ޗައިނާއިން ސްރީލަންކާއަށް އިތުރު 140 މިލިއަން ޑޮލަރުގެ ލޯނެއް

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާއި ޗައިނާ ސަފީރު ޗެންގް ޝުއެޔުއަންގް --

ސްރީލަންކާގެ އިގްތިސޯދު ހަމައަކަށް އެޅުމަށް އެހީވުމުގެ ގޮތުން ޗައިނާއިން އިތުރު 140 މިލިއަން ޑޮލަރުގެ ކޮންސެޝަނަރީ ލޯނެއް ދިނުމަށް ނިންމައިފި އެވެ.

ޗައިނާއިން 140 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައި މިވަނީ، މިދިޔަ މާޗު މަހުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ލޯނެއްވެސް ސްރީލަންކާއަށް ދިނުމަށް ނިންމާފައި ވަނިކޮށެވެ.

ޑައިލީމިރާ ނޫހުން ރިޕޯޓުކުރާ ގޮތުގައި ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން ސްރީލަންކާއަށް ދޭ 140 މިލިއަން ޑޮލަރުގެ ތެރެއިން 70 މިލިއަން ޑޮލަރު މި މަސް ނިމުމުގެ ކުރިން ދޭނެ އެވެ. އަދި ބާކީ 70 މިލިއަން ޑޮލަރު ދޭނީ މި އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގަ އެވެ.

"ޗައިނާގެ އެމްބަސީން އިއްޔެ ބުނި ގޮތުގައި މި އެހީ ދެނީ މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރުމަށް،" ޑެއިލީމިރާ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

ލަންކާގައި ހުންނަވާ ޗައިނާ ސަފީރު އިއްޔެ ވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ފޯނުން ގުޅުއްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މިއީ މޭ މަހުގެ ތެރޭގައި ދެ ގައުމުގެ ރައީސުން ގޯޓާބަޔަ ރާޖަޕަކްސަ އަދި ޝީ ޖިން ޕިންގް ފޯނުން ކުރެއްވި މަޝްވަރާތަކުގެ ފޮލޯ-އަޕްއެއް ކަމަށް ޗައިނާ އެމްބަސީން ބުނެ އެވެ.

އެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސަފީރުގެ މަޝްވަރާތައް ބިނާވީ ކޮވިޑް-19 އަށް ދެކޮޅަށް ކުރާ މަސައްކަތާއި، އަދި ދެ ގައުމުގެ ދެމެދުގައި އޮތް މާލީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނެވެ.

ޗައިނާއިން ސްރީލަންކާއަށް ދޭނެކަމަށް މިދިޔަ މާޗު މަހުގެ ތެރޭގައި ބުނި 500 މިލިއަން ޑޮލަރުގެ ލޯނުވެސް ދޭން ހަމަޖެހިފައިވަނީ ޗައިނާ ޑިވެލޮޕްމެންޓް ބޭންކް (ސީޑީބީ)އިންނެވެ.

ކޮންސެޝަނަލް ރޭޓެއްގައި ފޯރުކޮށްދޭ މި ލޯނަކީވެސް ސްރީލަންކާގެ މާލިއްޔާ ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން ދޭ ލޯނެކެވެ. ސްރީލަންކާގައި ހުންނަ ޗައިނާ އެމްބަސީގެ އޮފިޝަލަކާ ހަވާލައިދީ ޑެއިލީމިރާ ނޫހުން ރިޕޯޓުކުރާ ގޮތުގައި، 500 މިލިއަން ޑޮލަރުގެ ލޯނު ސްރީލަންކާއަށް ދޫކުރަނީ އެގައުމުގެ ދަރަނިތައް "ރީސްޓްރަކްޗާ"ކުރުމުގެ ޕްލޭން ހިންގުމަށެވެ.

ޗައިނާ އެމްބަސީން ބުނެފައިވާ ގޮތުގައި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސަފީރުގެ މަޝްވަރާގައި އެކި އެކި އިންވެސްޓްމެންޓުތަކާ ބެހޭގޮތުން ވާހަކަދެއްކެވި އެވެ. އޭގެ ތެރޭގައި ކޮލޮމްބޯ ޕޯޓް ސިޓީގެ މަޝްރޫއާއި ހަމްބަންތޮޓަ ޑިސްޓްރިކްޓުގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކެއްގެ ވާހަކަތައް ހިމެނެ އެވެ.

ކޮވިޑް19 އާ ގުޅިގެން ގައުމުތަކަށް ދިމާވަމުންދާ މާލީ އަދި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ޗައިނާއިން ދަނީ އެކި ގައުމުތަކަށް ލޯނުގެ އެހީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއްވެސް ހިމެނެ އެވެ.

comment ކޮމެންޓް