ފައިނުގެ ފުޓްސަލް ދަނޑާ އެކު ޒުވާނުންނަށް އުފާވެރިކަން

ޗައިނާގެ އެހީގައި ރ. ފައިނުގައި އަޅާފައިވާ ފުޓްސަލް ދަނޑު ---

ޗައިނާ ސަރުކާރުން ދިން އެހީގެ ދަށުން ރ. ފައިނުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ އެ ދަނޑު ބޭނުން އެ ރަށުގެ ކުދި ބޮޑު އެންމެން ކުރަން ފަށައިފި އެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގެ އާބާދީ ކުޑަ ރަށްރަށަށް އަމާޒުކޮށްގެން އަޅާ 21 ފުޓްސަލް ދަނޑުތައް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްދަ ދެއްވާފައިވާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އޭރު އެކަން އިއުލާން ކުރީ އެކްޓިން ސްޕޯޓްސް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

އެގޮތުން ސަރުކާރުން އޭރު އިއުލާން ކުރި ރަށްރަށަކީ ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ށ. ނޫމަރާ، ނ. ހެބަނދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމު، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ތ. ބުރުނި، ތ. ވަންދޫ، ލ. މުންޑޫ، ވ. ތިނަދޫ، ދ. ރިނބުދޫ އެވެ.

އޭގެތެރެއިން ފައިނަކީ މި ސަރުކާރުގެ ކެބިނެޓް އެކުލަވާލުމަށްފަހު މިނިސްޓަރ މަހްލޫފް މަގާމާ ހަވާލުވުމާ އެކު ފުޓްސަލް ދަނޑެއް ބޭނުންވެގެން އެދުނު އެންމެ ފުރަތަމަ އެއް ރަށްކަން މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

މަހްލޫފް ވިދާޅުވީ ޗައިނާގެ އެހީގައި ފައިނުގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ ބޭނުން އެ ރަށުގެ ޒުވާނުން ހިފަމުން އަންނާތީ އުފާކުރައްވާ ކަމަށެވެ.

އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލިޒޯންގް ވެސް ވަނީ ދަނޑުތަކުގައި ޒުވާނުން ކުޅޭތަން ފެނުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާގެ އެހީގައި އަޅާ ފުޓްސަލް ދަނޑުތަކުގެ ތެރެއިން މިހާރު ނުނިމި ހުރީ މަދު ދަނޑުތަކެއް ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ބާކީ ހުރި ދަނޑުތަކުގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކުރީ ސަރުކާރުގައި ރާއްޖޭގެ ބައިވަރު ރަށްރަށުގައި ފުޓްސަލް ދަނޑުތައް އަޅައިފައި ހުރި ނަމަވެސް އެ ދަނޑުތައް އަލުން މަރާމާތުކުރަން ޖެހިފައިވާ ކަން މަހްލޫފް ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވައިފަ އެވެ. މަހްލޫފް ވިދާޅުވީ މި ސަރުކާރުން ބޮޑު އަގު ދީފައި ދަނޑުތައް އަޅަނީ އެކަން ކޮލިޓީކޮށް ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ގޮތަކަށް ކުރުމަށް ކަމަށެވެ.

comment ކޮމެންޓް