ސްކޫލްތައް ހުޅުވަން ޕްލޭންއެއް އެކުލަވާލައިފި

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކޮރޮނާއާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ސްކޫލްތައް ހުޅުވުމަށްޓަކައި އެޑިޔުކޭޝަން ރެސްޕޯންސް ޕްލޭން (އީއާރުޕީ) އެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއީ ޔުނިސްފްގެ ފަންނީ އެހީތެރިކަމާއިއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ތައްޔާކުކޮށްފައިވާ ޕްލޭނެކެވެ.

ކޮވިޑް ނެތް ރަށްރަށުގައި އަންނަ މަހު ސްކޫލްތައް ހުޅުވައި އެކަކުން ފެށިގެން ހުރިހާ ގްރޭޑްތަކަަކު ކިޔަވައިދޭން ފަށަން މިނިސްޓްރީން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް މާލޭގައި ކިޔަވައިދޭން ނިންމާފައިވަނީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށް އެކަންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް ހުޅުވާލަން އެކުލަވާލި ޕްލޭން ރާވާލައިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށް އިސްކަންދީގެން ކަމަށެވެެ. އޭގެ ތެރޭގައި؛

  • ސްކޫލް މާހައުލުގެ ސަލާމަތްތެރިކަން
  • އުގަންނާދިނުމުގެ ކަންކަން ނުހުއްޓި ކުރިއަށް ދިއުން
  • މުޖްތަމައުގައި ތަފާތު ސަބަބުތަކާހުރެ ހަވާސާގައި ތިބި ކުދިނަށް އެހީތެރިވުން
  • ރައްކާތެރިކަމާއި ދުޅަހެޔޮކަން.ނުރައްކަލާއިކުރިމަތިލުމުގެ ޤާބިލްކަން އިތުރުކުރުމާއި ތަފާތު ދާއިރާތަކާއި އެކުގައި ކުރާ މަސައްކަތް ހަރުދަނާ ކުރުން

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ އެ ޕްލޭން ތަންފީޒްކުރެވިގެން ދާނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އަދި ތިން ވަނަ މަރުހަލާ ކުރިއަށް ގެންދާނީ ސްކޫލްތައް ހުޅުވުމަށް ފަހު ކަމަށެވެެ.އެގޮތުން އެ ޕްލޭންގައި ހިމެނިފައިވާ ބައިތައް ތަންފިޒުކުރެވިގެން ދާ މިންވަރާއި ފެންވަރު ބެލުމާއި އަދި ޕްލޭންގައިވާ ކަންކަން ދެމެހެއްޓެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ޕްލޭންގައި ހިމަނައިފައިވާކަމަށްވެސް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ އަލުން ސްކޫލްތައް ކިޔަވަން ފަށާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން ގަވައިދުން ސްކޫލްތައް ޑިސްއިންފެކްޓްކޮށް ދަރިވަރުންނަށް އަތް ދޮވެވޭނެ ގޮތް ހަދައި މާސްކު އެޅުމުގެ އިތުރުން ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯވެސް ބެލުމަށް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް