އާސެނަލް ބަލިވި އިރު ސަޕޯޓަރުންގެ ނުރުހުން ޑޭވިޑް ލުއިޒަށް

އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް --

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމުން މިދިޔަ މާޗު މަހު މެދުކަނޑާލި އިނގިރޭސި ޕްރިިމިއާ ލީގު 100 ދުވަހަށް ފަހު ރޭ އަލުން ފެށި އިރު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ފަސޭހަކަމާ އެކު އާސެނަލްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޔޫރޮޕުގެ އެންމެ ޓޮޕް ފަސް ގައުމުގެ ތެރެއިން ހަތަރު ގައުމުގައި ފުޓުބޯޅައިގެ ހަރަކާތްތައް މިހާރު ފަށާފައިވާއިރު ސީޒަން ކުރިއަށް ނުގެންގޮސް ނިންމާލީ ހަމައެކަނި ފްރާންސުންނެވެ. ޖަރުމަނާއި ސްޕެއިނުގެ އިތުރުން އިޓަލީގެ ފުޓުބޯޅަ ވެސް މީގެ ދުވަސްކޮޅެއް ކުރިން ފެށި އިރު އިނގިރޭސި ފުޓުބޯޅަ ވެސް ރޭ ވަނީ އަލުން އަނބުރާ ފަށައިފަ އެވެ.

އެގޮތުން ލީގު އަލުން ފެށުމުގެ ގޮތުން ކުޅުނީ ރެލިގޭޝަން ޒޯނުގައި އޮތް އެސްޓަން ވިލާއާއި ތާވަލުގެ ހަވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑެވެ. މި މެޗު 0-0 ގެ ނަތީޖާއަކުން ނިމިގެންދިޔަ އިރު ގިނަ ބަޔަކު އިންތިޒާރު ކުރި ސިޓީ އާސެނަލް މެޗު ވެސް ރޭ ވަނީ ކުޅެފަ އެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ހޯމް ޓީމް މޮޅުވީ 0-3 ގެ ނަތީޖާ އަކުންނެވެ.

ސިޓީއިން ރޭ ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ވަނީ 22 ޕޮއިންޓަށް ކުޑަވެފަ އެވެ. ލިވަޕޫލަށް 29 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ސިޓީގެ އޮތީ 29 މެޗުން 60 ޕޮއިންޓެވެ. އެ މެޗުން ބަލިވުމާ އެކު، ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް އާސެނަލުން ކުރަމުން އަންނަ މަސައްކަތަށް އަނެއްކާވެސް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ލީގު ތާވަލުގެ ނުވަ ވަނައިގައި މިވަގުތު އާސެނަލް އޮތީ 40 ޕޮއިންޓާ އެކު އެވެ.

ސަޕޯޓަރުން ނުވައްދާ ރޭ ކުޅުނު މެޗުގެ ސްޓޭންޑްތައް ފަޅު ފިލުވުމުގެ ގޮތުން ސިޓީއިން ސަޕޯޓަރުންގެ ޒޫމް ވީޑިއޯ ދައްކުވައިދޭ ސްކްރީނެއް ދަނޑުގައި ބަހައްޓާފައިވާ އިރު އެ ޓީމުން ވަނީ މުޅި މެޗު ޑޮމިނޭޓް ކޮށްފަ އެވެ. އިދިކޮޅު އާސެނަލަށް މެޗުގައި ގިނަ މައްސަލަތަކެއް ކުރިމަތިވި އިރު ރޭގެ މެޗުން ލިބުނު ބަލީގެ ޒިންމާ ނަގަން ޖެހޭނީ އެ ޓީމުގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ކަމަށް އެ ޓީމުގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ރޭގެ އެ މެޗު ފަށައިގެން އާސެނަލުން ކުޅެން މަސައްކަތްކުރި ނަމަވެސް ފުރަތަމަ 22 ވަރަކަށް މިނިޓް ތެރޭ އެ ޓީމަށް ވަނީ އަނިޔާގެ ސަބަބުން ދެ ބަދަލެއް ގެންނަން ޖެހިފަ އެވެ. އެގޮތުން ގްރޭނިޓް ޝާކާ އާއި ޕަބްލޯ މާރީގެ ބަދަލުގައި ޑެނީ ސެބާޔޯސް އާއި ޑޭވިޑް ލުއިޒް ވަނީ ކުޅެން އަރުވައިފަ އެވެ.

ލުއިޒް އެރިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނައަށް ހެދުނު ބޮޑު ގޯހަކުން އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. ސީޓީން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ވެސް ފުރަތަމަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ލުއިޒް ހެދި ގޯހަކުން ލިބުނު ފުރުސަތެއްގައި އެ ޓީމުން ޖެހި ގޯލެކެވެ.

މެޗްގެ 51 ވަނަ މިނެޓްގައި އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ސިޓީގެ ރިޔާދް މާރޭޒް އަށް ލުއިޒް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައި ސިޓީއަށް ލީޑު ފުޅާ ކޮށްދިނީ ފުޅާކޮށްދިނީ ބެލްޖިއަމްގެ ތަރި ކެވިން ޑި ބްރޫނޭ އެވެ. ސިޓީގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ފިލް ފޯޑެން އެވެ.

ލުއިޒް ވަނީ މެޗަށްފަހު ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ. އޭނާ ބުނީ މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގައި ކަމަށާއި، މެޗުގައި ނެގުނު ޑިޒިޝަން ތަކަކީ ކުރީ ދެމަހުގެ ތެރޭގައި ވިސްނާ ފިކުރު ނުކުރެވުނު ކަންތައްތަކެއް ކަމަށެވެ.

comment ކޮމެންޓް