ކޮވިޑް އިން ރައްކާތެރިވާން 90 ޕަސެންޓް މީހުން ތިބީ ގޭގައި: ސާވޭ

މެއި 27، 2020: ސިނަމާލެ ބްރިޖްއާ ދިމާލުން މާލޭގެ މަލަމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އިން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، 90 ޕަސެންޓް މީހުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި ގޭގައި ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދިވެހި ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.

ކޮވިޑް19ގެ އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ކުރި އަސަރު ދެނެގަތުމަށް އެޗްޕީއޭ އާއި ޔުނިވާސިޓީ ގުޅިގެން ހުސްވި މޭ މަހު ވަނީ އޮންލައިން ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.

އެ ސާވޭގެ ފުރަތަމަ ބުރުގައި 2،871 ބައިވެރިޔަކު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެ ސާވޭގެ ނަތީޖާތައް އެޗްޕީއޭގެ ފަރާތުން މިހާރު ވަނީ އާންމުކޮށްފައެވެ.

ސާވޭގައި ބައިވެރިވި 90 ޕަސެންޓް މީހުން ބުނެފައި ވަނީ، އެމީހުން ކޮންމެހެން ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ބޭރަށް ގޮސްފައި ނުވާނެ ކަމަށާއި، ބަލިން ރައްކާތެރިވުމަށް ތިބީ ގޭގައި ކަމަށެވެ. އެއީ 2،583 މީހުންނެވެ.

ސާވޭގެ 94 ޕަސެންޓު މީހުންނަށް ކޮވިޑް19 ގެ އަލާމާތްތައް ދެނެގަންނަން އެނގުނު އިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، އެ "ޗެއިން ބްރޭކް" ކުރާނެ ގޮތް 84 ޕަސެންޓު މީހުންނަށް އެނގެއެވެ.

ބައްޔާ ގުޅިގެން ކަރަންޓީން ކޮށްފިނަމަ، ނުވަތަ އެކަހެރިކޮށްފި ނަމަ މީހުން ތިމާއާމެދު ދެކޭނެ ގޮތް ބަދަލުވެދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 37 ޕަސެންޓު މީހުންނެވެ.

އަދި ބަލިން ރައްކާތެރިވުމަށް ގައިދުރުކަން ބަހައްޓަން ޖެހޭ މިންވަރަށް، ގޭގައި އެކަން ނުކުރެވިދާނެ ކަމުގެ ކަންބޮޑުވުން 33 ޕަސެންޓު މީހުން ވަނީ ފާޅުކޮށްފައެވެ.

ކޮވިޑް19 އާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތަށް ސާވޭގެ ބައިިވެރިން ދީފައި ވަނީ 7/10 އެވެ.

ކޮވިޑް19 އާ ގުޅިގެން ގައުމީ ޔުނިވާސިޓީން ގިނަ ދިރާސާތަކެއް ކުރަމުން އަންނަ އިރުު، ފުރަބަންދަށް ދިން ލުއިތަކާ އެކު މާލޭގައި ކޮވިޑް ފެތުރެމުންދާ މިންވަރު ބެލުމަށް ވެސް މިހާރު ވަނީ ދިރާސާއެއް ފަށައިފައެވެ.

އެ ދިރާސާގެ ދަށުން ފްރަންޓްލައިންގައި އުޅޭ ވެމްކޯފަދަ ތަންތަނުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނާއި ބަލި ފަސޭހައިން ޖެހިދާނެ މީހުންނަށް އަމާޒުކޮށް އަންނަނީ ސާމްޕަލް ނަގަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ކުރެވޭ މުހިންމު ދިރާސާތައް ފަދަ މަސައްކަތްތަކުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރަކު ހަރަކާތްތެރިވަމުންދާކަމަށް ޔުނިވާސިޓީން މައުލޫމާތުދެއެވެ.

ގައުމީ ޔުނިވާސިޓީގެ ދިރާސާތައް އަމާޒުކުރެވޭ ދާއިރާތަކުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގް، މޮޑެލިންގް، ސޯޝިއޯ އިކޮނޮމިކް ޚަރަދުތަކުގެ އިތުރުން ސޯޝިއޯ އިކޮނޮމިކް ހެލްތަށް އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް އަންނަ ބަދަލުތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމުގެ ދާއިރާ، ކޮންސްޓްރަކްޝަން، އަދި ހައުސިންގް ގެ ދާއިރާއަށް ކުރާ އަސަރުތައް ބެލުމަށްވެސް ދިރާސާތަކެއް ދަނީ ކުރެވެމުންނެވެ.

comment ކޮމެންޓް