ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރުންތަކެއް ވިލިނގިލީގައި ކަށީގެ ބޮޑު އޮޕަރޭޝަނެއްކޮށްފި

ޑޮކްޜަރުންގެ ޓީމުންން އޮޕަރޭޝަން ތިއޭޓަރު ގައި ފޮޓޯ/ ޑރ. އާޒިމް

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަށީގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.

މި އޮޕަރޭޝަން ކޮށްފައި ވަނީ، ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕޮޓަލުގެ ޑޮރޮކްޓަރުންގެ ޓީމަކުން ވިލިނިގިީގައި މިދިޔަ ދެ ދުވަހު ހިންގި މެޑިކަލް ކޭމްޕްގެ ތެރެއިންނެވެ. މި ޓީމުގައި ހިމެނެނީ ކަށީގެ ދެ ޑޮކްޓަރުނާއި ލޮލުގެ ޑޮކްޓަރަކާއި ރޭޑިއޮލޮޖިސްޓެކެވެ.

ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ޝަރީފު "ސަން" އަށް ވިދާޅުވި ގޮތުގައި، ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި މިދިޔަ ދެ ދުވަހު ފަސް އޮޕަރޭޝަނެއްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އޮޕަރޭޝަނަކީ 17 އަހަރުގެ ކުއްޖެއްގެ އަތުގެ ކަށިގަނޑު ސީދާ ކުރަން ކުރި އޮޕަރޭޝަނެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އެ ހޮސްޕިޓަލުގައި މިހާތަނަށް ކުރި އެފަދަ އެންމެ ބޮޑު އޮަޕަރޭޝަނެވެ.

ތިނަދޫ ހޮސްޕިޓަލުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކަށީގެ ޑރ. އަހްމަދު އާޒިމް ޝަކޫރު ވިދާޅުވީ، މި އޮޕަރޭޝަނުުގައި ޒުވާނާގެ އަތުގެ ކަށިގަނޑު ކާމިޔާބު ކަމާއެކު ސީދާ ކުރެވިފައިވާ ކަމަށެވެ.

"އަތް ބިންދައިގެން ގޮސްފައި ހުރުމުން އައިބު ގޮތެއް ހުރެފައި، ކޮންމެވެސް ވަރަކަށް ބިދިފައި ހުރީ. އެެހެންވެ އެ އައިބު ރަނގަޅު ކުރަން ކުރި އޮޕަރޭޝަނެއް އެއީ. ކަށިގަނޑު މިހާރު ސީދާކޮށްފައި އިސްކުރު ޖަހާފައި ހުންނަނީ،" ތިނަދޫ ހޮސްޕިޓަލުގައި ކަށީގެ ޑޮޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. އާޒިމް ވިދާޅުވި އެވެ.

17 އަހަރުގެ ކުއްޖާ އެކްސްރޭ --

ސްޕެޝަލައިޒް ވެގެން އައިސް އަތޮޅު ތެރޭގެ ރަށެއްގައި މަސައްކަތް ކުރަން ފެށި ދިވެހި ފުރަތަމަ ޑޮކްޓަރު، ޑރ. އާޒިމް ވިދާޅުވީ، ގޮންޖެހުންތަކަކާއެކު ވެސް ކާމިޔާބު އޮޕަރޭޝަންތަކެއްކޮށް މި ޕްރޮގްރާމް ހިންގުމަކީ ހިތްހަމެޖުމެއް ކަމަށެވެ.

"އަޅުގަނޑުމެން ހޮސްޕިޓަލުގައި ހުރި މިކަމަށް ބޭނުންވާ ހުރިހާ އިކުޕްމަންޓްސްއެއް ހިފައިގެން މިކޮޅަކަށް އައީ. ދެން މި މިފަދަ ހޮސްޕިޓަލެއްގެ ހާލަތު ދެރަވާނެ އަދި ތިނަދޫ ހޮސްޕިޓަލަށްވުރެ. އޮޕަރޭޝަން ތިއެޓާ އެތެރޭގައި ހުންނަ އެކްސްރޭ މެޝިނެއް ނެތުމަކީ ވެސް ކުރިމަތިވި ވަރަށް ބޮޑު ދަތިކަމެއް،" ޑރ. އާޒިމް އޭނާއަށް ކުރިމަތިވި ދަތިތަކާ ގުޅޭ ގޮތުން ވިދާޅުވި އެވެ.

17 އަހަރުގެ ކުއްޖާގެ ކަށީގެ އޮޕަރޭޝަން ކުރަނީ -- ފޮޓޯ/ ޑރ. އާޒިމް

ކަށީގެ ބޮޑު އޮަޕަރޭޝަނުގެ އިތުރުން ދެން ކުރީ ނާރު ފިތިގެން އެކަން ރަނގަޅު ކުރަން ކުރި އޮޕަރޭޝަނަކާއި ކުދި އަނިޔާތަކާ ގުޅިގެން ކުރި އޮޕަރޭޝަންތަކެވެ.

ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވިލިނގިލީގެ ގިނަ އަދަދެއްގެ މީހުންނަށް ކޮންސަލްޓޭޝަންތައް ވެސް ކުރިއަށް ގެންދިޔައެވެ. ޑރ. އާޒިމް ވިދާޅުވީ، ރައްޔިތުން ވެސް ތިބީ އެފަދަ ފުރުސަތަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

"މިކަމުގަރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ހާއްސަކޮށް ލޮކްޑައުންއާ ގުޅިގެން ފަރުވާ ހޯދަަން ބޭނުންވި ފަރާތްތަކަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކިގެން މިދައީ. ވަރަށް ގިނަ ބަލި މީހުން ޑޮކްޓަރުންގެ ޓީމުން ބަލާފައިވާނެ،" ޑރ. އާޒިމް ވިދާޅުވި އެވެ.

ވިލިނގިލީ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު ވިދާޅުވީ، މަހަކު އެއްފަހަރު ޑޮކްޓަރުން ގެނެސްގެން މިފަދަ މެޑިކަލް ކޭމްޕުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.

"ސަރުކާރުން ގެންގުޅުވާ ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހި ހިދުމަތް ދިނުމިގެ ސިޔާސަތުގެ ދަށުން ފެށި ޕްރޮގްރާމެއް މިއީ. ކޮންމެ މަހެއްގައި ވެސް އަޅުގަނޑުމެން ރާވާފައި ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދަން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ހަފްތާ ތެރޭ ގއ. އަތޮޅު ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންގެ ޓީމެއްވެސް ގއ. އަތޮޮޅުގެ ރަށްތަކަށް ގޮސް ބަލި މީހުން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުގެންގެ އަމާޒަކީ އެއްވެސް ރަށެށް ތަފާތުކުރުމެއް ނެތި ހިދުމަތް ފޯރުކޮށްދިނުން." ޝަރީފު ވިދާޅުވި އެވެ.

comment ކޮމެންޓް