ޕަބްލޯ އެސްކޮބާގެ ޕާޓްނަރު ޖަލުން ދޫކޮށްލައިފި

ޕަބްލޯ އެސްކޮބާގެ ޕާޓްނަރު ކާލޯސް--

ޑްރަގް ވިޔަފާރީގެ އެންމެ ވަރުގަދަ މީހާގެ ގޮތުގައި ބެލި، ޕަބްލޯ އެސްކޮބާގެ ޕާޓްނަރު ކާލޯސް ލެހްދަރު އެމެރިކާގެ ޖަލަކުން ދޫކޮށްލައިފި އެވެ.

ޖަރުމަނާއި ކޮލަމްބިއާގެވެސް ރައްޔިތުކަން ވެސް އޮންނަ ކާލޯސް މަޝްހޫރުވެފައިވަނީ ބަހާމާސްގައި އޮންނަ ޕްރައިވެޓް އައިލެންޑްއެއްގައި ޑްރަގް ސްމަގަލްކުރަން އޮޕަރޭޝަން ހިންގުމަށް އުޅުމުންނެވެ.

ކާލޯސްއަކީ ކުރިން ހިންގި ވަރުގަދަ މެޑެލިން ޑްރަގް ކާޓެލްއަށް ނިސްބަތްވާ މީހެކެވެ. އެމެރިކާއަށް 1970 އާއި 1980ގެ ދުވަސްވަރު 80 ޕަސެންޓް ކޮކެއިން ސްމަގަލް ކުރީ އެ ކާޓެލްއިން ކަމަށް ވަނީ ބެލެވިފަ އެވެ.

އޭނާ ހައްޔަރުކުރީ 1987 ވަނަ އަހަރު އެވެ. އެއަަށްފަހު ވަނީ އެމެރިކާގެ ސަރުކާރާ ހަވާލުކޮށްފަ އެވެ. އަދި ފަހުން އެމެރިކާގެ ސަރުކާރުން އޭނާ ވަނީ 135 އަހަރަށް ޖަލަށް ލައިފަ އެވެ.

ނަމަވެސް އެމެރިކާގެ އޮތޯރިޓީތަކުން އޭނާއާއެކު ހެދި ޑީލްއާއެކު އޭނާގެ ހުކުމްގެ ބޮޑު ބައި ވަނީ މާފުކޮށްދީފަ އެވެ. އެ ޑީލްގެ ދަށުން އޭނާ ވަނީ ޕެނަމާގެ ކުރީގެ ލީޑަރު މެނުއަލް ނޮރީގާއާ މެޑެލިންގެ ޑްރަގް ކާޓެލްއާ ގުޅުން އޮންނަ ކަމަށް ހެކި ބަސްދީފަ އެވެ. މެނުއަލް ނޮރީގާއާ ޑްރަގް ސްމަގްލިންއާ ގުޅުން އޮންނަ ކަަމަށް ބުނެ އެމެރިކާއިން 1989 ވަނަ އަހަރު ވަނީ ޕެނަމާއަށް ސިފައިން ފޮނުވައި ނޮރީގެ ވެރިކަން ވައްޓާލައި އެމަނިކުފާނު ހައްޔަރުވެސްކޮށްފަ އެވެ.

ކާލޯސް ދޫކޮށްލުމާއެކު ވަނީ ޖަރުމަނަށް ގޮސްފަ އެވެ. އޭނާގެ އުމުރުން މިހާރު 70 އަަހަރުވަނީ ވެފަ އެވެ.

ކާލޯސްގެ އަންހެން ދަރިފުޅު މޮނީކާ ކޮލަމްބިއާގެ މެގަޒިންއަކަށް މައުލޫމާތު ދެމުން ބުނީ، ކާލޯސްއަށް ކެންސަރު ޖެހިފައިވާ ކަމަށާއި އަދި އޭނާއަށް އެހީވަނީ ޖަރުމަނުގެ ޗެރިޓީއަކުން ކަމަށެވެ.

އޭނާގެ ދަރިފުޅު އިތުރަށް ބުނީ ކާލޯސް ނުފެންނަތާ މިހާރު 17 އަހަރު ވެއްޖެ ކަމަށެވެ.

comment ކޮމެންޓް