ވަރުގަދަ ޔުވެންޓަސް ބަލިކޮށް ނަޕޮލީއިން ތަށި އުފުލާލައިފި

އިޓާލިއަން ކަޕުގައި ރޭ ޔުވެންޓަސްއާއި ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން: ފޮޓޯ/ލައިވްސްކޯ

ރޭ ކުޅުނު ފައިނަލުގައި ވާދަވެރި ޔުވެންޓަސް ޕެނަލްޓީގައި ބަލިކޮށް ނަޕޯލީއިން އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހުނެވެ. އަދި މުބާރާތުގެ ގަވައިދަށް ގެނައި ބަދަލާ އެކު އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ ސީދާ ޕެނަލްޓީ ޖެހި އިރު ޔުވެންޓަސްގެ މައްޗަށް ނަޕޯލީ ކުރި ހޯދީ 2-4 ޕެނަލްޓީގެ ތަފާތަކުންނެވެ.

އެއާ އެކު މިއީ ނަޕޯލީއިން އިޓާލިއަން ލީގުގެ ތަށި އުފުލާލި ހަވަނަ ފަހަރެވެ.

ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އިޓާލިއަން ކަޕުގެ މެޗުތަކުން އިޓަލީގެ ފުޓުބޯޅަ ފެށި އިރު ނަޕޯލީ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި އިންޓަ މިލާން އަތުން 2-1 ގެ އެގްރިގޭޓަކާ އެކު މޮޅުވެގެންނެވެ. ރޭގެ މެޗުން ބަލިވި ޔުވެންޓަސް ފައިނަލަށް ދަތުރު ކުރީ އޭސީ މިލާނާއި ދެ ލެގުގައި ވެސް އެއްވަރުކޮށް އަވޭ ގޯލުގެ ތަފާތަކުންނެވެ.

ވަރުގަދަ ސްކޮޑަކާ އެކު ދެ ޓީމުވެސް ރޭގެ މެޗަށް ނުކުން އިރު ދެ ޓީމުން ވެސް މެޗުގައި ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުން މެޗުގެ ކުރީކޮޅު ލިބުނު ހިލޭ ޖެހުމަކުން ނަޕޯލީގެ ފޯވާޑް ލޮރެންޒޯ އިންސީނިއޭ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތި ދަނޑިއަށެވެ.

ދެވަނަ ހާފުގައި ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވެސް ހުރަސް ދަނޑިއަށް އަމާޒުވި އިރު މެޗު ނިމެންދަނިކޮށް ނަޕޯލީގެ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލާ އެރީ އަރިމަތި ދަނޑި އަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 0-0 ގެ ނަތީޖާއެއް އޮތުމުން ޖެހި ޕެނަލްޓީ ފުރަތަމައިން ފޮނުވާލީ ޔުވެންޓަސްގެ ޑިބާލާ އެވެ. ޑިބާލާ ތިރި ތިރިން ފޮނުވާލި އެ ޕެނަލްޓީ ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓް ވަނީ ފަސޭހަކަމާ އެކު ދިފާއުކޮށްފަ އެވެ. ޔުވެންޓަސްގެ ދެވަނަ ޕެނަލްޓީ ޑެނީލޯ ފޮނުވާލި އިރު އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ޔުވެންޓަސްއިން އެއަށްފަހު ޖެހި ދެ ޕެނަލްޓީ ޖެހީ ކެޕްޓަން ލެއޮނާޑޯ ބޮނޫޗީއާއި އާރޮން ރަމްސޭ އެވެ. ނަޕޯލީއިން މެޗުގައި ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރި އިރު އެ ޕެނަލްޓީތައް ޖެހީ ލޮރެންޒޯ އިންސީނޭއާއި މެޓިއޯ ޕޮލިޓާނޯ އަދި ނިކޮލާ މަކްސިކޯވިޗްގެ އިތުރުން އެރެކް މިލިކް އެވެ.

comment ކޮމެންޓް