ހުޅުމާލޭ ފޭސް 2 ގައި އަޅާ 1530 ފްލެޓުގެ ފުރަތަމަ ސްޓްރަކްޗާ ނިމިއްޖެ

(ސީއެމްއީސީ) އާއި ހަވާލުކޮށްގެން ހުޅިމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1530 ފްލެޓުގެ ފުރަތަމަ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުން -- ފޮޓޯ: ޗައިނާ ސަފީރު

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1530 ފްލެޓުގެ ފުރަތަމަ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ސޯޝަލް ހައުސިންގެ އެ ޕްރޮޖެކްޓަކީ ޗައިނާ ޑިވެލޮޕްމެންޓް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

މެދުފަންތީގެ ސޯޝަލް ހައުސިން ޕްރޮޖެކްޓާ ގުޅޭގޮތުން ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ހުޅުމާލޭ ފޭސް ދޭތްގައި ކުރިއަށްގެންދާ 1530 ސޯޝަލް ހައުސިން ޕްރޮޖެކްޓުގެ ފުރަތަމަ އިމާރާތުގެ ސްޓްރަކްޗާ ނިންމާލާފައިވާ ކަމަށެވެ.

"ސީއެމްއީސީ އަށް އިލްތިމާސް ކުރަން، މި ޕްރޮޖެކްޓު ވަގުތަށް ނިންމާލުމަށް. ކޮވިޑް19 ގެ ހާލަތަށްފަހު ރާއްޖޭގެ އިކޮނޮމީ ރިކަވާ ވުމަށް މިއީ މުހިއްމު ޕްރޮޖެކްޓެއް،" ސަފީރު ވިދާޅުވިއެވެ.

ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ.

އެކުންފުނިން ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކުގެ ދަށުންވެސް ފްލެޓު އެޅުމުގެ މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް