ފުރަބަންދުގެ ލުއިތަކާ އެކު ކޮވިޑް ފެތުރޭ މިންވަރު ބަލަން އެމްއެންޔޫ އިން ދިރާސާއެއް ކުރަނީ

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުރަބަންދަށް ދިން ލުއިތަކާ އެކު މާލޭގައި ކޮވިޑް ފެތުރެމުންދާ މިންވަރު ބެލުމަށް ގައުމީ ޔުނިވާސިޓީ އިން ދިރާސާއެއް ފަށައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ ގައުމީ ޔުނިވާސިޓީން ދަނީ ކޮވިޑްގެ މި ހާލަތުގައި އެހީތެރިވުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ޑރ. ރަހީމާ ވިދާޅުވި ގޮތުގައި މިވަގުތު ކުރެވޭ އެންމެ މުހިންމު ދިރާސާއަކީ ފުރަބަންދަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ބަލި ފެތުރުމަށް އަންނަ ބަދަލުތައް ދިރާސާކުރުމެވެ.

އެ ދިރާސާގެ ދަށުން ފްރަންޓްލައިންގައި އުޅޭ ވެމްކޯފަދަ ތަންތަނުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނާއި ބަލި ފަސޭހައިން ޖެހިދާނެ މީހުންނަށް އަމާޒުކޮށް ސާމްޕަލް ނަގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ކުރެވޭ މުހިންމު ދިރާސާތައް ފަދަ މަސައްކަތްތަކުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރަކު ހަރަކާތްތެރިވަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެގޮތުން ރެޕިޑް ރެސްޕޮންސް ޓީމު، ސާމްޕަލް ނެގުން، ކޮންޓެކްޓް ޓްރޭސިންގް، ތަމްރީނުކުރުމުގައި އަދި ކޮވިޑަށް ތައްޔާރުވާން ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ މީހުންނަށް ތަމްރީނު ދިނުމާއި ޓާސްކްފޯސްތަކުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ 1،200 ދަރިވަރުންނާއި 300 ސްޓާފުންނަށްވުރެ ގިނަ މުއައްޒަފުން ދަނީ ބައިވެރިވަމުން." ޑރ. ރަހީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބައްޔަށް އަމާޒުކޮށް ވަރަށް ގިނަ އިތުރު ދިރާސާތަކެއް ކުރެވެމުންދާކަ ކަމަށެވެ.

"މިހާރު ކުރިއަށްދަނީ މި ދިރާސާތަކުން މައުލޫމާތު އެއްކުރުމުގެ މަރުހަލާ،" ޑރ. ރަހީމާ ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ދިރާސާތައް އަމާޒުކުރެވޭ ދާއިރާތަކުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގް، މޮޑެލިންގް، ސޯޝިއޯ އިކޮނޮމިކް ޚަރަދުތަކުގެ އިތުރުން ސޯޝިއޯ އިކޮނޮމިކް ހެލްތަށް އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް އަންނަ ބަދަލުތައް ހިމެނެއެވެ.

"އަދި ރައްޔިތުންގެ މަޖިލީހުން ހަވާލުކޮށްގެން، ކޮވިޑް-19ގެ ސަބަބުން ޓުއަރިޒަމް ސެކްޓާރއަށް އަންނަ ބަދަލުތައް، ގެއްލުންތަކަކީ، ކޮބައިތޯ ބަލައި، ފޫބައްދަން ކުރެވޭނެ ކަންތައްތައް ބަލައި، އެކަންތަކަށްވެސް ދިރާސާތަކެއް އެބަ ކުރެވޭ،" ޑރ. ރަހީމާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމުގެ ދާއިރާ، ކޮންސްޓްރަކްޝަން، އަދި ހައުސިންގް ގެ ދާއިރާއަށް ކުރާ އަސަރުތައް ބެލުމަށްވެސް ދިރާސާތަކެއް ދަނީ ކުރެވެމުންނެވެ.

comment ކޮމެންޓް