ފުން އަސަރު ކުރުވައިފިއޭ... 2

ނޯޓް: މިވާހަކަ އަކީ ހިތާމަވެރި އަދި މުޖުތަމައުގައި ހިނގާ ހިތްދަތި ހާދިސާތަކާއި، މަންޒަރުތަކުގެ މައްޗަށް މައިގަނޑު ބިނާކުރެވިފައިވާ ޚިޔާލީ ވާހަކައަކަށް ވާތީ، އެވާހަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވާލީމެވެ. ވާހަކައިގެ ފެށުމުގައި މިބައި ހިމަނާލެވިފައި ނުވާތީ، ބައެއް ކިޔުންތެރިންނަށް ދިމާވި ދަތިތަކަށްޓަކައި، އެ ފަރާތްތަކުގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދޭ ވާހަކަ ވެސް މިފުރުސަތުގައި ދެންނެވީމެވެ.

***

"ތިހާ ރީތި މަލަކަށް އަނިޔާ ކުރުމުގެ މާނައަކީ ކޮބާ؟..." އިވުނީ ފިރެހެންވަންތަ އަޑެކެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެންމެ ފުރަތަމަވެސް ބަލައިލެވުނީ، އަތުގައި އޮތް މާކޯންޏަށެވެ. އޮތީ ހަމައެކަނި ތަނޑުގަނޑެވެ. ބާކީ ބައި އޮތީ، ބިންމަތީގަ އެވެ. އެއްވެސް ރަޙުމެއްނެތް އަހަރެންގެ އަތުގެ ތެރޭގައި ފިސްފިސް ކޮށްލެވިފަ އެވެ.

********

ފަސްއެނބުރި ބަލައިލީމެވެ. ކުޑަ ކެމެރާއެއް ހިފައިގެން ޒުވާން ފިރެހެނަކު ހުއްޓެވެ. ހުދު ޓީޝާޓަކާއި، ކަޅު ފަޓުލޫނެއްގައި ހުރިއިރު، ޓީޝާޓުގެ އަތުކުރި އޮތީ، އުޅަނބޮއްޓާއި ހަމައިގަ އެވެ. އަރައިގެން ހުރި ބޫޓުން ފެށިގެން ދެލޯ ފޮރުވާލާފައިވާ އައިނާއި ހަމައަށް ވެސް ދައްކުވައިދެނީ، އެ ޒުވާނާގެ ޝާހީ ކަމެވެ. އެފަދަ ޝާހީ ހެދުމެއްގައި މީހަކު ހުއްޓާ ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އަހަންނަށް ބަލަހައްޓައިގެން އިނދެވުނީ، އެއީ އޭގެ ކުރިން އަހަރެން ދެކުނު ޒުވާނަކަށް ނުވާތީ އެވެ.

އެއީ މާލެއިން އައިސް ހުރި އިއްޒަތްތެރިއެއް ބާއެވެ؟ އަހަންނާއި އެފަދަ ގޮތަކަށް އަނގައިން އެ ބުނީ، ގަސްދުގައި މަލާމާތެއް ކުރުމުގެ ގޮތުން ބާއެވެ؟ ނޫނީ އަހަންނަކީ، ކާކު ކަން ނޭނގޭތީ ހެއްޔެވެ؟

ޒުވާނާ ހިނިތުންވެލަމުން، ލޮލަށް ހެޔޮވަރު ކޮށްލާފައިވާ އަވި އައިނު ނަގައި، ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި އަޅުވައިލި އެވެ. ހާމަވެގެންދިޔަ ދެލޯ ފެނުމުން، ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހިއްޖެ އެވެ. ކަޅުކަންގަދަ ބުމަ އެކެވެ. މުށިކުލައިގެ ކަޅިއަށް އިރުގެ ދަޅަ އެޅިފައި ހުރުމުން، ވަކީން ބޮޑަށް ދިއްލިލާފައިވާ ހެންވެސް ހީވި އެވެ.

"އޯކޭތަ ފޮޓޯއެއް ނަގާލިޔަސް؟...." އަހަންނާ ދިމާއަށް ކެމެރާ ދިއްކޮށްލަމުން އެ ޒުވާނާ ސުވާލު ކުރި އެވެ.

އަހަރެންގެ ދެބުމަ ގޮށްޖެހުނެވެ. ކޮންފަދަ ބޭއަދަބީ އަމަލެއް ހެއްޔެވެ؟ އޭނާ ހިތަށް އަރަނީ ކީކޭ ހެއްޔެވެ؟ އަހަންނަކީ، އަމިއްލަ ހަށިގަނޑު ނީލަމަށް ލައިގެން ހުރި އަންހެނެއް ކަމަށް ހެއްޔެވެ؟ ރުޅި އައިސްފައި ތެދުވަން އުޅުނީމެވެ. އޭގެ ކުރިން، އޭނާ އަހަރެންގެ ތަސްވީރެއް ނަގައިފި އެވެ. އިވުނު އަޑާއިއެކު، ލޮލަށް އެޅިގެންދިޔަ އަލިކަން އެކަމަށް ހެކި ދިނެވެ.

ރުޅި އައިސްގެން ގޮސް، ކެމެރާ އަތުލައި، ފުނޑުފުނޑު ކޮށްލަން ހިތަށް އެރި އެވެ. ދުވަހަކު ވެސް އަހަރެންގެ ކުރިމައްޗަށް އަންނަން ނުކުރޭނޭ ވަރަށް އެއްޗެހި ކިޔަން ހިތް ގޮވި އެވެ. ކިތަންމެ ނިކަމެތި ވިޔަސް، އަހަރެންގެ ވެސް އަމިއްލަ ނަފުސުގެ އަގެއް އޮންނަންވާނެ ނޫން ހެއްޔެވެ؟

މުށްކެވެމުންދިޔަ ދެއަތުން ހިފަހައްޓާލެވުނީ، ލައިގެން ހުރި ހެދުމުގަ އެވެ. ހުރިހާ ޝަކުވާއެއް ކުރެވުނީ، އަމިއްލަ ނަފުސާ އެވެ. ދުލާއި ހަމައަށް އެންމެ ލަަފުޒެއް ވެސް ނައެވެ. ފިނޑިއަކަށްވީތީ އަމިއްލަ ނަފުސަށް އަޑުލަމުން، ކުރިއަށް ހިނގައިގަތީ، އެންމެ ސިކުންތު ކޮޅަކަށް ވެސް އެތަނުގައި މަޑުކުރަން ބޭނުން ނުވާތީ އެވެ. އެދިޔަ ބާރުމިނުގައި ގޮސް ކޮއްކޮގެ އަތުގައި ހިފައިފީމެވެ. އެމަންޒަރު ވެސް އެ ޒުވާނާ އޭނާގެ ކެމެރާގައި ރައްކާކޮށްލި ކަން އެނގުނެވެ. އަމިއްލަ ހިތަށް ވިސްނައިދެމުން، ކުރިއަށް ހިނގަމުން ދިޔައީމެވެ. ވީ އެންމެ އަވަހަކަށް އެ ނަޒަރުން ސަލާމަތްވުމުގެ ނިޔަތުގަ އެވެ.

ވަކި ހިސާބަކަށް ގޮސްފައި ފަސްއެނބުރި ބަލައިލި އިރުވެސް، އެ ޒުވާނާ، ހަމަ އެތަނުގައި ހުއްޓެވެ. އަހަރެން ބަލައިލުމުން، ލާނެތް ގޮތަކަށް ހިނިތުންވެލާފައި، ކެމެރާ ދިއްކޮށްލައިފި އެވެ.

އަހަންނަށް ދެވުނީ، ވަކި ހިސާބަކަށެވެ. އޭނާ ގޮވާލި އަޑު އިވުނެވެ. ވަކި ނަމަކުން މުޚާތަބު ނުކުރި ނަމަވެސް، މަޑުކޮށްލަ ދިނުމަށް އެދުމުން، އޭނާ ވާހަކަ ދެއްކީ، އަހަންނާއި ކަން އެނގުނެވެ. ކުރިއަށްވުރެ ހިނގުން ބާރުކޮށްލީމެވެ. ގެއާއި ހަމައަށް ގޮސްފައި ފަސްއެނބުރި ބަލައިލިއިރު، އޭނާ ގޮސް ގޯޅި އަޅަނީ އެވެ.

ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ސިހުންގެނުވީ، ބޮޑުދައިތަގެ ބާރު އަޑު އިވުމުންނެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރި ބޮޑުދައިތަގެ އަމާޒުފަތްގަނޑަކަށް ވެފައިވަނީ، އަހަންނެވެ. ތަޤައްޔަރުވެފައިވާ އެ މޫނުމަތީގެ ކުލަވަރު ފެނުމުން ވެސް، ދެފައި ރޫރޫ އަޅާވަރު ވިއެވެ. މިޝްރާ ކޮޓަރިއަށް ފޮނުވާލާފައި، ބޮޑުދައިތަގެ ކުރިމަތީގައި އިސްޖަހާލީ، ކުށްވެރިއަކު ފަދައިންނެވެ.

"ނީހާ ކައިރީ ބުނަންދޯ، މިޝްރާ ގޮވައިގެން ކޮންމެ ދުވަހަކު އެއްގަޑިއެއްގަ އަތިރިމައްޗަށް ނުދާށޭ... ކަމެއް ވާނީ ބުނެފައެއް ނޫނޭ..." ބޮޑުދައިތަ އޭނާގެ ވާހަކަ ފެށީ މިޝްރާ ކޮޓަރިއަށްވަދެ، ދޮރު ލައްޕައިލުމުންނެވެ.

އަހަރެން ބޯ ޖަހާލީމެވެ. ވަކި އެއްޗެއް ނުބުނެ ގޮސް ކޮޓަރިއަށް ވަންއިރުވެސް، ބޮޑުދައިތަ ކުދި ކިޔާ އަޑު އިވެމުން ދިޔަ އެވެ. ކޮޓަރިއަށް ވަނުމުން ފަހަތުން އައެވެ. ދޮރުގެ ދާރައިގައި ދެއަތް ވިއްދައި، އޮޅިގަނޑުގެ މައްޗަށް އެއްފައި ނަގައިގެން އަހަންނަށް ބަލަން ހުއްޓެވެ. ހީވީ ބުނާނެ އެއްޗަކާއިމެދު ވިސްނަން ހުރި ހެންނެވެ. ބޮޑު އަދަބެއް ލިބޭނެކަން އެނގޭތީ، އަހަރެން އިނީ ބިރުން ވިރިވިރި އެވެ.

"ހުސޭނު އޮޑިން ބާނާ މަސް ކައްކާނެ ބަޔަކު ހޯދާ ވާހަކަ ޝަރީފާ ބުނި... ފެށޭ ހަފުތާގަ، އެ އޮޑި މަހަށް ފުރާނެ... މަސް ކައްކަން ދާން ތައްޔާރުވެގެން ހުންނާތި..." އަމުރުވެރި ރާގަކަށް އެހެން ބުނެފައި ބޮޑުދައިތަ އުޅުނީ، އެތަނުން ދާށެވެ. އޮޅިގަނޑުން ފައި ނަގާފައި އޭނާއަށް އެޅުނީ، އެންމެ ފިޔަވަޅެކެވެ. އަހަރެން ވާހަކަ ދައްކަން ފެށުމުން، ދެބުމަ ގޮށްޖަހައިލަމުން، ފަސްއެނބުރި ބަލާލައިފި އެވެ.

"ބޮޑުދައިތާ!... އެންމެން އަހަންނަށް މަލާމާތް ކުރާނެއޭ... އަހަންނަކަށް ނުކެރޭނެ އެހާ ބައިވަރު މީހުންތަކެއްގެ ތެރެއަށް ދާކަށް..." ޖެހިލުންވި ނަމަވެސް، އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ. އެއީ ބޮޑުދައިތަގެ ކުރިމަތީގައި އަހަރެން އެފަދަ ގޮތަކަށް އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ.

"އެހެންތަ؟ އޭނ؟... ބަލަ ކަލޭ ބަލާބޮޑުކުރީމަ، އަދިވެސް ތިއުޅެނީ، މަގޭ ތައްޕާހުގަ އުޅެން ކަމަށްތަ؟... ތީ މިހާރު ކުޑަކުއްޖެއް ނޫނޭ... އަތުން ފައިން ކަމެއް ނުކޮށް މުޅި ރަށުގަ ދުވުން ނޫން ކަމެއް ކުރާ ތަނެއް ނުފެނެއޭ... އަބަދު ތި ދެމީހުންނަށް ކައްކާފަ ކާންދޭން އަހަރެން ދުނިޔޭގަ ހުންނާނެތަ؟.. އޭނ؟..." ބޮޑުދައިތަ ހަޅޭއްލަވައިގަތެވެ. އަހަރެން އިނީ ބިރުން ސިހިސިހި އެވެ. ބޮޑުދައިތަ ހީވަނީ، ދެންމެދެންމެ ގަޔާއި ދިމާއަށް އަތުވެދާނޭ ހެންނެވެ. އެކަމަކު، އޭނާ ހުރީ، ދުރުގަ އެވެ. އެވަރުން ވެސް ހިތް ނެގިނެގިފައި ޖެހެމުން ދިޔަ އެވެ.

"ނީހާއަކަށް އިތުރުގޮތެއް ނޯންނާނެ... ހަމަ ޖެހޭނީ އެތަނަށް ދާން..." ފަހުބަސް އިއްވާފައި ބޮޑުދައިތަ ދިޔައީ އެވެ.

ޖެހިގެން އައި ދުވަހަކީ، ބިރުވެރިކަމުން ފުރިގެންވީ ދުވަހެކެވެ. އިރު ފެނުން ތޮޅެލިތާ މާގިނައިރުތަކެއްނުވެ، ކަޅު ބޯ ވިލާތަކުން އުޑުމަތި ބައްދާލައިފި އެވެ. ޖެހެމުންދިޔަ ބާރު ވަޔާއިއެކު، ގޭގެ ފުރާޅުން ބައެއް އެއްލައިލި އެވެ. ދެންމެދެންމެ ވާރޭ ވެހިގެންފާނޭހެން ހީވެ، އަހަރެން ހުރީ، ބިރުން ކުރާނޭ ކަމެއް ނޭނގިފަ އެވެ. ގޭތެރޭގައިވާ ކޮންމެ އެއްޗަކީ، އަހަރެންގެ ނަޒަރުގައި ވަރަށް އަގުބޮޑު އެއްޗެއްސެވެ. ފެންއެޅި އެއިން އެއްޗެއް ހަލާކުވެއްޖެނަމަ، ހޯދޭނޭ ތަނަވަސްކަމެއް ނެތެވެ.

ގޭގައި ތިބީ، އަހަންނާއި މިޝްރާ އެކަންޏެވެ. ބޮޑުދައިތަވީ ދެކުނު އަވަށުގެ ގެއަކަށް ހަވާދު ފުނޑައިދޭން ގޮހެވެ. ގެ ހުންނަނީ، ރަށުގެ އުތުރު ފަރާތުން، އެންމެ ޖަންގަލި ބޯ ހިސާބުގަ އެވެ. ވަށައިގެން ދެތިން ގޯތި އޮތް ނަމަވެސް، ގިނަ ގޯތިތައް އޮންނަނީ، ފަޅަށެވެ. ގަސްހެދި ވައުވެފަ އެވެ.

ޖެހިލުންވެފައިވާ ހާލު، އެހީތެރިކަމަކަށް އެދިގެން، އަވައްޓެރިއެއްގެ ގޭގެ ދޮރުމަތީގައި ހުއްޓިލީމެވެ. ތެޅިގަލުން ރާނައި، ސިމެންތި ޓިނުން ހިޔާކޮށްފައިވާ އެ ގެ ފެނުމުން، އެތެރެއަށް ވަދެލާހިތް ވިއެވެ. އެތަނަވަސް ދިރިއުޅުން، ތަޖުރިބާކޮށްލުމަށް އަހަރެންގެ ބަސްނާހާ ހިތް އެދި ގޮވަން ފެށީ މާ ވަރަކަށެވެ. އިންސާނަކަށްވީތީ، ދުނިޔަވީ އެދުންތަކުން ސިކުނޑި ފުރާލި އެވެ. އަމިއްލަ ނަސީބާއި މެދު ހިތުގައި އުފެދުނީ، ޝަކުވާ އެވެ. އެފަދަ އަރާމު ދިރިއުޅުމެއް ނުލިބުނީތީ ދެރަ ވިއެވެ. ދެލޮލުން ކަރުނަ ހިލެން އުޅުނެވެ.

ސަލާން ގޮވާލި ނަމަވެސް، ގޭތެރެއިން އެ ސަލާން ބަލައެއް ނުގަތެވެ. ޖެހިލުންވެފައިވާ ހާލު، މަޑުމަޑުން ގޯތި ތެރެއަށް ވަނީމެވެ. ފުރަތަމަ ފިޔަވަޅާއިއެކު، އެރުނީ، ގޭގެ ވަށައިގެން ލާފައިވާ ކަށިވެލިތަކުގެ މައްޗަށެވެ. ކުނިކަހައި އޮމާންކޮށްފައި އޮތުމުން، އަހަރެން ހުރީ، ފިޔަވަޅެއް ވެސް އަޅަން ނުކެރިފަ އެވެ. ގޭގެ އެއްފަރާތުގައި ވަށައިގެން ގާ ޖަހާފައިވާ ތަންކޮޅު ފެނުމުން، އެތަން ބަލާނުލައި ހިތްހަމައެއް ނުޖެހުނެވެ. ހިމުން ދޮންވެލި ލާފައިވާ އެތަނުގައި، އޮށްވަޅުގޮނޑިއަކާއި ފަސްއޮށްބައެއް އޮތެވެ. މަޑުމަޑުން ގުދުވެފައި، އެތަނުން ފަސްއޮށެއް ނެގީމެވެ. އަހަރެން ހަނދާންވީ، ކޮއްކޮގެ މަތީންނެވެ. ފުނައޮށް ހޮވައިގެން އަތިރިމައްޗަށް ގޮސް ކުޅެން، އެ ކޮއްކޮ ހުންނަ ފޯރި އެންމެ ރަނގަޅަށް އެނގޭ މީހަކީ، އަހަންނެވެ. އެފަދަ އެއްޗެއް ކޮއްކޮއަށް ހޯދައިދޭ ހިތްވި ނަމަވެސް، އެއީ އަހަރެމެންގެ ނަސީބުގައިވާ އެއްޗެއްސެއް ނޫން ކަމަށް ޤަބޫލުކުރަން މަޖުބޫރު ވިއެވެ.

ހުނިގޮނޑިއެއް ހިފައިގެން ގޭތެރެއިން ނުކުތް އަންހެން މީހާއަށް އަހަރެން ފެނުމާއިއެކު، ހަލުވި ފިޔަވަޅުތަކެއްގައި އައެވެ. އަތުގައި އޮތް ފަސްއޮށް ޖަހައިގަނެފައި، އެތަނުން ދުރުކޮށްފި އެވެ. އެމީހާގެ މޫނުމަތިން ފެނުނީ، ނުރުހުމުގެ އަސަރެވެ. އަހަންނެކޭ ނަޖިސްގަނޑެކޭ އެއްފަދައޭ ބުނާ ކަހަލަ އެވެ. މަޢާފަށް އެދުމުން ވެސް، އެއްޗެއް ބުނުމެއްނެތި، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ގޭގެ ކުރިމަތީގައި ހުރި ބަދިގެ ތެރެއަށް ވަދެއްޖެ އެވެ. ކުޑަ އިރުކޮޅެއް ފަހުން ނުކުތްއިރު، އޭނާގެ އަތުގައި ފިހެފައި އޮތް ރޮށިގަނޑެއް އޮތެވެ.

"އަން... މީ މިވަގުތު ދެވެން އޮތް އެއްޗަކީ... ދެން މިތަނުން ދޭ..." ރޮށިގަނޑު އަހަރެންގެ އަތަށް ލައިދެމުން އެމީހާ ބުންޏެވެ.

"ދައްތާ ފުރާޅު..." އަހަންނަށް ބުނެވުނީ، އެހިސާބަށެވެ. އެމީހާ އަޑެއް ނޭހި އެވެ. ފަސްއެނބުރި އައިކޮޅަށް ހިނގައިގެންފި އެވެ.

އަހަންނަށް ހިންދިރުވައިލެވުނީ، އަރުތެރެ ބެދޭހެން ހީވުމުންނެވެ. ހިތަށް ކުރި ފުން އަސަރަކުން އެއްޗެއް ނުބުނެވުނެވެ. އެނބުރި އައިކޮޅަށް ހިނގައިގަނެފައި ވެސް، ފަސްއެނބުރި ބަލައިލެވިއްޖެ އެވެ. އެމީހާ އިނީ ބަދިގެ ކުރިމަތީގައި ހުރި އަށި މަތީގައި ހުނި ގާނާށެވެ.

އަވައްޓެރިންގެ އެހީތެރިކަން ލިބޭގޮތެއް ނުވި އެވެ. ގޮތް ހުސްވެގެން އެނބުރި ގޮސް ވަންނަން ޖެހުނީ، ގެއަށެވެ. އެއްލާލާފައިވާ ޓިނުގަނޑު ނަގައި ބިތުގައި ލައްކޮށްލީމެވެ. އެއަށްފަހު، ގޭގެ ފުރާޅާއި ދިމާއަށް ހެދިފައިވާ ބިޔަ ބަނބުކެޔޮ ގަހަށް އަރަން ފެށީމެވެ. އަހަންނަށް ރޮވެނީ އެވެ. ދުނިޔޭގައި މިދަތި ހާލު އަހަރެެމެންނަށް ޖެއްސެވީ، ކީއްވެ ހެއްޔެވެ؟ ވަޔާއިއެކު ގަހުގެ އޮފިތައް ހަލުވައިލާ ކޮންމެ ފަހަރަކު، ބިރުން މުޅި ހަށިގަނޑު ރޫރޫ އަޅައިގަނެ އެވެ. ހިތް ނަގާ އަތަށް ލައިގެން ފުރާޅާއި ހަމައަށް ވާސިލުވެވޭތޯ މަސައްކަތް ކުރީމެވެ. ވަކި ހިސާބަކުން އޮފިގަނޑުން އަތް ދޫވެގެން ވެއްޓެން ދިޔަ އެވެ. ދެކަފި ވެފައިވާ ދެ އޮފިގަނޑުގެ ދޭތެރޭގައި އަހަރެންގެ ހަށިގަނޑު ތާށިވީ ވަގުތު، ކޮންމެވެސް މީހަކު ގައިގައި ހިފަހައްޓައިލިކަން އެނގުނެވެ. އޭރު ގައިގެ ބައެއް ތަންތަން މަށައިގެން ގޮސް، ލޭ ހިލިއްޖެ އެވެ.

"ފުރާޅު އެއްލައިލީ ދޯ؟... ބޭބެ ތިކަން ކޮށްލަދީފާނަމޭ... ބޮނޑިއެއް ނުލިބެނީސް، އަވަހަށް ތިޔަ ތަނުން ފޭބޭތޯ ބަލާ.." އެމީހާ ބުންޏެވެ.

ލިބުނު އުފަލަކުން އަހަރެންގެ ދެލޯ ވިދައިގަތެވެ. ޝުކުރު ވެރި ވެވުނެވެ. އެމީހާ ފުރާޅަށް އަރައި ޓިނުގަނޑު ހަރުކުރަންދެން ވެސް އެގަދަ ވައިގެ ތެރޭގައި އަަހަރެން ހުރީ، ކޮޅަށެވެ. ފުރަތަމަ ފަހަރަށް މީހުންނާއި ދޭތެރޭ ދެކޭގޮތް ބަދަލު ވިއެވެ. ހިތަށް އެރި އެވެ. އެންމެން އެއްގޮތެއް ނުވާނެ އެވެ. ނުބައި މީހުންނެކޭ އެއްވަރަށް ރަނގަޅު މީހުން ވެސް މިދުނިޔޭގައި އުޅޭނެ އެވެ.

މަސައްކަތް ނިންމާލާފައި އެމީހާ އެދުނީ، ފެންފޮދެއް ދިނުމަށެވެ. ލޯވައްޓަށް ފެން އަޅައިގެން އައިއިރު، އޭނާ ހުރީ، ގޭތެރޭގަ އެވެ. އެކި ތަންތަނަށް ބަލަން ހުރެފައި، އަހަރެން ފެނުމުން ހިނިތުންވެލައިފި އެވެ. ކަރު ހިއްކައިގަނެފައިވާ މީހަކު ފަދައިން އެއް ނޭވާއިން ފެންތަށި ބޮއެ ހުސްކޮށްލި އެވެ.

"މަސައްކަތުގެ އަގަކީ، ފަންސާސް ރުފިޔާ..." ހުސްތަށި ދިއްކޮށްލަމުން، އެމީހާ ބުންޏެވެ.

އަހަރެން ހުއްޓުން އެރި އެވެ. އެމީހާއަށް ދޭނެ ފައިސާއެއް އަހަރެންގެ އަތުގައި ނެތެވެ. އަހަރެން ހީކުރީ، އެއީ އޭނަ ހިލޭ ސާބަހަށް ކޮށްދިން ކަމެއް ކަމަށެވެ. އޭގެ ހިނދުކޮޅެއް ކުރިން އައި ވިސްނުން ބަދަލުވެގެން ދިޔައީ، ފަޅި ސިކުންތު ކޮޅެއްގެ ތެރޭގަ އެވެ. މީހެއްގެ ހިތުގައިވާ އެއްޗެއް އެނގޭނީ، ފަހެ ކާކަށް ހެއްޔެވެ؟ ވިދާހާ ކޮންމެ އެއްޗަކީ، ރަނެއް ނޫނެވެ. ހަމަ އެގޮތަށް ފޮތެއްގެ ބޭރު ގަނޑަށް ބަލައިގެން އެތެރޭގައި އޮތް އެއްޗެއް ވެސް ނޭނގޭނެ ނޫން ހެއްޔެވެ؟

ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓައި، އެމީހާ އަހަރެންގެ ކައިރިއަށް ޖެހިލައިފި އެވެ. ނޫންކަމަށް ހަދާފައި، ކޮނޑުގައި ޖެހިގަތެވެ. އެންމެ އަމަލަކުން ވެސް އެމީހެއްގެ ނިޔަތް އަހަންނަށް އެނގި، ކަށަވަރު ވެއްޖެ އެވެ.

"ހާދަ ހާސްވީ!... އެކަހަލަ މަސައްކަތަށް އަގު ކިޔަނީ ނިންމާފައޭ... ފައިސާ ނުދެވެންޏާ، އެހެން ގޮތަކުން ވިޔަސް އަގު އަދާ ކުރެވިދާނެ..." އަހަރެންގެ ކޮނޑުމަތީގައި އަތް ހިންގައިލަމުން އެމީހާ ވާހަކަ ދެއްކީ، ނުރައްކާތެރި ރާގަކަށެވެ.

އަހަންނަށް ކުއްލިއަކަށް ފަހަތަށް ޖެހިލެވުނެވެ. ބިރުންގޮސް މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ވަގުތުން އިންކާރު ކުރީމެވެ. އަހަރެން ހީކުރީ، އެމީހާ ދާނެ ކަމަށެވެ. އެކަމަކު، އޭނަ ޖެހިލީ ގާތަށެވެ. ނުރައްކާތެރި ދަރަޖަ އަކަށް ކައިރިއަށް އައުމުން، ސަލާމަތަށް އެދި އާދޭސް ކުރެވުނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެންގެ ހަށިގަނޑު އޭނަގެ ގައިގައި ޖެއްސޭތޯ އެމީހާ ދިޔައީ, މަސައްކަތް ކުރަމުންނެވެ. ކަރު ހަލާކުވާހާ ބާރަށް ހަޅޭއްލަވައިގަތީމެވެ. ތެޅި ފޮޅެން ފެށީމެވެ. އެމީހަކު އަހަރެންގެ ދެކޮލަށް އޮބައިގަނެފި އެވެ. ދެވަނަ ސިކުންތުގައި އަނގަމަތީގައި ޖަހައި ލޭ ރަހަ ލައްވައިލި އެވެ. ވިސްނައިލާނޭ ފުރުސަތެއް ވެސް ނުލިބުނެވެ. ދެވަނަ ފަހަރަށް ކޯތާފަތަށް އަރައިގެންދިޔަ ހަމަލާ އާއިއެކު، ތަޅުންގަނޑުގެ މައްޗަށް ވެއްޓިއްޖެ އެވެ. ނޭފަތުން އޮހިގަތް ލޭތައް އެޅިގެންދިޔައީ، އަނގައިގެ ތެރެއަށެވެ. މޫނު މައްޗަށް އަނދިރިވެ، ދެލޯ މެރެމުން ދަނިކޮށް، ކޮންމެވެސް މީހަކު އައިސް ގޭތެރެއަށް ވަންކަން އެނގުނެވެ. މަންޒަރު ފުސްވެފައިވުމުން، އެމީހެއްގެ މޫނު ފެންނަ ވަރެއް ނުވި އެވެ. އެހެނަސް، އިސްކޮޅުން ދިގު، ޒުވާން ފިރެހެނެއް ކަން އެނގުނެވެ.

ހޭ އެރިއިރު، އަހަރެން އޮތީ، ގޭތެރޭގައި ބަހައްޓާފައިވާ އަށި މަތީގަ އެވެ. ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތެވެ. މިޝްރާ އިނީ، އަހަރެންގެ ކައިރީގަ އެވެ. އަހަރެން ލޯ ހުޅުވައިލުމުން، ގައިގައި ބައްދާލައިފި އެވެ. ވީގޮތަކާއި ބެހޭގޮތުން މިޝްރާ އާއި ސުވާލު ކުރީމެވެ.

"ބޭބެ އައީ... ކީއްވެ ބޭބެ ބުނީ، ދޮންތިއަކީ ކޮއްކޮ މަންމި އޭ؟..." މިޝްރާ ސުވާލު ކުރީ، މައުސޫމު ގޮތަކަށެވެ.

އަހަރެން ސުވާލު ކޮށްކޮށް ވެސް ކޮއްކޮ އިތުރު އެއްޗެއް ނުބުންޏެވެ. ކޮންމެ އެއްޗެއް އަހައިލިޔަސް، ބުނަނީ، ނޭނގޭ ކަމަށެވެ.

ހަވީރު ވީއިރު، މޫސުން ރަނގަޅު ވެއްޖެ އެވެ. އަހަރެންގެ ތަބީއަތު ވެސް ކޮންމެވެސް ވަރަކަށް ރަނގަޅެވެ. ކޯތާފަތުގައި ނޫފައި ގަނެފައިވާ ތަން ރަތްވެފައި ހުއްޓަސް، ކުރިން އިހުސާސް ކުރެވުނު ތަދެއް ނުވެ އެވެ. ތުންފަތުން ފަޅައިގެން ގޮސްފައިވާ ތަނުގެ ވަށައިގެން، ދަނބު ކުލައެއް އަރާފައިވާއިރު، ކޮންމެވެސް ވަރަކަށް ދުޅަ ވެފައި ހުރުމުން، ވާހަކަ ދައްކަން އުނދަގޫ ވިއެވެ. މިޝްރާގެ އެދުމުގެ މަތީން ބޭރަށް ނުކުމެލީ، ސިކުނޑިއަށް ބާރު ކުރަން ފެށުމުންނެވެ.

ދުރުދުރަށް ދާންދެން ފެތުރިފައިވާ ދޮންވެލި ތުނޑި ފެނުމުން ވެސް، ހިތަށް ތަސައްލީ ލިބުނެވެ. ތުނޑީގައި އެކަކު ވެސް ނެތެވެ. އެ ހަމަހިމޭން މާހައުލުން އަހަރެން ބޭނުންވިފަދަ ފުރުސަތެއް ފަހިވެގެން ދިޔަ އެވެ. ވެލިގަނޑުގެ މަތީގައި އޮށޯވެލީމެވެ. ދެލޯ މަރާލުމާއިއެކު ފުންމައިގެން ތެެދުވެވުނީ, ހިތަށް ވެރިވި ބިރުވެރި އިހުސާސް ތަކަކުންނެވެ. ހެނދުނުގެ ހާދިސާ ހަނދާންވެ، ހަށިގަނޑުގައި ދެއަތް ވަށާލެވިއްޖެ އެވެ.

"ތިހާ ހިތްވަރުގަދަ އަންހެން ކުއްޖެއް، އަހަރެންގެ މުޅި ޙަޔާތުގައި ވެސް ނުދެކެން؟..." އިވިގެންދިޔައީ، ކުރީ ދުވަހު ވެސް އިވުނު ފިރެހެންވަންތަ އަޑެވެ. (ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު