ފުނަދޫ ގޮނޑުދޮށުގެ ފެންމަތީ ކެއުމާއި ހިތްފަސޭހަކަން

ށ.ފުނަދޫ ސަން ރައިޒް ބީޗް --- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ހުދު ދޮންވެލި ގަނޑާއި، ބިއްލޫރުކޮޅެއްހާ ސާފު ވިލުނޫކުލައިގެ މޫދުގައި ފެންނާން އެހުރީ މެންދުރުގެ ކެއުމަކަށް ފެންމަތީގައި އަތުރާލާފައި ނިކަން ރީތިކޮށް ތަރުތީބުކޮށްލާފައިވާ ދިވެހި ގަހުގެ ލަކުޑިން ހަދާފައިވާ ޓްރޭއެކެވެ.

ވަރަށް ގިނަ މީހުންނަށް ހީވާނީ އެއީ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއްގެ މޫދު ކަމަށެވެ. ނޫނީ ބައެއް މީހުން އެއީ ރިސޯޓެއްގެ ޕޫލް ކަމަށްވެސް ބުނެދާނެ އެވެ. ވާނީވެސް އެހެން ތާއެވެ! ދުނިޔޭގެ އެކި ކޮޅުތަކުން އަރާމުކޮށްލަން ރާއްޖެ އަންނަ އެތައް ފަތުރުވެރިންނަކަށް، "ފެންމަތީ ނާސްތާ" ވަރަށް މަގުބޫލެވެ. އެއީ އެ މީހުންގެ އަލްބަމްގައި ކޮންމެހެން ވެސް ފޮރުވާ ފޮޓޯއެކެވެ.

އެކަމަކު މިފަހަރު މިއީ، ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއްގެ މޫދެއް އަދި ޕޫލްއެއް ވެސް ނޫނެވެ. ފޮޓޯއިން އެ ފެންނަނީ، އާބާދީގައި ދެހާހެއްހާ މީހުން އުޅޭ ށ. ފުނަދޫގެ މޫދެވެ. "ސަން ރައިޒް ބީޗް"ގެ ނަމުން މަޝްހޫރުވެފައިވާ އެ ރަށުފެ ގޮނޑުދޮށަށް މޫދަށް އެރިލަން އަންނަ މީހުންނަށް ރަށު ޒުވާނުން ދޭ ހަދިޔައަކީ މިއީ އެވެ. ފެން މަތީގެ ކެއުމެކެވެ.

ށ.ފުނަދޫގައި އެރަށު ޒުވާނުން ތައްޔާރުކުރަމުން އަންނަ ސަން ރައިޒް ބީޗް-- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ފުނަދޫގައި އެރަށު ޒުވާނުން ތައްޔާރުކުރަމުން އަންނަ ސަން ރައިޒް ބީޗް-- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ސަން ރައިޒް ގޮނޑުދޮށުން ހިތް ފަސޭހަކަމެއް

ށ.ފުނަދޫ ތުނޑީކޮޅުގައި މިހާރު ތަރައްގީކުރަމުން މިދާ "ސަން ރައިޒް ބީޗަކީ" އެރަށުގެ ހީވާގި ޒުވާނުންތަކެއްގެ އިސްނެގުމެކެވެ. މުރާލި މަސައްކަތެކެވެ. ރަށަށް އޮޔާ ލައްވެފައި ހުރި ތަކެތިންނާއި ރަށުތެރެއިން ހޯދާފައިވާ ގަހާއި ލަކުނޑި އަދި އޮނު ފަދަ ތަކެތިން ތައްޔާރުކުރެވިފައިވާ އުނދޯއްޔާއި، ހިކި ފަނުން ވިޔެފައިވާ ހަޓްތަކާއި، އެ ހަޓުތަކުގައި ހިޔަލުގައި ރޯނުން ވަށައިގެން ހަދާފައިވާ ޖޯލިތަކަކީ މޫދަށް އެރިލާނެ ބީޗެއް ތަރައްގީވެފައި ނެތް ފުނަދޫގެ ކުދިބޮޑު އެންމެންނަށް މި ހައްސާސް ވަގުތުގައި އެރަށުގެ ޒުވާނުން ދިން އެންމެ އަގުބޮޑު ހަދިޔާއެވެ.

ށ.ފުނަދޫގައި ސަން ރައިޒް ބީޗް ހެދުމުގެ މަސައްކަތުގައި އުޅޭ ބައެއް ޒުވާނުން -- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ށ.ފުނަދޫގައި ސަން ރައިޒް ބީޗް ހެދުމުގެ މަސައްކަތުގައި އުޅޭ ބައެއް ޒުވާނުން -- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

މިއީ މި ޒުވާނުންނަށް އާ ތަޖުރިބާއެއް ނޫނެވެ. އެކުއުޅުނު މި ރަހުމަތްތެރިން އެއްވެގެން މީގެ ފަސްވަރަކަށް އަަހަރުކުރިން ހިންގި އެއް ޕްރޮޖެކްޓަކީ އެ ރަށުގެ ގަސްކޮޅު ތެރޭ ހެދި ރަނޑޫ ބީޗެވެ. އެ ބީޗަކީ ގޭދޮށުގައި ފޫހިވެފައިތިބި ކުޑަކުދިންނަށް، ކަނޑުފަޅުތަކުގައި ދިރިއުޅުނު އެކި މަސްމަހާމެހި ދައްކާލަދީ، އެ ތަކެއްޗަށް ކާންދިނުމާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ތައްޔާރުކުރި ހިތްގައިމު މާހައުލެކެވެ. އެހެންނަމަވެސް ރަށުން ބޭރުން އެކިއެކި ރިޒޯޓްތަކުގެ ވަޒީފާތަކަށް މީގެ ތެރެއިން ގިނަ ބަޔަކު ދާން ޖެހުމުން ތަން މަރާމާތުނުކުރެވި ގިނަދުވަސްވެ އެތަން ވީރާނާވެގެން ދިޔައީ އެވެ.

ށ.ފުނަދޫގައި ސަން ރައިޒް ބީޗް ހެދުމުގެ މަސައްކަތުގައި ޒުވާނެއް -- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ށ.ފުނަދޫގައި ސަން ރައިޒް ބީޗް ހެދުމުގެ މަސައްކަތުގައި ޒުވާނެއް -- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ރިސޯޓްތަކުގެ ތަޖުރިބާ ރަށު ގޮނޑުދޮށަށް

އެ ހަނދާންތަކަށް އަހަރުތަކެއް ފަހުން މިހުރިހާ ރަހުމަތްތެރިން އަނެއްކާވެސް ބައްދަލުވީ ކޮވިޑް19ގެ ނުރައްކާތެރިކަން ބޮޑުވެ ރިޒޯޓްތައް ބަންދުކޮށް އެނބުރި ރަށަށް އާދެވުމުންނެވެ. އެއާއެކު، ހިޔާލު ތަނަވަސް، މި ޒުވާނުން އަތުކުރި އޮޅާލީ ރިޒޯޓުތަކުން ހިތްގައިމު ތަޖުރިބާ އަމިއްލަ ރަށުގެ ގޮނޑުދޮށާއި ހިސާބަށް ގެނެވޭތޯ އެވެ.

މިފަހަރު ހިތް ފަސޭހަ ގޮނޑުދޮށެއް ހެދުމުގެ އިތުރަށް އެހެން މޮޅި ހިޔާލެއް ވެސް މި ޒުވާނުން އުފަންކުރުވީ އެވެ.

"ރިޒޯޓުތަކުގައި މި ގެންގުޅޭހެން އަޅުގަނޑުމެންވެސް ފްލޯޓިން ޓްރޭއެއް އެބަ ގެންގުޅެން، ވާހަކައަކީ ރަށްރަށުގައި މިހެން ތިބޭއިރު ރިޒޯޓުތަކުގައި އެ ފެންނަ ފޮޓޯތައް ވަރަށް ސަޅިވޭ، އެކަމަކު އެ ފުރުސަތެއް އަޅުގަނޑުމެން މިހެން ރަށްރަށުގައި ތިބޭއިރަކު ނުލިބޭ، އެހެންވީމަ އަޅުަގަނޑުމެން ފުނަދޫގެ ރައްޔިތުންވެސް އަދި މި ރަށަށް އަަންނަ އެހެން މީހުންނަށްވެސް އެހެން ފޮޓޯއެއް ނަގާލެވޭނެ ފުރުސަތު މިދިނީ." ބީޗު ހެދުމުގެ މަސައްކަތުގައި އުޅޭ ޒުވާނުންގެ ތެރެއިން ހުސެއިން އަރީފް ބުންޏެވެ.

ށ.ފުނަދޫގައި އެރަށު ޒުވާނުން ތައްޔާރުކުރަމުން އަންނަ ސަން ރައިޒް ބީޗް-- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ރަށު މީހުން ހާސްކަމުން ނިކުމެ ހިތްފަސޭހަކަމަށް

ސަން ރައިޒް ބީޗުގެ މަސައްކަތަށް އަދި މިވީ އެންމެ ހަފްތާއެކެވެ. އެހެންނަމަވެސް 15 ވަރަކަށް ޒުވާނުންގެ ހިތްވަރުން މުޅި ބީޗަށާއި އަދި ފުނަދުއަށްވެސް ދިރުމެއް ގެނެސްދީފި އެވެ. ރަށަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ. ބީޗުގެ މަސައްކަތް ފެށުނީ ކުޑަ ސަރަހައްދެއްގައި ނަމަވެސް، ތަނަށް ލިބެމުން އަންނަ ތަރުހީބާއިއެކު، މިހާރު ފެންނަން އެހެރަ ޖޯލިތަކާއި ބެންޗްތަކުން ނުފުދޭނެކަން މިހާރުވެސް ޔަގީންވެއްޖެ އެވެ.

ށ.ފުނަދޫ ސަން ރައިޒް ބީޗް--- ފޮޓޯ:މުހައްމަދު އަފްރާހު/ސަން

ކުރީންނަމަ ރަށުގައި މޫދަށް އެރިލާ ޕިކްނިކަކަށްދާން ބަޔަކު ވިސްނާނީވެސް މެންދުރުގެ ގަދަ އަވީގަ އެވެ. އެހެންނަމަވެސް މި ބީޗާއި އެކު އެ އާދަތައްވެސް ބަދަލުވާން ފަށައިފި އެވެ. އިރުއަރާއިރު ވެސް މިއަދު ފުނަދޫގެ ރައްޔިތުން ތުނޑީކޮޅަށްދަނީ މޫދަށް އެރިލާ ކުދިވެރިންނާއި އެކީ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ޒުވާނުންގެ ހިތް އުފާކޮށްލަނީ ގުދުރަތުގެ އަޖައިބުން ފުރިގެންވީ މި މާހައުލުގެ ތާޒާ ވައިގެ ތެރޭގަ އެވެ.

އަރީފް ބުނާގޮތުން ފެށިއިރު މި ސަރަހައްދަކީ ގާތްގަނޑަކާްް ދެތިން އާއިލާއަކަށް ތިބެވޭނެ ވަރުގެ ސަރަހައްދެއްކަމުގައި ވިޔަސް، ކައުންސިލާއި އެކު މަޝްވަރާކުރުމަށްފަހު މިހާރު މަސައްކަތްކުރަނީ ބީޗު ސަރަހައްދު ބޮޑުކޮށް ގިނަބަޔަކަށް އެއްފަހަރާ ހަމަޖެހިލައިން ތިބެވޭނެ ގޮތަކަށް ތަން ތަރުތީބު ކުރުމަށެވެ.

ށ.ފުނަދޫގައި އެރަށު ޒުވާނުން ތައްޔާރުކުރަމުން އަންނަ ސަން ރައިޒް ބީޗް-- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

އެއްގަމާއި މޫދުގައި އަތުރާލާފައިވާ އެކި ގޮނޑިތަކާއި އެލުވާފައިވާ އުނދޯލިތަކުން ފެނިގެންދަނީ ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ލޯބިކުރާ ޒުވާނުންތަކެއްގެ ހުނަރުވެރިކަމާއި ފަންނުވެރިކަމެވެ. ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް، ތައްޔާރުކުރާ މި ބީޗުގައި އިށީދެލައިފި މީހަކަށް އިހުސާސްކުރެވޭނެ އެއްކަމަކީ އަރާމު ކަމެވެ. ފައިދޮށުގައި ބީހިލާ މަޑު ރާޅުތަކުން ގެނެސްދެނީ ހިތްގައިމު ހަނދާންތަކެވެ.

ބީޗުގެ މަސައްކަތުގައި އަވަދިނެތި އުޅޭ މި ޒުވާން ގްރޫޕުން ދޭން ބޭނުންވާ އެއް މެސެޖަކީ، ތިމާވެށި ރައްކާތެރިކޮށް، ތަނަށް ގެއްލުމެއް ނުދީ އެގޮތުގައި ބޭއްވުމަށް އެންމެންވެސް ސަމާލުކަންދިނުމެވެ.

ބީޗުގައި ބާބަކިއު ހެދޭނެހެން ގްރިލްއެއްވެސް ބަހައްޓާފައިވާއިރު، ކައުންސިލުގެ އެހީތެރިކަމާއެކު ކުނިއެޅުމަށް ހާއްސަ ޑަސްބިންތަކެއްވެސް ވަނީ ބެހެއްޓިފަ އެވެ.

ށ.ފުނަދޫގައި އެރަށު ޒުވާނުން ތައްޔާރުކުރަމުން އަންނަ ސަން ރައިޒް ބީޗް-- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ތަނުގެ މަސައްކަތް އަދިވެސް ދަނީ ފޯރިއާ އެކީ ކުރިއަށެވެ. ފުނަދޫ ޒުވާނުންގެ މި މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ކޮންމެ ދުވަހަކުވެސް ރަށުގެ ކޮންމެވެސް ގެއަކުން ގެނެސްދޭ މީރު އެކި ކެއުންތަކާއި، މިކަމަށް ތަރުހީބުދީ އެކިގޮތްގޮތުން ވެދޭ އެހީތެރިކަމެވެ.

މަސައްކަތް މިހިސާބަށް އައިއިރު ވަކި ހާއްސަ ބަޖެޓެއް އެކުލަވާލާފައެއް ނެތެވެ. މަސައްކަތަށް އެއްޗެއް ގަންނަންޖެހޭ ނަމަ އެކަންވެސް ގިނަފަހަރު ހަމަޖައްސާލަނީ އެ ޒުވާނުންގެ މެދުގަ އެވެ. އެއްވެސް ޝަކުވާ އެއް ހިތްބުރަކަމެއް ނެތެވެ. ކޮންމެ މީހެއްވެސް ބަލަނީ އެމީހަކަށް ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތް އެންމެ ފުރިހަމައަށް ކޮށްދެވޭތޯ އެވެ.

ށ.ފުނަދޫގައި އެރަށު ޒުވާނުން ތައްޔާރުކުރަމުން އަންނަ ސަން ރައިޒް ބީޗް-- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ސަން ރައިޒް ބީޗްގައި މިފަދައިން އިނދެ އިރުއަރާލާ މަންޒަރު ބަލާލުމަށް މިއަދު އެތަށް ބަޔަކު މިތިބީ ކެތްމަދުވެފަ އެވެ. ސޯޝަލް މީޑިއާގައިވެސް ބީޗުގެ ފޮޓޯތައް ދަނީ މަގުބޫލްވަމުންނެވެ. ކައިރީގައި އެއާޕޯޓެއް އޮތް ނަމަވެސް، ގެސްޓް ހައުސް ވިޔަފާރިވެސް މާބޮޑަށް އަދި ތަރައްގީވެފައި ނެތް މި ރަށަށް މި ޒުވާނުން މިދޭ ހަދިޔާއަކީ ހަމަގައިމުވެސް ފުނަދޫގެ ކުރިމަގު އުޖާލާކޮށްދޭނެ ފަދަ މަސައްކަތެކެވެ.

ށ.ފުނަދޫގައި ސަން ރައިޒް ބީޗް ހެދުމުގެ މަސައްކަތުގައި އުޅޭ ބައެއް ޒުވާނުން -- ފޮޓޯ: މުހައްމަދު އަފްރާހު/ސަން

ކޮވިޑް19ގެ އުދާހުގައި ދިރިއުޅުން މިވަގުތު ހުއްޓި، ހާސްކަމުގެ ތެރޭގައި ތިބި އެތަށް ބަޔަކު އެބަތިއްބެވެ. ވަޒީފާ ގެއްލި އަމިއްލަ ފަސްގަނޑަށް ދާންޖެހުނު އެތަށް ޒުވާނުންނެއް އެބައުޅެ އެވެ. މި ހުރިހާ ފަރާތްތަކަށް ށ.ފުނަދޫ ޒުވާނުން މި ދައްކައިދިނީ ނަމޫނާއެކެވެ. ފުނަދޫގެ މި ގޮނޑުދޮށުން ހަމަ ޔަގީނުން ވެސް ހާސްކަން ފިލާ މީހާ ހަމަޖެހޭނެ އެވެ. އުފާވެރިކަމާއި އުންމީދު ގެނެސްދޭނެ އެވެ.

comment ކޮމެންޓް