ނާޒީންގެ ނިޝާނެއް ހިމެނޭތީ ޓްރަމްޕްގެ ކެމްޕޭން އިޝްތިހާރެއް ފޭސްބުކުން ނަގައިފި

ނާޒީ ޖަރުމަންވިލާތުގައި ބޭނުންކުރި ތިނެސްކަން ނިޝާން. މި ނިޝާން ބޭނުންކުރުމުގެ ސަަބަބުން ޑޮނަލްޑް ޓްރަމްޕްގެ އިޝްތިހާރުތަކެއް ވަނީ ފޭސްބުކްއިން ނަގައިފައި - (ފޮޓޯ/ނިއުސް18)

ވޮޝިންގްޓަން -- އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން އިޝްތިހާރުތަކެއްގައި ނާޒީ ޖަރުމަންވިލާތުން ބޭނުންކުރި ނިޝާނެއް ބޭނުންކުރުމުގެ ސަބަބުން ފޭސްބުކްއިން އެ އިޝްތިހާރުތައް ނަގައިފި އެވެ.

މި އަހަރުގެ ނޮވްމެބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން ޓްރަމްޕްގެ ކެމްޕޭނުން ތައްޔާރުކުރި މި އިޝްތިހާރުތަކުގައި ވަނީ ނާޒީ ޖަރުމަންވިލާތުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެގައުމުގެ ސިޔާސީ ކުށްވެރިން ފާހަގަކޮށް ދެނެގަންނަން ބޭނުންކުރާ ރަތް ކުލައިގެ ތިނެސްކަން ނިޝާނެއް ބޭނުންކޮށްފަ އެވެ.

ފޭސްބުކްއިން ބުނިގޮތުގައި އެ ކުންފުނިން ޓްރަމްޕް ކެމްޕޭނުގެ މި އިޝްތިހާރުތައް ނެގުމަށް ނިންމީ އެ ކުންފުނިން ހޭޓް ސްޕީޗް ހުއްޓުވަން ގެންގުޅޭ އުސޫލުތަކާ އިދިކޮޅު އިޝްތިހާރުތަކެއްކަމަށް ފާހަގަވުމުންނެވެ.

ފޭސްބުކްއިން ބުނިގޮތުގައި އެފަދަ އިޝްތިހާރުތަކެއް ފޭސްބުކްއަށް ޕޯސްޓުކުރެވޭނީ އެ އިޝްތިހާރަކާއި ނުވަތަ ނިޝާނަކާއި ގުޅޭ މައުލޫމާތު ނުވަތަ އެފަދަ އިޝްތިހާރެއް ނުވަތަ ނިޝާނެއް ކުށްވެރިކުރާ ޕޯސްޓަކާއި އެކުގަ އެވެ.

އެފަދަ މައުލޫމާތު ނުހިމެނޭ ޕޯސްޓެއްނަމަ އެ ޕޯސްޓު ވެބްސައިޓުން ނެގޭނެކަމަށް ކުންފުނީގެ ސެކިއުރިޓީ ޕޮލިސީގެ އެންމެ އިސްވެރިޔާ ނޭތަނިއެލް ގްލައިޝާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޓްރަމްޕް ކެމްޕޭންގެ ފަރާތުން ވަނީ މި އިޝްތިހާރުތައް ހެދުމަށް 17،000 ޑޮލަރު ހަރަދުކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ރޮއިޓާސް

ޓްރަމްޕް ކެމްޕޭނުގެ ފަރާތުން ބުނިގޮތުގައި އެ އިޝްތިހާރުގައި ދައްކުވައިދިން ނިޝާނަކީ އެންޓިފާ ގުރޫޕަށް އަމާޒުކޮށްގެން ހިމެނުނު ނިޝާނެކެވެ.

ޓްރަމްޕްގެ ކެމްޕޭނުން ބުނިގޮތުގައި އެ ނިޝާނަކީ އެންޓިފާއިން އާންމުކޮށް ބޭނުންކުރާ ނިޝާނެކެވެ. ނަމަވެސް މި ވާހަކަތަކަށް ތަޖުރިބާކާރުން ވަނީ ދެކޮޅުހަދައިފަ އެވެ.

ޓްރަމްޕް ކެމްޕޭނުން ބުނިގޮތުގައި ތިނެސްކަން ނިޝާނަކީ މިހާރުގެ ސްމާޓްފޯނުތަކުގެ އިމޯޖީ ކީބޯޑުތަކުގައިވެސް ހިމެނޭ ނިޝާނެއްކަމަށެވެ.

އެންޓިފާ އަކީ އެމެރިކާގެ ވައާތު ފިޔައިގެ ޖަމިއްޔާއެކެވެ. ނާޒީ އަދި ފޭސިޒަމްގެ ހަރަކާތް އަދި ވިސްނުންތަކާއި ދެކޮޅަށް މަސައްކަތްކުރާ މި ޖަމިއްޔާއަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ނިންމާފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގައި މި ދުވަސްވަރު ކުރަމުންދާ މުޒާހަރާތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބީ އެންޓިފާ އެކްޓިވިސްޓުންނެވެ.

comment ކޮމެންޓް