ގަން-ކޮލަމްބޯ ދަތުރުތައް ފެށޭނެ ކަމާ މެދު ސުވާލު އުފެދި ކަންބޮޑުވުން

ސްރީލަންކައިން އެއާލައިންސްގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި---ފޮޓޯ ޓުވިޓާ

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތައް ހުއްޓާލަން ސްރީލަންކަން އިން ނިންމުމުން އިދިކޮޅު ކޯލިޝަން ޕީޕީއެމް-ޕީއެންސީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގަމާއި ކޮލަމްބޯ އާ ދެމެދު ސީދާ ފްލައިޓުތައް ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ.

ޕީޕީއެމް ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ގަމާއި ކޮލަމްބޯ އާ ދެމެދު ސީދާ ފްލައިޓްތައް ފަށާފައިވަނީ އެ ދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީ އާއި ދެކުނުގައި ދިރިއުޅޭ ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އިތުރު ލުއިކަމެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.

މީގެ އިތުރުން، އެ ސަރަހައްދުގެ ޓުއަރިޒަމް އިތުރަށް ވަރުގަދަކޮށް ތަރައްގީ ކުރުމާއި ލުއި ފަސޭހަ ހޯދައިދިނުމަކީވެސް އެ ދަތުރުތަކުުގެ މަގުސަދެއް ކަމަށް އެ ބަޔާނުގައި ބުނެފަ އެވެ.

އެހެންނަމަވެސް ދަތުރުތައް ހުއްޓާލައިފިނަމަ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގައި އިތުރު ދަތިތައް ހުރުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށާއި ޓުއަރިޒަމް އަށްވެސް އަސަރުކުރާނެ ކަމަށް ޕީޕީއެމް ޕީއެންސީ އިން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން ސަރުކާރުގައިވެސް، ގަމާއި ކޮލޮމްބޯއާ ދެމެދު ކުރަމުންދިޔަ ދަތުރުތަކުން އެ އެއާލައިންއަށް ގެއްލުން ވާކަމަށް ބުނެ ހުއްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް، އެއާލައިންއަށް ގެއްލުން ނުވެ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

ގަން-ކޮލަމްބޯ ދަތުރުތައް ފަށަން ޝަރުތުތަކެއް

އެކަމާ ގުޅިގެން އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އޭނާގެ ފޭސްބުކްގައި އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެކުންފުންޏާ ގުޅިގެން ސްރީލަންކަން އިން ގަމަށް ކުރަމުންދިޔަ ދަތުރުތައް ވަނީ ކޮވިޑް-19 އާ އެކު ހުއްޓިފައި ކަމަށެވެ.

މިހާރު ރާއްޖޭގެ ބޯޑަރުތައް ހުޅުވާ ދުވަހަކަށް އިންތިޒާރުކުރަމުން ދިޔަ ނަމަވެސް ކޮލަމްބޯ އާއި ގަމާ ދެމެދު ކުރާ ދަތުރުތައް ފެށުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ތިން އަހަރުގެ ތަޖުރިބާއަށް ބަލާފައި އެކަމުގެ ބޮޑު ސަބަބަކީ އެކަށީގެންވާ އަދަދަަށް ފަސިންޖަރުން ނުލިބުމެވެ.

އެހެންނަމަވެސް ހުވަދު އަތޮޅާއި ގަމާ ގުޅުވާލެވޭނެ އިންތިޒާމެއް ހަމަޖެހިއްޖެނަމަ ދަތުރުތައް ފެށިދާނެ ކަމަށް ބެލެވޭ ކަމަށް ފިރާގު ވިދާޅުވި އެވެ.

"އަދި މި ހާލަތުން އަރައިގަނެވުނުހާ އަވަހަކަށް އަޅުގަނޑުމެންގެ ގައުމީ އެއާލައިންގެ އިންޓަނޭޝަނަލް އުދުހުންތައްވެސް އައްޑޫ ސިޓީއިން ފެށޭނެ ކަމަށް ދެކެމެވެ،" ފިރާގު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް