ބަންގްލަދޭޝް އަށް ފުރުވާލި މީހުންގެ އަދަދު 3000 އިން މައްޗަށް

ބަންގްލަދޭޝް މީހުން ފުރުވާލުން -- ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ފުރުވާލި މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން އިތުރު 200 މީހަކު މިއަދު ވެސް ވަނީ ފުރުވާލައިފަ އެވެ.

މިދިޔަ ހަފްތާ ވެސް 400 އެއްހާ މީހަކު ފޮނުވާލި އެވެ.

މިއާއެކު މޯލްޑިވިއަންގެ ރެޕަޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ގައުމަށް ފުރުވާލައިފަ އެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުން ނެތި، 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެ އެވެ.

ސަރުކާރުން ބުނެފައިވަނީ ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ. އޭގެ ތެރެއިން ލިޔެކިޔުން ނެތި އުޅެމުން ދިޔަ 2،500 މީހަކު ފުރުވާލެވިފައިވެ އެވެ. އަދި ޖުމްލަ 3،000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހަކު އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 2137 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 1124 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ބަލީގައި މަރުވި އަށް މީހުންގެ ތެރޭގައި އެ ގައުމުގެ ހަތަރު މީހުން ހިމެނެ އެވެ.

comment ކޮމެންޓް