މާމެންދޫން ޕޮޒިޓިވްވި މީހާގެ ގޭގައި އުޅެނީ ކަރަންޓީން ކުރި ތިން މީހުން އެކަނި: މަބްރޫކު

މާމެންދޫ: މީހާ ގޭގައި އުޅެނީ ކަރަންޓީން ކުރި ތިން މީހުން އެކަނި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

ގއ. މާމެންދުއިން ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ގޭގައި ދިރިއުޅެމުން ދިޔައީ އެގޭގައި ކަރަންޓީން ކުރި ތިން މީހުން އެކަނި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

މާލެއިން ފުރައިގެން މިމަހުގެ 13 ވަނަ ދުވަހު ކޫއްޑޫމަގުން މާމެންދުއަށް ދިޔަ އުމުރުން 28 އަހަރުގެ އެ ފިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، ޕޮޒިޓިވްވި މީހާ ދިރިއުޅޭމުން ދިޔަ ގޭގައި އެރަށުގެ އިތުރު ބަޔަކު ނޫޅޭ ކަމަށާއި އެ ގޭގައި ދިރިއުޅެމުން ދިޔައީ މާލެއިން އެރަށަށް ގޮސް ކަރަންޓިންވި ތިން މީހުން އެކަނި ކަމަށެވެ.

"އެގޭގައި ތިބީ މާލެއިން ދިޔަ ތިން މީހުން ކަރަންޓީންގައި. އިތުރަށް ނަގާ ފިޔަވަޅުތައް މާދަމާ ހިއްސާ ކުރާންނަން،" މަބްރޫކް ވިދާޅުވިއެވެ.

މާލެ ފުރަބަންދުވުމާ ގުޅިގެން ރަށްރަށަށްދާ މީހުން ގޭގައި ކަރަންޓީީނުވުމުގެ އުސޫލުގައި ބުނާގޮތުން ކަރަންޓިން ކުރާ މީހުން ހާއްސަ ޝަރުތުތަކެއް ހަމަވާ ގެތަކުގައި ކަރަންޓިން ކުރެވޭނެ އެވެ. އަދި ކަރަންޓީންވާ މީހުން ގެއިން ބޭރަށް ނުުކުތުމަކީ މަނާ ކަމެކެވެ. ނަމަވެސް އެގޭގައި ދެން ތިބޭ މީހުންނަށް ގެއިން ނުކުތުމުގެ ހުއްދަ އެ އުސޫލުގެ ދަށުން ލިބެއެވެ.

މަބްރޫކު ވިދާޅުވީ، މާމެންދޫ އިން ޕޮޒިޓިވްވި މީހާގެ ގޭގައި އިތުރު ބަޔަކު ނެތުމުން ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ހަނިވާނެ ކަމަށެވެ. މީގެ އިތުރުުން އެމީހުން ކަރަނޓިންގެ އުސޫލާ ހިލާފުވެފައިވާ ކަމެއް އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހާ ކޫއްޑުއަށް ދިޔަ ފްލައިޓުގައިއޭނާ އާއެކު އާއިލާގެ އިތުރު ދެމީހަކާއި އިތުރު 40 މީހުން ދަތުރުކުރިއެވެ. ބާކީ ތިބި މީހުން ދަތުރުކޮށްފައިވަނީ ގެމަނަފުއްޓަށެވެ.

މަބްރޫކު ވިދާޅުވީ، މި ކޭސްގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު، އެ ދެރަށާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2،137 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. 1،759 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

https://sun.mv/138710

comment ކޮމެންޓް