ވޯޓު ގަތުމުގެ ތުހުމަތުގައި ޖަޕާންގެ ކުރީގެ ޖަސްޓިސް މިނިސްޓަރުގެ ދެމަފިރިން ހައްޔަރުކޮށްފި

ވޯޓު ގަތުމުގެ ތުހުމަތުގައި ހައްޔަރުކުރި ޖަޕާންގެ ކުރީގެ ޖަސްޓިސް މިނިސްޓަރާއި އޭނާގެ އަނބިކަނބަލުން---

ޖަޕާންގެބޮޑުވަޒީރު ޝިންޒޯ އަބޭގެ ދައުރުގައި ޖަސްޓިސް މިނިސްޓަރުގެ މަގާމު ފުރުއްވި ކަޓުސުޔުކީ ކަވައި އަދި އަނބިކަނބަލުން އަންރީ ކަވައި ވޯޓު ގަތުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އެ ދެބޭފުޅުން ހައްޔަރުކުރީ ކީއްވެގެން ކަމެއް ޓޯކިޔޯގެ ޕަބްލިކް ޕްރޮސިކިއުޓާ އޮފީހުން ނުބުނެ އެވެެ. ނަމަވެސް ޖަޕާންގެ ކިޔޯޑޯ ނޫހުން ބުނީ އެ ދެބޭފުޅުން ހައްޔަކުރުރީ މިދިޔަ އަހަރު ޖަޕާންގެ ޕާލެމެންޓްގެ މަތިގޭގެ އިންތިހާބުގެ ދުވަސްވަރު އެތައް މިލިއަން ޔެން (ޖަޕާންގެ ފައިސާ) އެތައް ބަޔަކަށް ބެހި މައްސަލައިގައި ކަމަށެވެ.

ނަމަވެސް އެތުހުމަތުތައް އެ ދެމަފިރިން ދޮގުކުރެއެވެ. މިނިސްޓަރުގެ އަނބިކަނބަލުން ވެސް ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފަ އެވެ.

ޖަސްޓިސް މިނިސްޓަރުގެ މަގާމު ކަޓުސުޔުކީ ކަވައި ފުރުއްވީ މިދިޔަ އަހަރު ސެޕްޓެމްބަރު ހިސާބުގައި އެންމެ މަހެއް ވަންދެނެެވެ. އޭނާގެ މައްޗަށް ވޯޓު ގަތުމުގެ ތުހުމަތުތައް އޭރު އަމާޒުވުމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް ޕާލެމެންޓްގައި ހުންނެވިއެވެ.

އެ ދެބޭފުޅުން ވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ޖަޕާންގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ލިބަރަލް ޑިމޮކްރެޓިކް ޕާޓިން ވަކިވެފަ އެވެ.

ދެމަފިރިން ހައްޔަރުކުރިއިރު ޖަޕާންގެ މިހާރުގެ ސަރުކާރުން ކޮވިޑްއާ ގުޅޭ ގޮތުން އަމަލުކުރަމުންދާ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި ހައްޔަރުކުރި ކުރީގެ ޖަސްޓިސް މިނިސްޓަރާ ގުޅިގެން އިތުރަށް ފާޑުކިޔުންތައްވަނީ އަމާޒުވެފަ އެވެ. --އޭޕީ--

ގުޅޭ ޓެގު
comment ކޮމެންޓް