މިދޔަ އަހަރު އިޓަލީގައި ކޮވިޑް-19 ފެތުރެން ފެށިކަމަށް އާ ދިރާސާއެއްގައި ބުނެފި

އިޓަލީގެ ވެނިސްގައި އާއްމުން އެއްވެ އުޅޭ ތަންތަން ޑިސްއިންފެކްޓް ކުރަނީ -- ފޮޓޯ: އޭއެފްޕީ

މިދޔަ އަހަރު ޑިސެމްބަރު މަހު އިޓަލީގައި ކޮވިޑް-19 ފެތުރެން ފެށިކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އިޓަލީގެ ނެޝެނަލް އިންސްޓްޓިއުޓް އޮފް ހެލްތު (އައިއެސްއެސް)އިން ނަޖިސް ފެންތައް ބޭނުންކޮށްގެން ކުރި ދިރާސާއެއްގައި ބުނީ ދެ ސިޓީއަކުން ކޮރޯނާ ވައިރަސްގެ ބައިތައް ފެނިފައިވާ ކަމަށެވެ.

އެގޮތަށް ކުރި ދިރާސާގައި ވައިރަސްގެ ޖެނެޓިކް ޓްރޭސް ކުރެވިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާހަމައަށެވެ.

މީގެ ކުރިން ބެލެވިފައި އޮތް ގޮތުން އިޓަލީގައި ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ. އަދި ޗައިނާއިން ފުރަތަމަ ކޭސް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

މީގެ ކުރިން ފްރާންސުންވެސް ބުނީ އެގައުމުގައި ޑިސެމްބަރު މަހު ޓެސްޓްކުރި މީހެއްގެ ސާމްޕަލްއެއް އަލުން މިފަހުން ޓެސްޓްކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އާ ހޯދުންތަކާއެކު ކުރިން ހީކުރިވަރަށް ވުރެ މާކުރިން ކޮވިޑް ފެތުރެން ފެށިކަން މިހާރު ވަނީ ގަބޫލު ކުރެވިފަ އެވެ.

އިޓަލީގެ ނެޝެނަލް އިންސްޓްޓިއުޓް އޮފް ހެލްތު (އައިއެސްއެސް)އިން ބުނީ ދިރާސާތަކުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ މިއަހަރުގެ ފެބްރުއަރީ މަހާ ދެމެދު ވޯޓާ ވޭސްޓޭޖް ޓްރީޓްމަންޓް ޕްލާންޓަކުން ބޭނުންކުރި ފެނުން 40 ސާމްޕަލް ނެގި ކަމަށެވެ.

އެގޮތުން ކުރި ޓެސްޓްތަކުގައި އޮކްޓޯބަރު މަހާ ނޮވެމްބަރު މަހުގެ ޓެސްޓްތައް ނެގެޓިވްވި އެވެ.

އިޓަލީން އެންމެ ފުރަތަމަ ކޮރޯނާ ވައިރަސްގެ ކޭސްއެއް ފެނިފައިވަނީ އެގައުމުގެ ލޮމްބާޑީ ސަރަަހައްދުގެ ކޮޑޮގްނޯ އަވަށުންނެވެ. އެއާއެކު އެގައުމުގައި ކޭސްތައް އިންތިހާއަށް އިތުރުވެ އެގައުމު މާޗް މަހުގެ ތެރޭ، އެއްކޮށް ފުރަަބަންދު ކުރި އެވެ.

އެގައުމުން މިހާތަނަށް 35،000 ހެއްހާ މީހުން ވަނީ މި ރޯގާގައި މަރުވެފަ އެވެ. --ބީބީސީ

comment ކޮމެންޓް