ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް އަނެއްކާވެސް ބަލަނީ

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ---

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށް މީގެކުރިން ޖޭއެސްސީން ވަނީ ވަނީ ބުނެފައެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، މިފަހަރު އޭނާއާ ގުޅޭ ގޮތުން ބަލަން ނިންމީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދައުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރުނުކޮށް މައްސަލަ ބާތިލްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

މީގެއިތުރުން ގއ. ކޮނޑޭ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްގެ އިތުރު މައްސަލައެއް ބެލުމަށް ވެސް މިއަދު ނިންމިއެވެ.

މިފަހަރު މުހައްމަދު އިބްރާހީމާ ގުޅޭގޮތުން ބަލަމުން ދަނީ އާއިލީ ގުޅުން އޮންނަ މީހެއް އެކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމަށް ހަމަޖެހުއްސުމުގައި އޭނާ އިހުމާލުވިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ޖޭއެސްސީން ބުންޏެވެ.

މީގެއިތުރުން ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ އާއި ހުޅުމާލޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްސަލައެއް ބެލުމަށް ވެސް މިއަދު ނިންމިއެވެ.

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީއާ ގުޅޭގޮތުން ހަތަރު މައްސަލައެއް ބަލަން ނިންމިއެވެ. ފުރަތަަމަ މައްސަލަ އަކީ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި ފަރާތްތަކާމެދު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

މުލްހާ އާ ގުޅޭގޮތުން ބަލާ ދެވަނަ މައްސަލަ އަކީ ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖާކޮށް ގޮތެއް ނިންމި ކަމަށް ބުނާ މައްސަލައެވެ.

މުލްހާ އާ ގުޅޭގޮތުން ބަލާ އަނެއް ދެ މައްސަލަ އަކީ އޭނާގެ އާއިލީ ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ފުލުހުން ހިންގި ތަހުގީގެއްގައި ހެކި ނައްތާލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

ހުޅުމާލެ ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު އާ ގުޅޭގޮތުން ބަލާ މައްސަލަ އަކީ މީހަކު ބަންދުގައި ބެހެއްޓުމަށް ގޮތް ނިންމެވިއިރު، ލިބިފައިވާ މައުލޫމާތު އޮޅޭ ގޮތަށް، ހަގީގަތާ ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަތައް ބެލުމަށް ތަހުގީގު ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާ ގުޅޭ އެއްވެސް މައްސަލައެއްގައި މިހާތަނަށް ޖޭއެސްސީން ގޮތެއް ނިންމާފައެއް ނުވެއެވެ.

https://sun.mv/130790

comment ކޮމެންޓް