިންޓްގެ ގޮތުން އެއްވަރުވެ ބާސެލޯނާގެ މައްޗަށް ހެޑްހެޑް ނަތީޖާއިން ރެއާލް ކުރި ހޯދާފައި ވުމުން އެއް ވަނަ ލިބޭނީ ރެއާލް މެޑްރިޑަށެވެ. ރޭގެ މެޗުން އަނެއް ޕޮއިންޓް ހޯދި ސެވިއްޔާ އޮތީ ރެއާލަށް ވުރެން 10 ޕޮއިންޓްގެ ދަށް ފަރަގަކާއެކު ތާވަލުގެ ތިން ވަނައިިގަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާ އިރު ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ވަނީ ފެނިފަ އެވެ. ކައިރި ކައިރީގައި މެޗު ކުޅެން ޖެހުމުގެ ސަބަބުން އެ މައްސަލަ ނުކުންނާނެ ކަން ކުރިން ވެސް ޓީމުތަކުން ބުނެފައިވާ އިރު ފީފާއިން އަލަށް ހެދި ގަވާއިދާ އެކު ކޮންމެ މެޗެއްގައި ފަސް ބަދަލު ކުރެވޭ އުސޫލު ވެސް އަންނަނީ މެޗުތަކުގައި ބޭނުން ކުރަމުންނެވެ.

މެޗުން މޮޅުވެ އެއްވަނައިގައި ފަރަގު ބޮޑު ކުރަން ލިބުނު ފުރުސަތު ބާސެލޯނާއިން ނަގާލި ނަމަވެސް ލީގުގައި ބާކީ އަދި މެޗުތަކެއް އެބަހުރި ކަމަށާއި، ތަށި ހޯދުމުގެ ފުރުސަތު ނުގެއްލޭ ކަމަށް އެ ޓީމުގެ ކީޕަރު ސްޓެގަން ވަނީ ބުނެފަ އެވެ.

"އެ ނަތީޖާއާ އެކު އަހަރަމެންގެ އަމިއްލަ ބާރު ކުޑަވެއްޖެ، ވާދަވެރިންގެ މެޗުތަކަށް ވާގޮތް ބަލަން ޖެހިފައި މިއޮތީ، އެކަމަކު ބާސެލޯނާ މެޗަކަށް ފަހު މެޗެއް އަންނަނީ ކުރިއަރަމުން. ޑިފެންސަށް ބަލާލި ނަމަވެސް އެކަން ފާހަގަ ވާނެ. އަހަރެން ގަބޫލު ކުރަނީ ބާކީ ހުރި ހުރިހާ މެޗެއް ކާމިޔާބުކޮށް ބާސެލޯނާއަށް ތަށި ހޯދިދާނެ ކަމަށް،" ސްޓެގަން ބުންޏެވެ.

ސްޓެގަން ބުނީ ތިންވަނައިގައި އޮތް ސެވިއްޔާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުމަކީ އަބަދުވެސް ބޮޑު ޗެލެންޖެއް ކަމަށެވެ. އަދި އެ މެޗު ދިޔަގޮތަށް ބަލައި ޕޮއިންޓަކުން ފުއްދާލުމުން ހިތްހަމަ ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބާސެލޯނާއަށް ލީގުގައި ބާކީ އަށް މެޗު އޮތް އިރު ވާދަވެރި ރެއާލް މެޑްރިޑް ނުވަ މެޗު އަދ ކުޅެން ޖެހޭނެ އެވެ.

comment ކޮމެންޓް