ގއ. މާމެންދުއަށް ހޯމް ކަރަންޓީނަށް ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގއ. މާމެންދޫ: އެރަށުން ކޮވިޑަށް މީހަކު ވަނީ ޕޮޒިޓިވްވެފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. މާމެންދުއަށް ހޯމް ކަރަންޓީނަށް ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު މިރޭ "ސަން" އަށް ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ އަކީ މި މަހުގެ 13 ވަނަ ދުވަހު މާލެއިން ހޯމް ކަރަންޓީނަށް ފޮނުވި މީހެއް ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ކޮވިޑްގެ އަލާމާތްތައް ފެނިގެން އޭނާގެ ސާމްޕަލް ނެގީ މިދިޔަ އަންގާރަ ދުވަހުއެވެ.

ފުއާދު ވިދާޅުވީ އެމީހާއާ އެކު އިތުރު 86 މީހަކު އެއް ފްލައިޓެއްގައި ދަތުރުކުރި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާމެންދު އާއި އެއަތޮޅު ގެމަނަފުއްޓަށް ހޯމް ކަރަންޓީނަށް ގެންދިޔަ މީހުންނެވެ.

މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ އެމީހާ މާލެ ގޮސްފައިވަނީ، ކޮވިޑްގެ ބަލި މީހަކު މާލެ އިން ފެނި ލޮކްޑައުން ކުރި ފަހުން ކަމަށެވެ.

ޕޮޒިޓިވްވި މީހާއާ އެކު އިތުރު ދެ މީހުން ވެސް އެ ގޭގައި ކަރަންޓީންގައި ހުއްޓެވެ. ނަމަވެސް ސާމްޕަލް ނަގާފައިވަނީ ޕޮޒިޓިވްވި މީހާގެ އެކަނި ކަމަށް ޒައީމް ވިދާޅުވިއެވެ.

"މި މަހުގެ 13 ވަނަ ދުވަހު އެ މީހުން ރަށަށް އައީ ދެން ސާމްޕަލް ނެގީ 16 ގައި، މިއަދު އެޗްޕީއޭއީން މި ރަށުގެ ފޯކަލް ޕޮއިންޓަށް އެންގީ ސާމްޕަލް ޕޮޮޒިޓިވް ކަމަށް،" ޒައީމް ވިދާޅުވި އެވެ.

މާމެންދޫގައި ހޯމް ކަރަންޓީންގައި 29 މީހަކު މިހާރު ވެސް އެތިއްބެވެ.

comment ކޮމެންޓް