އާލިޔާއާއި މިންކާ ޓެރެސްގައި ތިއްބާ އަރްސަން ގެއަށް ވަންނަން އައިސްފާ މަގުމަތީ އޮތް ބުޅަލަކަށް ކާންދިނެވެ. މިންކާއަށް އެ މަންޒަރުންވެސް ރޮވިއްޖެއެވެ. ރޮމުން ރޮމުން އާލިޔާގެ ގައިގާ ހިފައިގަތެވެ.

"ކިހިނެއްވީ؟ "އާލިޔާ ކަންބޮޑުވިއެވެ.

"އަރްސަން ބޭރުފުށުން ރުޅިވެރިކަން ދެއްކިޔަސް ބޮޑާކަން ދެއްކިޔަސް ކޮންފަދަ މަޑު ހިތެއްގެ ވެރިއެއް. އެ ބުޅަލަށްވެސް ކާންދީފި......" މިންކާ އެހާ ޖަޒުބާތީވީ ސަބަބު އެނގުމުން އާލިޔާވެސް އެކަމާ އެއްބަސްވިއެވެ. އަރްސަންގެވެސް ރަގަޅު ސިފަތަކެއް ހުންނާނެއެވެ. އޭނަގެ މައިންބަފައިންނަކީ ރަގަޅު ޚުލްގެއްގެ ވެރި މާތް ބަޔެކެވެ. އަރްސަން ފެންޑާގެ ފަތްތަރުތަކުން އެރުމުން ރެއިލިންގައި ބަނޑުއަޅާލައިގެން ބަލަން ހަދައިގެން ނުވެއްޓުނީވެސް ކިރިޔާއެވެ. އާލިޔާ މިންގާ ގެ ގައިގާ ހިފަހައްޓާލައިގެން އުޅެނިކޮށް މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވުމުން ދެމީހުންނަށްވެސް ބަލައިލެވުނެވެ. އެމީހުންނާއި އައިސް ހަމަކޮށްލީ އަރްސަންއެވެ. އަރްސަންގެ ނަޒަރު ހުއްޓުނީ މިންކާއަށެވެ.

"ރޮނީ ކީއްވެތަ؟ " އަރްސަން އެހިއެވެ.

"ބިކޯޒް އޮފް ޔޫ....."

"އޭނ. މަށާއި ހެދި.. ކިހިނެއްވީ ޔޯ އަނެއްކާ..މަ ކީއްކުރީތަ؟ "

"ބުޅަލަށް ކާންދިނީމަ..."

"އޯ. ޖޭވީތަ؟ މިންކާ އަނގައިގާ ލައްވާފައި ކާންދީފާނަމޭ. އަހަންނާއި އިންނަންވީނު. ވާލެއްނުވެފައި މިހިރީ. ދެމީހުން ގުޅެންވީ ދޯ އެނޫން ހައްލެއްނެތް.." އަރްސަން ރެއިލިންއަށް ލެނގިލައިގެން ހުއްޓުނެވެ. މިންކާ ދެލޯބޮޑުކޮށްގެން ހުރެފައި ކައިރިއަށް އައެވެ.

"ތިކަހަލަ ސަމާސާނުކުރޭ. މިހުރިހާ ދުވަހު ދުވާލު ހާސް މެސެޖް ކުރަމުން އައިއިރު ދުވަހަކު ރިޕްލައިނުކުރި މީހާ ތިހެން ޕްރޮޕޯސްއެއް ނުކުރާނެ. ތިގޮތަށް ހާޓް ބްރޭކް ނުކުރޭ. ހިތާއި ކުޅެލަން އާ އުކުޅެއް ދަސްކުރީތަ........................" މިންކާ ޔަގީންކޮށްލަން ވެގެން ބުނެލިއެވެ.

"އަރްސަން މޮޔަނުވޭ. މިންކްގެ ލޯތްބަށް ފުރައްސާރަ ކުރާނެކަމެއް ނެތް." އާލިޔާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"މިންކް ސީރިޔަސްކޮށް މިބުނީ. ޒިން ކައިރިން އަހާ ބަލަ. އެންމެ ރަގަޅު ވިސްނަން ހަފްތާއެއް މިދެނީ. އެންމެ ޝަރުތެއްގެ މަތިން. ކައިވެންޏަށްފަހު މިންކާ އާއިލާއާއި އެކުވެރިން ހަދާން ނައްތާލާފައި އަހަންނާއެކު އެހެން ގައުމެއްގައި ދިރިއުޅެންދާން އެންމެނަށް ގުޑްބައި ކިޔާފައި އާއެކޭ ބުނާނީ...." އަރްސަން ހިނގައިގަތްތަން ބަލަން ހުރެފައި މިންކާއަށް މޭގައި އަތް އަޅާލެވުނެވެ. އެއާއެކު އުފަލުންގޮސް މިންކާ އަނބުރައިގަތީއެވެ. ހަށިގަނޑުގެ ހަކަތަ ހުސްވެ ސޮއްސާލައިގެން ދަނިކޮށް އާލިޔާއަށް ހިފެހެއްޓުނުކަމުން އެހާބޮޑު އަނިޔާއެއްނުވެ މާބްލްމައްޗަށް ތިރިވިއެވެ. އާލިޔާ އަވަހަށްގޮސް މޫނުގައި ފެން އުނގުޅާ ހަދަނިކޮށް ހޭލެވުނެވެ.

"މީހުން އުފަލުންގޮސް އަނބުރައިގަންނަންކަން މިއެގުނީ އަލަށް....މާތްﷲ ދުޢާ އިޖާބަކުރައްވައިފި. އަލްހަމްދުލިﷲ." މިންކާ ތެދުވެ އިށީނެވެ.

"އާލިޔާ ބުނިހެން ދުޢާ އިޖާބަވެއްޖެ..." މިންކާ ހީގަތެވެ.

"އިސްތިޚާރާކޮށްފައި ޖަވާބެއް ދެއްޗޭ.." އާލިޔާ ހަނދާންކޮށްދިނެވެ.

މިންކާގެ އުފަލުގައި އާލިޔާވެސް ބައިވެރިވިއެވެ. މިންކާ އަދާއާއި ދޭތެރޭ ވިސްނިއެވެ. އަދާގެ ކުރީގެ ލޯބިވެރިޔާއާއި އެންމެ ގާތް އެކުވެރިޔާ ކައިވެނި ކުރުމުން އަދާ އޭނަދެކެ ހިތްހަމަނުޖެހޭނެކަން ނޭގެއެވެ. އެކުވެރިކަންވެސް ނިމުމަކަށް އައިސްދާނެއެވެ. ނަމަވެސް ދުނިޔެއަކީ އަޖައިބެއްފަދަ ތަނެކެވެ. ގުޅުންތައްވެސް ވަނީ ލާމެހިފައެވެ. އަދާ ވީ ހަމައެކަނި އޭނަގެ އެކުވެރިޔާއަކަށް ނޫނެވެ. އޭނަގެ ބޮޑުބޭބެގެ އަންހެނުންނަށްވެސް މެއެވެ. އާއިލީ ގުޅުން ކަނޑައިލަން އެހާ ފަސޭހައެއް ނުވާނެއެވެ. ނަމަވެސް އަރްސަން ގެ ޝަރުތު ހަދާންވުމާއެކު ހުރިހާ އުފާތަކެއް ފެނަށްވެގެން ފައިދަށަށް އެޅުނެވެ. އޭނައަށް އަރްސަން މިލްކުވާއިރު މުޅި އާއިލާއާއި ގުޅުން ކަނޑައިލާ ދުރަށް ދާން ޝަރުތުކުރީއެވެ. މިއީ އިންސާފެއް ބާވައެވެ. ވަރުގަދަ ފިރިހެނެކެވެ. ލޯބި ކާމިޔާބުވީއިރު އެހެން ދިމާލަކުން މައްސަލަގަނޑެއް ހިލިއްޖެއެވެ. ދުނިޔެއަކުން ހުރިހާ އުފާތަކެއް ހާސިލު ކުރަން އުޅުމަކީ ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމެކެވެ. މިންކާ ބޭނުމީ އިސްތިޚާރާ ނުކޮށް އަރްސަންއާއި ކައިވެނި ކުރުމަށެވެ. އެއަށްވުރެ މާ ބޮޑަށް ލޯބިވަނީއެވެ.

***

ރާހިލްގެ ދައުވަތަކަށް މާޒިންއާއި އާލިޔާ އިސްލާމިކް ރިޒޯޓަށް ދިޔައެވެ. އެއީ އަސްލު މާޒިން އެހެން ތަނަކަށް ދާން ޕްލޭން ކުރަނިކޮށެވެ. މަހުދީގެ އިންޒާރުތަކުން ހިތުގައި އަށަގަތް ބިރުވެރިކަމުން އަރައިގަންނަން އޭނަ ބޮޑަށް މަސައްކަތް ކުރަމުން ދިޔައީ އާލިޔާގެ ގާތުންނެވެ. މާތްﷲގެ ރުހިވޮޑިގަތުން ހޯދުމާއި އުފާވެރިކަން ރޫހާނީގޮތުން ހޯދަން އޭނަ އާލިޔާ އަދި ޕޭޖްގެ އެހީ ހޯދިއެވެ. އާލިޔާ ގެއްލިދާނެތީ ބިރުގަތްނަމަވެސް މާތްﷲއަށް އިތުބާރުކޮށް ދީނާއި ގާތްވާން އޭނަގެ ހިތުގައި ރޫހެއް އުފެދިއްޖެއެވެ. ހިތްގައިމު އަމާން މާހައުލެކެވެ. އެމީހުންނަށް ހަމަޖެހުނު ޕްރައިވެޓް ވިލާގެ ކޮޓަރިތައް އަރާމުކަމާއެކު ޕޫލްއަކާއި ޖަކޫޒީއެއްވެސް ވިއެވެ. އާލިޔާ ޕޫލަށް އެރޭހިތްވެފައި ހުރިވަރުން އަވަހަށް ނިގާބު ނަގާފައި ބުރުގާވެސް ބޭލިއެވެ. މޫދަށް އެރެންވެގެން އައީވެސް އަތްކުރު ހެދުމަކާއި ޓައިޓެއްލައިގެންނެވެ. އިސްތަށިގަނޑު ވޫލްގަނޑަކުން އައްސާލައިގެން ހުރުމުން މޫދަށް އެރެން ހަމަ ތައްޔާރަށެވެ.

"ފްލޯޓްކުރަން ދަސްކުރަން ބޭނުން...." އާލިޔާ އެދުނެވެ.

"ދެން ކޮންކަމެއް.." މާޒިން އެހިއެވެ.

"ބައިކް ދުއްވަން. މިތަނުގައި އޮތް ބައިކް ލޭން ފެނުނީމަ ހިތަށް އެރީ......" އާލިޔާ ހީލަމުން ބުނެލިއެވެ. އާލިޔާ ހުރިހާ ވަގުތެއްގައި ހިނިތުންވެލައިގެން ހުންނަ މަންޒަރަކީ މާޒިންއަށް އެންމެ ރީތި ސިފައެވެ. މާޒިންވެސް ދިގު ސޯޓެއް އެކަނި ލައިގެން ޕޫލަށް ފުންމާލައިފިއެވެ. ފުން ދިމާލުން ފަތާފައިގޮސް އިސްކޮޅު ކާ ހިސާބަށް އެރުނެވެ. ފެންގަނޑުއޮތީ އޭނަގެ އުނަގަނޑަށްވުރެ ތިރިއަށެވެ. އާލިޔާ އެތާހުރި ކުޑަ ސިޑިކޮޅުގެ އެހީގައި ޕޫލަށް އެރުނެވެ. އާލިޔާގެ ލޮލަށް ފެންގަނޑުގެ ކުލަ އެޅުމުން ވަކިން ރީތިވިއެވެ.

"ސޯ.............މިގޮތަށް ހަދާނީ..." މާޒިން އާލިޔާގެ ފައި ޕޫލްގެ އަރިފަށުގައި ޖައްސާފައި އަތުގައި ހިފެހެއްޓިއެވެ.

"ބިސްމިﷲ..." މާޒިންގެ އެހީގައި އާލިޔާ ފެންގަނޑުމަތީ އޮށޯވެލިއެވެ.

ފެންގަނޑުގެ އަޑިއާ ހަމަޔަށް ކަންފަތް ލުމުން އަޑިއަށް ނުދާނެކަމުގެ ޔަގީންކަން މާޒިން ދިނެވެ. ނަމަވެސް ކަންފަތާއި ހަމަޔަށް ފެންގަނޑަށް ގަނބައިގަތުމާއެކު އާލިޔާ ކަންބޮޑުވެ ތެޅިގަތުމުން ކުޑަކޮށް ފެންވެސް ބޮވުނެވެ.

"އިޓްސް އޯކޭ ފަސްޓް ޓައިމްވީމަ. ވިލް ޓޭކް ބޭބީސްޓެޕްސް..." މާޒިން ފުރަތަމަ އާލިޔާއަށް ފެންމަތީ އޮންނަންވީގޮތް ދައްކުވާދިނެވެ. މާޒިން ލޯ މަރާލައިގެން އަރާމުކޮށް އޮތްތަން ބަލަން ހުރީ ޝައުގުވެރިކަމާއެކުގައެވެ.

"ސުޕަ ރިލެކްސްޑް ދޯ...." އާލިޔާ ބުނެލިއެވެ.

"ވަރަށް ބޮޑަށް...މިހާރު ރެޑީތަ؟ ބޮލާއި ހަށިގަނޑުގެ ޕޮޒިޝަން ވަކިގޮތަކަށް ބެހެއްޓީމަ ނެޗުރަލީ ފެންމަތީ އޮވެވޭނެ. ރިލެކްސްކޮށްލާނީ.......ހިނގާ އަދި ޓްރައިކޮށްލަމާ..." މާޒިން ތެމިފައިވާ މޫނުގައިވާ ފެންތައް އަތުން ފޮހެލިއެވެ.

މިފަހަރު މާޒިން ކުރިއަށްވުރެ ގާތްވިކަން އިހުސާސްވެ އާލިޔާގެ ހިތް ތެޅިގަތެވެ.

"މިގޮތަށް......" މަޑުމަޑުން އާލިޔާގެ ހަށިގަނޑުގައި ހިފަހައްޓާލުމުން އާލިޔާ ދެލޯ މަރާލައިފިއެވެ.

"ރިލެކްސް އިނގޭ. ގެނބުނަކަ ނުދޭނަން އިންޝާﷲ. އަހަންނަށް ޓްރަސްޓްނުކުރިޔަސް އެނގޭ އާލިޔާ މާތްﷲއަށް އިތުބާރުކުރާނެކަން. ވީމަ ހާސްނުވޭ. ތިއީ ބަލިކަށި ކުއްޖެއްނޫން..."މާޒިން އާލިޔާގެ ދަތްދޮޅީގައި ހިފާ ކުޑަކޮށް އުފުލައިލިއެވެ. "މިހާރު ބަރާބަރު.."

"މާޒިން ތިބުނީ ތެދެއް. އެއްކަލަ ދުވަހު މޫދަށް ވެއްޓުނުފަހުން ފާޑެއްގެ ފޯބިއާއެއް ހުރޭ އެކަމަކު ހެއްދެވިފަރާތަށް އިތުބާރުކޮށްފައި ސަވައިވްވާން ޖެހޭ ކޮންމެ ކަމެއް ދަސްކުރަން ނިޔަތްގަތީ. ވަށައިގެން ކަނޑު އޮންނައިރު ފަތަން އެނގެންވާނެ. މާމައަށްވެސް ދަސްކޮށްދޭނަން ޑިމެންޝިއާ ނެތްނަމަ.." އާލިޔާ ބުނެލިއެވެ.

"ތިހެން ބުނީމަ އައިޑިއާއެއް އަތުވެއްޖެ. އުމުރުން ދުވަސްވީ މީހުންނަށް ފަތާ ކޯހެއް ބާއްވަންވީ. ރިލްކެސްވެސް ވާ ކަމެއްނު. ރަގަޅު ކަސްރަތެއް. އެކަމަކު ވަރަށް ކެތްތެރި ޓީޗަރަކު ބޭނުންވާނެ.."

އާލިޔާ ލޯ ހުޅުވައިލުމުން މާޒިންގެ މޫނު ފެނުނުލެއް ކައިރިކަމުން ލަދުންގޮސް ރަކި ހިންޏެއް ހީލެވުނެވެ. އެއާއެކު އަވަހަށް ތެދުވެގެންގޮސް ޕޫލްގެ އަރިމަތީ ހިފަހައްޓާލައިގެން ހުރެ މޫނުން ފެންފޮޅައިލިއެވެ.

"އަހަރެން ފަތަން ދަސްކޮށްގެން ކްލާހެއް ހިންގަފާނަން...."

"ތިދެން ފަތަން ދަސްކުރަން އުޅޭ ކުއްޖެއްތަ؟ މިހާރު ނިންމާލާފައި ތި ތެދުވުނީ...." މާޒިން ގެ ނަޒަރު އާލިޔާގެ މޫނުން ދުރަކަށް ނުދެއެވެ.

"ނޫން. އަދި ނިންމާލީއެއްނޫން. ދަސްކޮށްފައި ހުއްޓާނީ އިންޝާﷲ......"

އެނިޔަތުގައި ދެމީހުން ޕޫލްތެރޭ އުޅެފައި ފެންގަނޑުން އެރިއެވެ. ޖޫހާއި އެކު ލުއި އަރަބި ކެއުންތަކެއް ގެނެސްފައި ހުރުމުން ކުއިލްޓްމަތީ ތިބެ ކާންފެށިއެވެ. އައިސްކްރީމްތަށްޓެއް ބޭނުންވެގެން އުޅުނީ އާލިޔާއެވެ. އެކަމަކު ނިމުނުއިރު އެތަށިވެސް ކައިލީ ދެކުދިން ބަހާލައިގެންނެވެ. މާޒިންއާއި އޮތް ގުޅުން އިތުރަށް ގާތްވީ ދެވަނަ ސެޝަނުގައެވެ. ފެންމަތީ އޮންނަން ދަސްވެ ނިމުނުއިރު ދެމީހުންގެ ގުޅުންވެސް އިތުރު ބާބަކަށް ހިގައްޖެއެވެ. މާޒިންގެ ފޯނުން ނެގި ސެލްފީތައް ވަރަށް ހިތްގައިމެވެ. މޫނާއި މޫނު ޖައްސާލައިގެން ފެންގަނޑުގެ ތެރޭ ތިބި ފޮޓޯތައް ސާފުކަމުން އޮމާން ހަމުގައި ފެންތިކިތައް ބަބުޅާއިރު މުތީތައް ފަދައެވެ. ފެންވަރާލައިގެން މާޒިން މެންދުރު ނަމާދަށް މިސްކިތަށް ދިޔައީ ރާހިލްއާ ރުކުން އަދި އެހެން އެކުވެރިންނާއެކުގައެވެ. މުސްލިމް އަޚުންތައް އެކީ އުޅޭއިރު މުއްސަންޖެއް ފަގީރެއް އެހެން ގައުމަކަށް ނުބަލާ އެކުވެރިކަމާއެކު އުޅޭތަން ފެނުމުން އާލިޔާވެސް އުފާވިއެވެ. މެންދުރު ވެސް ކެއީ މެދުއިރުމަތީގެ ކެއުމެކެވެ. ޒައިތޫނު ތެލާއި ތީންކަހަލަ އެއްޗެހި ބޭނުންކޮށް ސިއްހީގޮތުން ފައިދާ ހުރިގޮތަށް ތައްޔާރުކޮށްފައިވާ ކާނާއެވެ. މާޒިންއާއި އާލިޔާއަށްވެސް މީރުވިއެވެ. އިރުއޮއްސުނު މަންޒަރާއެކު ފޮޓޯނަގާފައި ދެން އެހެން ދުވަހަކުން އަންނަން ވައުދުވެފައި މާޒިންއާއި އާލިޔާ ލޯންޗުގައި މާލެ އަންނަން ދަތުރު ފެށިއިރު މާޒިން ހުރީ ހިތްހަމަޖެހިފައެވެ. އާލިޔާ އިރާދަކުރެއްވިއްޔާ އޭނަގެ އަންބެއްގެ މަގާމުގައި އަބަދަށް ހުންނާނެއެވެ.

***

އަރްސަން މަސައްކަތް އެހާ ކާމިޔާބު ނުވިޔަސް އޭނަގެ ނުފޫޒުގެ ސަބަބުން ސަރުކާރުގެ ވަޒީފާތަކުން "އެކްސްޓްރީމިސްޓު" އިން ކަމުގައި އޭނަ ކަނޑައެޅި މުވައްޒަފުން ވަކިކުރުވިއެވެ. ޝޭޚުންގެ ދަރުސްތައް ގާތްގަނޑަކަށް ހުއްޓުވިއެވެ. ވާހަކަދެއްކޭނީ ހަމައެކަނި އެމީހުން ގަބޫލުކުރާ ގޮތަށް ވާހަކަ ދެއްކޭ މީހުންނަށެވެ. ފައިސާގެ ދަހިވެތިކަމުގައި ދީން ވިއްކާލާ ޝޭޚުންނަށެވެ. ދީނީ ޗެނެލްތަކާއި ނޫސްތައް ބޮޑު އަގުން ޖޫރިމަނާކުރިއެވެ. އަރްސަންއަށް ވެވެން އޮތްހާ ކަމެއް އޭނަ ކުރީ މުޖުތަމައަށް ރަގަޅަކަށް ކަމަށާއި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށް ބުނެ މެދުމިނުގެ މީހުންގެ އަޑު ވެސް ކަނޑުވާލައިފިއެވެ.

ރާހިލްގެ ރިޒޯޓް ޖޫރިމަނާ ކުރީ މިނިސްޓްރީގެ ބައެއް ގަވާއިދުތަކަށް ނުފެތޭތީ ކަމުގައި ބުނެފައެވެ. ނަމަވެސް ރާހިލްއަށް އެއީ ހަމަނުޖެހޭ ބުހުތާން ދޮގެއްކަން އެނގުނެވެ. އެހެން ހުއްޓާ ދެން ކުރިމަތިވީ އެހެން ތޫފާނެކެވެ. ރިޒޯޓުގައި ތިބި ފަތުރުވެރިން ކޮންމެވެސް ގޮތަކަށް ވިހަވީއެވެ. އެ ރިޒޯޓުގެ އަގު ވެއްޓުުމުގެ އިތުރުން އޭނަ ސިފައިންގެއަށް ގެންގޮސް ސުވާލުކުރެވުނެވެ. ދެން އައީ ދެވަނަ ތޫފާނެވެ. އެހެން ރިޒޯޓަކަށް ދިޔަ ލޯންޗެއް ގޮއްވާލުމުގެ ޒިންމާ އެޅުނީ ރާހިލްގެ ބޮލުގައެވެ. ރާހިލް ގޭގައި ހުއްޓާ ހައްޔަރުކޮށްގެން ދާން އުޅުމުން ސުކައިނާވެސް ރުޅިއައެވެ.

"ރާހިލް ތިކަހަލަ ކަމެއް ނުކުރާނެ. ދަރިފުޅާ ބުނޭ ދޮގެކޭ.."

ޖިބްރީލް އަރްސަން އަދި މާޒިންވެސް ހައިރާންކަމާއެކު ލޯމަތީ ނިއުޅެމުންދާ މަންޒަރު ބަލަން ތިއްބެެވެ. ބައްޕަ މައިމޫން ހުންނެވީ ބައްދަލުވުމެއްގައި އޮފީހުގައެވެ.

"މަންމާ. ކަންބޮޑުނުވޭ. ނަތިން ވިލް ހެޕެން އިންޝާﷲ.." ރާހިލް ހީލިއެވެ.

"ރާހިލްވެސް ހަރުކަށި ޖަމާއަތުގެ ލީޑަރަކަށް ވީ ދޯ...." އަރްސަން ހަށަން ބަދެލައިގެން ހުރެފައި ގޮސް ސިފައިންގެ މީހެއްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. "ލީވް..."

'ސަރ....." އޭނަ އެއްޗެކޭ ބުނަން އުޅުނެވެ.

"ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެއްނު. މިގެންގޮސް ކޯޓަށް ދީ." އަރްސަން ވަގުތުން އެއް ލައްކަ ރުފިޔާގެ ޗެކެއް ލިޔެދިނެވެ.

"އަހަރެން ބޭނުމީ ކޯޓަށްދާން. ތިއީ ތިކަން ކުރަން އޮންނަ އުސޫލެއްނޫން.." ރާހިލް ރުޅިއަންނަގޮތްވިއެވެ.

"އަހަރެމެންގެ އަގު ވައްޓާލާފަދަ އެއްވެސް ކަމެއް ރާހިލްއަށްވެސް ކުރެވިގެން ނުވާނެ. ކޯޓު އަމުރަކާ ނުލައި ސިފައިންނަށްވެސް ވަދެވިގެން ނުވާނެ." އަރްސަން ހަރުކަށިގޮތަކަށް ބުނެލިއެވެ.

ސިފައިން އަރްސަންގެ އަމުރަށް ކިޔަމަންވެ އެތަނުން ނުކުމެގެން ހިނގައިގަތުމުން ސުކައިނާ ރާހިލްގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.

"ކުކީ. ކިހިނެއް މިވަނީ؟ ކާކު ދަރިފުޅުގެ ބޮލަށް އެރި ސިކުނޑި ދޮވެލީ؟ "

"ދީނަށް ލޯބިކުރުމަކީ ސިކުނޑި ދޮވެލުންކަމަށް އެންމެން ހީކުރާ ސަބަބެއް އަޅުގަނޑަށް ނޭގޭ. ގޯސްކަމެއް ކުރީއެއްނޫން. އެކަމަކު.........."

"ގޯސްކަމެއްނުކޮށް އެހެން ރިޒޯޓުތަކަށް ގެއްލުންދޭން ބޮން ގޮއްވަން އިސްކޮށް ހުރީ؟ "އަރްސަން ބުމަ އަރުވައިލިއެވެ. ރާހިލް ޖަވާބުދޭން އަނގަ ހުޅުވާފައިވެސް ބާރުބާރަށް ހިނގާފައިގޮސް ލޯމަތިން ގެއްލުނެވެ.

އެ މަންޒަރުދެކެން ސިޑިބަރީގެ އެއްފަރާތުގައި ހުރި އާލިޔާ ރާހިލްއާއިމެދު ހަމްދަރުދީވިއެވެ. މާޒިން އޭނަ ގާތަށް އައިއިރު މޫނުމަތިން ފެނުނު މޮޅިވެރި އަސަރުތައް އާލިޔާގެ ހިތް ރޮއްވައިލިއެވެ. އޭނަގެ އެދުމަކީ މާޒިން އުފަލުގައި ހިނިތުންވެލައިގެން ހުރުމެވެ. ރާހިލްއަށް ދިމާވި ހާދިސާއިން މިއެނގެނީ ކިތަންމެ މުއްސަދި މޮޅުމީހުންގެ ދަރިންވިޔަސް ހިތާމަތަކާއި އުދަގޫތަކާއި ކުރިމަތިލާން ޖެހޭނެކަމެވެ. ދިރިއުޅުމުގެ ދެވަނަ ނަމަކީވެސް އެއީއެވެ.

"އާލިޔާ. ހައްދު ފަހަނަޅާ ދިޔުމަކީ ކޮބާތަ؟ ދީނުގައި އެފަދަ ނަމެއް އޮވޭތަ؟ " މާޒިން އަހައިލިއެވެ.

"އައިމް އޯލްސޯ ލާނިން. ޝޭޚުންގެ ވީޑިއޯތަކާއި އެއްޗެހި ބަލައިގެން ދަސްކުރަނީ. މި ވީޑިއޯ ބަލާލަބަލަ.." އާލިޔާ އޭނަގެ ފޯނު މާޒިންއަތަށް ދިނެވެ. އަރްސަން ވަަރަށް ހައިރާންކަމާއެކު އެ މަންޒަރު ދެކެން ހުއްޓެވެ. ދުވަސްކޮޅަކުން އާލިޔާގެ ސަބަބުން މާޒިންވެސް ނިރުބަވެރިއަކަށް ވެދާނެއެވެ. ޓެރެރިސްޓުންގެ އަމަލުތަކާއިހެދި ދުނިޔެ ހަލާކުވެގެން ދަނީއެވެ. ދީނުގެ ނަމުގައި ކުރާ ތަފާތު ހަގުރާމަތަކުގައި ކުށެއްނެތް އެތައް ބަޔެއްގެ ދިރިއުޅުން އެފުށްމިފުށަށް އެބަޖެހޭ ނޫންހެއްޔެވެ؟ އޭނަ މިކަން ހުއްޓުވާނެއެވެ. އާލިޔާ މިގޭގައި ހުރެގެން ގެވެސް އިސްލާމްކޮށްލަނީއެވެ. މަޑުމަޑުން އެހެންމީހުންނަށް ނޭގޭގޮތަށެވެ. މަންމަވެސް އާލިޔާގެ ނުފޫޒު ނުވަތަ ޖާދޫގައި ޖެހިފައެވެ. މަންމަވެސް ސަލާމް ގޮވުމާއި "އިންޝާﷲ" ފަދަ ބަސްތައް ބޭނުންކުރުން ގިނަވެއްޖެއެވެ. އެއީ ފެށުމެވެ. ހައްދު ފަހަނަޅާ ދާނީ މަޑުމަޑުންނެވެ. އަރްސަންގެ ވިސްނުންތައް ހުރީ އެހެން މިސްރާބަކަށެވެ.

އެދުވަސްކޮޅު ޖިބްރީލްއާއިއެކު އަރްސަންވެސް ފުރިއެވެ. ރާހިލް އެހެން އެޕާޓްމެންޓެއްގައި ހުންނަނީ އާލިޔާއަށް މިނިވަންކޮށް އުޅެވޭނީ އޭރުންކަމަށްވާތީއެވެ. އެހެންނޫނަސް ގިނައިން ރިޒޯޓުގައި އުޅެންޏާ ގެއަށް އަންނަން ވަގުތެއްވެސް ނުވާނެއެވެ.

މިންކާ އިސްތިޚާރާކުރިއެވެ. އާލިޔާ ބުނިގޮތް ގަބޫލުކޮށްގެން ގިނަވަގުތު ނަމާދުކުރުމާއި ޒިކުރުކުރުމާއިގެން މަޝްޣޫލުވިއެވެ. ފަހުން މިންކާއަށް ޔަގީންވީ އަރްސަން އިލާހަކު ވާކަން ގަބޫލުކުރިޔަސް މުސްލިމެއްނޫންކަމެވެ. އެކަން އެނގުމުން އަދާފަދައިން ލޯބި ގުރުބާންކުރަންވީތޯ ހިތާއި ސުވާލުކުރެވުނެވެ. މުސްލިމަކަށް ނުވަންޏާ ކައިވެނި ސައްހައެއްނުވާނެއެވެ. އޭނަ ގިނަ ވަގުތު އަޅުކަމާއިގެން މަޝްޣޫލުވެގެން އުޅެމުންގޮސް އެއްރޭ ފެނުނީ ތަފާތު ހުވަފެނެކެވެ. މައްކާގެ ހަރަމްފުޅުކައިރީ ދުޢާކުރަން ހުއްޓާ އަރަބި ހެދުން އަޅައިގެން ހުރި މާތް ވައްތަރުޖަހާ ބޭކަލަކު ބުނީ ވަގުތު ކުޑަތަންވަނީ ކަމަށާއި އިސްލާހުވެގެން ތައުބާވުމަށެވެ. އޭރުން ހިތަށް ތަސައްލީ ލިބޭނެކަމުގައެވެ. ހޭލެވުނުއިރު މިންކާގެ ކަރުނުން ބާލީސް ތެމެމުން ދިޔައެވެ. ވަގުތުން ތެދުވެގެންގޮސް ދަމު ނަމާދުކޮށްގެން މުސައްލަމަތީ އިނދެގެން ދެއަތް މައްޗަށް އުފުލާލައިގެން ދުޢާކުރިއެވެ.

***

އަރްސަންއަށް މާޒިން ބަދަލުވެ އާލިޔާގެ ކޮޅަށް ޖެހި ހުސްވާންފެށިކަން އެނގުނީ އޭނަގެ އަމަލުތައް ބަހައްޓާގޮތުންނެވެ. ވަޒީފާއިން އަންނަގޮތަށް ގިނަވަގުތު ހޭދަކުރާނީ ގެޒެއިނިއާގައެވެ. އާލިޔާގެ މާމަ ގޮވައިގެން ތަންތަނަށް ދާއިރު މާޒިންވެސް އެމީހުންނާއި ބައިވެެރިވެއެވެ. އިޝާނަމާދަށްފަހު އާލިޔާއާއެކު ޓެރެސްގައި ނޫނީ ކޮޓަރީގައެވެ. އަރްސަން ކަމެއް ރޭވިޔަސް މާޒިން ބައިވެރިވާކަމަކަށް ނުވެއެވެ. އޭނަގެ ކޮންމެވެސް ބައްދަލުވުމެއް ނޫނީ ޕްރޮގްރާމެއް އޮންނާނެއެވެ. ހުކުރުދުވަހު ހަވީރު ބާބެކިއުއަށް އޭނަ ހުންނަ ގެއަށް އަންނަން ދައުވަތު ދިނުމުންވެސް ޕްލޭނެއް އެބައޮތޭ ކިޔާފައި ނައެވެ. އަރްސަންއަށް ފެނުނީ އާލިޔާއާއެކު ރެސްޓޯރެންޓަކުންނެވެ. އޭނަގެ ދައުވަތު ގަބޫލުނުކޮށް އާލިޔާއާއެކު ކޮފީއެއްގައެވެ. ރޭގަނޑު އަންނަން ބުނުމުން އެރޭވެސް މާޒިން އުޒުރުވެރިވިއެވެ. އެގޮތަށް މާޒިން އުޒުރު ދައްކާންފެށުމުން އަރްސަން ރުޅިއަންނަގޮތްވިއެވެ. އޭނަގެ އާއިލާ ކުރިން އުޅުނީ ކިހާ އުފާވެރިކޮށް އެކުވެރިކޮށްހެއްޔެވެ؟ އާލިޔާފަދަ ދީނީ މީހުންތައް އައިފަހުން ކުއްލިއަކަށް ހުރިހާ ކަމެއް ޚަރާބުވެއްޖެއެވެ. އާއިލާގެ އެއްބައިވަންތަކަމާއި އެކުވެރިކަންވެސް އަދި ލޯބިވެސް ފަނޑުވެ ގުޅުން ކެނޑެންފެށީއެވެ.

އަރްސަން ރިޒޯޓަށް ދާންވެގެން ގުޅުމުން މާޒިން ބުނީ ވިއްސާރަކަމުން ކަންނެތްވެ އަވަހަށް ނިދަން ބޭނުންވާ ކަމަށެވެ. އަރްސަން މާލެ އަންނަން ލޯންޗަށް އެރީ ޔެލޯ އެލާޓް ނެރެފައި އޮތްވައެވެ. އެބުނާހެން ފިނިގަދަކަމުން ކޮންމެ އިންސާނަކުވެސް ރަޖާގެ ދަށުގައި އަރާމުކޮށް ނިދާލާފައި އޮންނަން ބޭނުންވާފަދަ ތޫފާނީ ރެއެކެވެ. ދޭތެރެއަކުން އަންނަ ކެރިގަނޑުގައި ފުރާޅުތައްވެސް އެއްލާލަފާނެފަދައެވެ. ގުގުރީގެ އަޑުގަދަކަމުން ހިތްތައް ބިރުގަންނަވައިލައެވެ. ވިދުވަރުގެ ހުދު ރޮގުތައް ދޭތެރެއަކުން ފެނިލާއިރު ލޯ މަރައިލަން މަޖުބޫރުކުރުވައެވެ. އާލިޔާއާއި މާޒިން ޓެރެސްގައި ވާރޭވެހޭ މަންޒަރު ބަލައިލަން ތިއްބެވެ. ކުޑަ މޭޒުމަތީގައި ވަޔާ ހެލިލަ ހެލިލާ ހުރި އުށްބައްތީގެ ހުޅުކޮޅު ކިރިޔާ ނުނިވި ހުރިކަމެެވެ. ނަމަވެސް އުއްބައްތި ހުރީ ވައިރޯޅިތަކުން ހިމާޔަތްކޮށްދޭފަދަ ބިއްލޫރި އެއްޗަކަށް ލާފައިކަމުން އެ އަންނަ ބާރު ވައިރޯޅީގެ އަސަރު އެހާ ބޮޑަށް ނުކުރަނީއެވެ. ދެމީހުން ބޯ ޖެހޭހާ ގާތުގައި ތިބެ ވީޑިއޯތަކެއް ބަލާފައި ހެނީއެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތްފަދައެވެ. އަރްސަންވެސް ކޮފީއެއް ހަދައިގެން އައީ މައްޗަށެވެ. އޭނަ ފެނުމުން އާލިޔާ ކަންބޮޑުވެފައި އަވަހަށް ސޯފާމަތީއޮތް ޝޯލް މޫނާއެކު އެޅިއެވެ.

"ޒިން ހާދަ ވަރަކަށް ތި ނިދަނީ....."

"މިކަހަލަ ފިނި ރޭރޭ ނިދާފައި ހޭލާފައި އެހެން ދޯ އުޅޭނީ....." މާޒިންވެސް ކުޑަކޮށް ކަންބޮޑުވިއެވެ. އާލިޔާއާއިއެކު އުޅެން ހަދައިގެން ލޯބިވާ އެހެންމީހުންނަށް ވަގުތު ނުދެވޭކަން ވިސްނުނެެވެ." ސޮރީ މިރޭ ނުދެވުނީމަ. ދަތުރު ކުރާކަހަލަ ރެއެއްވެސް ނޫނެއްނު."

"އާލިޔާ. ތި މާ މައްޗަށް ދަނީ އިނގޭ." އަރްސަން ބަލައިލީ ނުރައްކާތެރި ނަޒަރަކުންނެވެ.

"ތިއްތި. ދީނަށް އުޅޭ ކުދިން މަހުރަމުން ނޫން މީހުންގެ ކުރިމަތީގައި ފޮރުވިގެން ތިބޭނީ. ފިތުނަތަކުންވެސް ސަލާމަތްވާނެ. ރައްކާތެރިވުމުގެ ގޮތުން ދީނުގައި އެގޮތަށް އޮތީ. ޕްލީޒް ރެސްޕެކްޓް ހާ ޑިޒިޝަން.." މާޒިން ބުނެލީ ރީތިކޮށެވެ.

"އެހެންވެ ފާޑުފާޑަށް ޕޭޖްގައި އާލިޔާ އެކްޓިވްވެގެން ވެރިކަމާއި ދެކޮޅަށް ލިޔަން ފެށީ؟ މިވެރިކަމަށް ހަޖޫ ޖަހާމީހުންނަށް ލައިކް ކޮށް ރީޓްވީޓްކޮށް ހަދަނީ؟ "އަރްސަން އެހިއެވެ.

"ސަބަބަކީ އަންފެއާކޮށް ކަންތައްވަމުން ދާތީ. އިސްލާމިކް މިނިސްޓްރީން ހަނު އޮތީމަ. މުސްލިމެއްގެ ގޮތުގައި ހުރެ އެ މަންޒަރު ބަލަން ކެތެއްނުކުރެވޭ. " އާލިޔާ ބުނެލިއެވެ.

"އާލިޔާގެ ޕޭޖަށް ތިއްތި ވަންނަކަން އެނގުނީމަ އުފާވެއްޖެ." މާޒިން މަސައްކަތްކުރީ ހޫނުވަމުން ދިޔަ މާހައުލު ފިނިކުރުމަށެވެ.

"ތިހެން އުޅެން އެ ބައިގަނޑުތެރެއަށް ދޭ. މިގެއަކު ނުހުރެވޭނެ....." އަރްސަން އަމުރުވެރިގޮތަކަށް ވާހަކަ ގެންދަން ފެށުމުން މާޒިންވެސް ރުޅި އަންނަގޮތްވިއެވެ.

"ނޫން އާލިޔާ ނުދާނެ. ޝީޒް މައި ވައިފް...." މާޒިންއަށް ބޭ އިޚުތިޔާރުގައި އާލިޔާގެ ކޮނޑުގައި އަތް ބާއްވާލަމުން ގަޔާއި ކައިރިކޮށްލެވުނީ ހިމާޔަތްދޭފަދަ ގޮތަކަށެވެ.

"ރީތިކޮށް ބުނެގެން ނުދަންޏާ ގަދަކަމުން ނެރެލާނީ..." އަރްސަން އެންގިއެވެ.

"މޮޔަވީތަ؟ "

"ކަލޭ މައިތިރިވެގެން ހުރޭ......" އަރްސަން ކުއްލިއަކަށް ކުރިއަށް ޖެހިލާފައި އާލިޔާގެ އަތުގައި ހިފެހެއްޓުމުން މާޒިން ތެދުވެ އަރްސަން ދުރުކޮށްލަންވެގެން މޭމަތީގައި އަތް އަޅާ ކޮށްޕައިލިއެވެ. ނަމަވެސް ގަދަވާންފެށީ އަރްސަންގެ ކޮޅެވެ. އާލިޔާ އުޅުނީ އަރްސަންގެ އަތުތެރެއިން އަތް ނައްޓުވާށެވެ.

ދެމީހުންގެ ދެކޮޅުހެދުންތައް ފެނުމުން އަރްސަން ދުރަށް ޖެހުނެވެ. އާލިޔާއަށް މާޒިންގެ އަތަށް ބާރުކޮށްލެވުނެވެ. ކަނޑުގައި އޮޔާބެހެމުން ދަނިކޮށް އެއްޗެއްގައި އަތް ޖެހުމުން ސަލާމަތަށް އެދި ހިފާފަދައިންނެވެ.

"މާޒިން. ތި ކިހިނެއް ހަދަނީ؟ ހަމަ ރަގަޅަށް ފޯލްވީތަ؟ ޑީލްއެއް ހަދައިގެން މެރީ ކުރީ. އަހަންނާއި ގުޅުވާށޭ ކިޔާފައި. ޑިޑް ޔޫ ފޮގެޓް ދެޓް...މިހާރު ޑީލް ބްރޭކްކުރީތަ. "އަރްސަންގެ އެ ޖުމްލައިގެ މަގުސަދު ވަގުތުން ހާސިލުވިއެވެ. މާޒިންގެ މޫނަށް ބަލާފައި ވަގުތުން އެއަތުން ދޫކޮށްލުމަށްފަހު އާލިޔާ ދުރަށް ޖެހުނެވެ.

"މަހުދީ ހުރީ ހިތްހަމަ ނުޖެހިފައިކަންވެސް އެނގެއެއްނު. ޝޭޚެއްގެ ކައިރިން އެހީމަ ބުނި ތި ކައިވެނި ސައްހައެއް ނުވާނެއޭ. ޝަރުތުތައް ކަނޑައަޅާފައި ކައިވެންޏެއް ނުކުރެވޭނެއޭ. އާލިޔާ. އެންމެ ރަގަޅުވާނީ މިތަނުން ދިޔުން. މާޒިން ލޯބިވެގެން ހެޔޮ ނިޔަތެއްގައި ކުރި ކަމެއްނޫން...................."

މާޒިން ހުރީ ކުށްވެރިއެއްފަދައިން އިސްޖެހިފައެވެ. އާލިޔާގެ މޫނަށް ބަލަން ނުކުޅެދިފައެވެ.

"ތެދެއްތަ މާޒިން؟ " އާލިޔާ އެހިއެވެ.

މާޒިންގެ ހިމޭންކަން ޖަވާބަކަށް ފުދުނެވެ.

"ކޮން ދުވަހަކުން ފެށިގެން ތިމާގެ ބޭބެއަށްވުރެ އާލިޔާ މުހިއްމުވީ؟ " އަރްސަން މާޒިންއާއި ދިމާލަށް ބުނެލިއެވެ.

އާލިޔާ އިތުރު ސިކުންތުކޮޅަކަށްވެސް އެތާ ހުންނާކަށް ބޭނުމެއްނުވިއެވެ. އޭރު ވާރޭވެސް ތަންކޮޅެއް ބޯކޮށްލައިފިއެވެ. އާލިޔާގެ ހިތު ތެރޭގައިވެސް އެފަދަ ތޫފާނެއް އެނބުރެމުން ދިޔައެވެ. ބޭނުންވީ ވީހާވެސް ދުރަށް އަވަހަށް ދިޔުމަށެވެ. އެންމެ ހިދުކޮޅަކަށްވެސް މާޒިންގެ ކުރިމަތީގައި ހުންނާކަށް ހިތެއް ނޭދުނެވެ. އޭނަ ދާން ފެށުމުން ހުއްޓުވަން މާޒިން އަތް އުފުލައިލިއެވެ. ދެރަވެގެންގޮސް ފެންކަޅިވިއެވެ.

"އާލިޔާ......" މާޒިންއަށް ގޮވައިލެވުނީ ހިތް ހަލާކުވެފައިވާފަދަ ގޮތަކަށެވެ.

އާލިޔާ އެއަޑުއަހަން ބޭނުންނުވާނެކަން އެނގޭއިރުވެސް މެއެވެ. އޭނަ އާލިޔާގެ އިތުބާރު ގެއްލުވައިލީއެވެ. އަރްސަން ބުނީ ދޮގެއްނޫނެވެ. އެއީ ހަގީގަތެވެ. ނަމަވެސް ބައެއްފަހަރު އިންސާނާ ނުބައި މަގުސަދެއްގައި ކުރާ ކަންތައްވެސް ބަދަލުވޭތާއެވެ. ޔަގީނުންވެސް އޭނަގެ ނިޔަތް ސާފުވެއްޖެއެވެ. އާލިޔާއާއިއެކީ އުފާވެރި ދިރިއުޅުމަކަށް އެދެވެންފެށިއެވެ.

އަރްސަން ހުރީ ފާޑަކަށް ހިނިއައިސްފައެވެ.

"ތެންކްސް. ބޭނުންވިކަންތައް ތިކުރެވުނީ...." މާޒިން ހުރީ ހަމަ ރޮވިފައެވެ.

"އާ ޔޫ ކްރައިން މާޒިން.." އަރްސަން މާޒިންގެ ދަތްދޮޅީގައި ހިފަ އިސްއުފުލުވިއެވެ. "ސްޓުޕިޑް. އެކަހަލަ ނިގާބީއެއް ދެކެ ލޯބިވެވުނީތަ؟ "

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު