އެޗްއާރުސީއެމް ހިންގާ އިމާރާތުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް

އެޗްއާރުސީއެމްގެ ފުރާޅަށް ގެއްލުންވެފައި---

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ހިންގަމުން ދާ އިމާރާތުގެ ހޮޅިއެއް ފަޅައިގެންގޮސް ތަނުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެޗްއާރުސީއެމްގެ ސެކްޓްރީ ޖެނެރަލް ޔާމީން އިބްރާހިމް ވިދާޅުވީ އެ ކޮމިޝަން ހިންގާ އިމާރާތުގެ ތިން ފަންގި ފިލާގައިވެސް ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ފެން ފައިބަން މެދުވެރިވީ އެތަނުގެ ފާހާނާއެއްގެ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާއެކު އެޗްއާރުސީއެމްގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރަނީ ގެއިން އޮފީހުގައި ހުންނަ ސިސްޓަމްތަކަށް އެކްސެސް ވެގެން ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ރޭ ސިސްޓަމްތަކަށް އެކްސެސްނުވެވުމުން، ދިމާވެފައިވާ މައްސަލައެއް ބަލަން މުވައްޒަފަކު އޮފީހަށް ދިޔައިރު މުޅިތަނުގެ ފެންބޮޑުވެ އޮފީހުން ކަރަންޓު ކެނޑިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ފައިތިލަ ފޮރުވޭ ވަރަށް ކޮންމެ ފްލޯއެއްގައި ވަނީ ފެންހެދިފައި. އާންމުން ހުށަހަޅާފައިވާ އެއްވެސް މައްސަލައެއްގެ އެއްވެސް ފައިލަކަށް ގެއްލުމެއް ލިބިފައެއް ނެތް. އެކަމަކު ސިސްޓަމްތަކަށް ވަނީ ފެނުގެ އަސަރުކޮށްފައި. ކަރަންޓު އައިސްގެން ސިސްޓަމްތަކަށް ވެފަ ހުރިގޮތެއް ޔަގީން ވާނީ." ޔާމީން ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ މާލޭ އޮފީހުގައި 72 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ޔާމީން ވިދާޅުވީ މިހާރުވެސް އެ އޮފީހުގައި ވާރޭ ވެހޭ ދުވަހެއް ނަމަ ވާރޭގެ އަސަރު ކުރާ ކަމަށެވެ. އަދި އެކި ފަހަރު މަތިން އެޗްއާރުސީއެމް ހިންގަން އިމާރާތެއް ހޯދުމަށް ދައުލަތުގައި އެދިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިހާރުވެސް އޮފީހުގެ މަރާމާތުގެ މަސައްކަތަށް ކޮންމެ އަހަރަކުވެސް ބޮޑު ހަރަދެއް ކުރަން ޖެހިފައިވާކަން އޭނާ ފާހަގަ ކުރި އެވެ.

"ވަގުތީ ގޮތުން ނަމަވެސް ވަންނާނެ ތަނެއް ލިބުމަށް ވަރަށް ބޮޑަށް އެދެން. އެޗްއާރުސީއެމަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދަނީ އެއްބާރުލުން ދެމުން. ހާއްސަކޮށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ" ޔާމީން ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މައި އިދާރާ ހިންގަމުންދާ އިމާރާތުގެ ފަންގިފިލާއެއްގައި ފެންބޮޑުވެ ދަތިތަކާ ކުރިމަތިލާން ޖެހުނަސް ރައްޔިތުންނަށް ހިދުމަތްތައް ދޭނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"މި ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ކުރުމަށްވަނީ ދަތިތަކާކުރިމަތިލާންޖެހިފައެވެ. އެެހެންނަމަވެސް، ރައްޔުތުންނަށް ޚިދުމަތްދިނުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވަމެވެ. އަދި ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަނަވާހަކަ ދެންނެވީމެވެ." އެޗްއާރުސީއެމްއިން މިރޭ ކުރި ޓުވީޓުގައި ބުންޏެވެ.

"ސަން" އަށް ލިބިފައިވާ ވީޑިއޯއަކުން އެ އޮފީހުގައި ފެންބޮޑުވެފައި އޮންނައިރު މަތިން ފެން ފައިބާތަންވެސް ފެނެއެެވެ.

comment ކޮމެންޓް