ފެން ބިލްތަކުގެ ޖޫރިމަނާ ފައިސާ ދެއްކުން އަހަރަކަށް ދަމާލައިފި

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފެން ބިލަށް އަރާ ޖޫރިމަނާތައް ދެއްކުމުގައި އަނެއްކާވެސް އެމްޑަބްލިއުއެސްސީން ލުޔެއް ދީފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއިފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ކުންފުނީގެ އަމާޒެއް ކަމަށެވެ.

ކަސްޓަމަރުން ބިލް ދެއްކުމުގައި ލުޔެއް ދިނުމުގެ ގޮތުން މދިިޔަ ޑިސެމްބަރު މަހު ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފައެވެ.

"ދަރަންޏަށް ލުޔެއް" ގެ ނަމުގައި ކުރިއަށް ދިޔަ އެ ޕްރޮގްރާމް ކޮވިޑްގެ ފުރަބަންދާ ގުޅިގެން ގިނަ ކަސްޓަމަރުންނަށް ބޭނުން ނުހިފޭކަން ފާޙަގަކުރެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެހެން ކަމުން އެ ޕްރޮގްރާމް އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އަލުން ކުރިއަށް ގެންދަން ނިންމައިފައިވާކަން އެމްޑަބްލިއުއެސްސީން މިއަދު ވަނީ އިއުލާންކޮށްފައެވެ.

" މިގޮތުގެ މަތިން 17 މާޗް 2021 ގެ ކުރިން ފެން ބިލަށް ފައިސާ ދައްކަވާ ފައިސާގެ އިންސައްތައިގެ ނިސްބަތުން ޖޫރިމަނާ މާފުކުރެވިގެން ދާނެ ވާހަކަވެސް އުފަލާއެކު ދަންނަވަމެެވެ. މީގެ އިތުރުން ފެން ބިލަަށް ދަށްކަވަން ޖެހޭ ފައިސާ އެއްފަހަރާ ދެއްކެވުމަށް ދަތިވެލައްވާ ފަރާތްތަކަުން މަހުން މަހަށް ބަހާލައިގެން ލުއި ފަސޭހަ ގޮތެއްގައި ފައިސާ ދައްކަވާ ހަލާސްކޮށްގެންވެސް ޖޫރިމަނާ މާފުކުރެވޭނެ ފުރުސަތު ލިބިގެންދާނެއެވެ." އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ވެއެވެ.

ހުރިހާ ކަސްޓަމަރުންވެސް މަހުން މަހަށް ފައިސާ ދެއްކުމަށް ބާރުއަޅައި އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނިން އަލަށް ދިން ލުޔާއެކު ދައްކަން ޖެހޭ ފައިސާތައް ހަލާސްކުރުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް