އިނގިރޭސި އިގްތިސޯދުގައި ދައުރުުކުރަން އިތުރު 100 ބިލިއަން ޕައުންޑު

އިނގިރޭސި ސެންޓްރަލް ބޭންކު ---

ކޮވިޑް19ގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު އިގްތިސޯދުގައި އިތުރު 100 ބިލިއަން ޕައުންޑް ދައުރުކުރުމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ނިންމައިފިއެވެ.

މި ފައިސާ ދައުރު ކުރުމަށް ނިންމާފައިވަނީ އެ ބޭންކުގެ ބޮންޑު ގަތުމުގެ ޕްރޮގްރާމުގެ ދަށުންނެވެ.

އިގްތިސޯދުގައިި ދައުރު ކުރާ ފައިސާ އިތުރުކުރުމުގެ ނިންމުން ނިންމާފައިވަނީ އެގައުމުގެ އިގްތިސޯދަށް މި ފަހުގެ ތާރީހުގައި އައި އެންމެ ބޮޑު ލޮޅުމާއެކު އެކަމުން އަރައިގަތުމަށް ޕޮލިސީ މޭކަރުން ތައްޔާރަށް ތިބިކަމަށް ސެންޓްރަލް ބޭންކުގެ ގަވަރުނަރު އެންޑްރޫ ބެއިލޭ ވިދާޅުވެފައިވަނިކޮށެވެ.

ކޮވިޑް19ގެ ސަބަބުން އިނގިރޭސި އިގްތިސޯދު އޭޕްރީލް މަހު ވަނީ 20.4 ޕަސެންޓް ދަށަށް ގޮސްފައެވެ. 600،000 އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައިވާއިރު މެއި އަދު ޖޫންމަހުގެ އިގްތިސޯދީ ހަރަކާތްތައް ރަނގަޅުވާން ފަށާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިގްތިސޯދު މަޑުޖެހުނު ނަމަވެސް މެއި އަދި ޖޫން މަހުގެ ތެރޭގައި އިގްތިސޯދީ ހަރަކާތްތައް ހިނގަން ފަށާފައިވާ ކަމަށާއި، މިއީ އިގްތިސޯދު ހަމައަކަށް އެޅެން ފަށާކަމުގެ އިޝާރާތެއް ކަމަށް އިނގިރޭސި ސެންޓްރަލް ބޭންކުން ވަނީ ބުނެފައެވެ.

ނަމަވެސް އިގްތިސޯދީ ދުވެލި ހުންނާނެ ގޮތާމެދު ސީދާ ބަހެއް ބުނަން ނޭނގޭކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ބޭންކުގެ މަނިޓަރީ ޕޮލިސީ ކޮމެޓީގެ ޔައުމިއްޔާ އާއި ހަވާލާދީ ބީބީސީ ގައި ބުނެފައިވަނީ ކޮންޒިއުމާ ޑިމާންޑު ލަފާކޮށްފައިވާ މިންވަރަށް ދަށަށް ނުދާ ކަމަށާއި ނަމަވެސް، ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދަށް ކުރާ އަސަރުތައް އެހެން ގޮތްގޮތުން ދިގުދެމިގެން ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މަރުކަޒީ ބޭންކުން މީގެ ކުރިން ލަފާކޮށްފައިވާގޮތުން ޖޫން އާއި ހަމައަށް އިނގިރޭސި އިގްތިސޯދު 25 ޕަސެންޓް ދަށަށް ދާނެއެވެ. މެއި މަހު އެ ބޭންކުން ބުނެފައިވަނީ އެގައުމުގެ އިގްތިސޯދު މިސްރާބު ޖަހާފައި ހުރީ ފަހުގެ ތާރީހުގައި ދެކޭނެ އެންމެ ބޮޑު ރެސެޝަނާ ދިމާއަށް ކަމަށެވެ.

ނަމަވެސް ފަހުން އެ ބޭންކުން ބުނެފައިވަނީ އިގްތިސޯދަށް ކުރާނެ އަސަރު ކުރިން ލަފާކރުި ވަރަށްވުރެ ކުޑަވާނެ ކަމަށެވެ.

ކުއެންޓިޓޭޓިވް އީޒިން ނުވަތަ މަރުކަޒީ ބޭންކުން މަނީ ސަޕްލައި އަށް އިތުރު ފައިސާ ދައުރުކުރަން ފެށުމުން އިންޓްރެސްޓު ރޭޓު ދަށްވާނެއެވެ. މިއާއެކު ރައްޔިތުންގެ ސްޕެންޑިން ލެވެލް އިތުރުވެ، ތަކެތީގެ ޑިމާންޑު އިތުރުވެ، އިގްތިސޯދަށް ދިރުން އަންނާނެއެވެ. މިއީ އިގްތިސޯދުގައި އިތުރު ވަޒީފާތައް އުފެދޭނެ ކަމެކެވެ.

comment ކޮމެންޓް