ސިފައިންގެ ގުރުބާނީ ބޭކާރު ވެގެން ނުދާނެ: މޯދީ

ދިއްލީ (ޖޫން 17): އިންޑިއާގެ ސިފައިން އެގައުމުގެ ބޯޑަރު ކައިރީގައި ވީ ގުރުބާނީ ބޭކާރު ވެގެން ނުދާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

މޯދީ އެފަދައިން ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުގެ ރޭ އިންޑިއާ އާއި ޗައިނާގެ ބޯޑަރު ކައިރީގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި އިންޑިއާގެ ސިފައިން މަރުވި ފަހުން ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގަ އެވެ.

"އަޅުގަނޑުމެންގެ ސިފައިންގެ ގުރުބާނީ ބޭކާރު ވެގެން ނުދާނެ ކަމުގެ ޔަގީންކަން މިގައުމަށް އަޅުގަނޑު ދެން. އަޅުގަނޑުމެންނަށް އެންމެ މުހިއްމީ މި ގައުމުގެ އެއްބައިވަންތަކަމާއި އިސްތިގުލާލު. އިންޑިއާއިން ބޭނުން ވަނީ ސުލްހަވެރިކަން. ނަމަވެސް މިގައުމަށްވެސް ހާލަތާ ބައްދަލު ރައްދެއް ދިނުމުގެ ގާބިލުކަން ލިބިގެންވޭ،" މޯދީ ވިދާޅުވި އެވެ.

މޯދީގެ ތަގުރީރު ނިންމަވާލެއްވީ ސިފައިންގެ ހަނދާނުގައި ދެ މިނިޓުގެ ސުކޫތެއް ގެންނެވުމަށް ފަހުގަ އެވެ.

އިންޑިއާ އާއި ޗައިނާ ވަކިކޮށްދޭ ލައިން އޮފް އެކްޝުއަލް ކޮންޓްރޯލް (އެލްއޭސީ) ކައިރީގައި ސިފައިންތަކެއް މަރުވީ، އެ ސަރަހައްދުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ދެ ގައުމުގެ ސިފައިން މަޝްވަރާ ކުރަމުން ދަނިކޮށް ކަމަށް އިންޑިއާއިން ބުންޏެވެ. އެ ހާދިސާ ހިނގީ އިންޑިއާގެ ލަދާކްގެ ގަލްވާން ވެލީގަ އެވެ.

އިންޑިއާއިން ފުރަތަމަ ބުނި ގޮތުގައި އެ ހާދިސާގައި މަރުވެފައި ވަނީ އެގައުމުގެ ތިން ސިފައިންނެވެ. އަދި ފަހުން އެގައުމުން ވަނީ އެ ހާދިސާގައި އަނިޔާ ލިބުނު އިތުރު 17 ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

ޗައިނާއިން ބުނި ގޮތުގައި ހޯމަ ދުވަހު ދެ ގައުމުގެ ސިފައިންގެ މެދުގައި ހަމަނުޖެހުންތައް ހިނގީ އިންޑިއާ ސިފައިން ދެ ފަހަރަކު ބޯޑަރު ހުރަސްކޮށް، ޗައިނާ ފަޅިއަށް ވަނުމުންނެވެ. އަދި އެގައުމުގެ ބައެއް ސިފައިންވެސް އެ ހާދިސާގައި މަރުވި ކަމަށް ހަބަރު ފެތުރިފައިވީ ނަމަވެސް ޗައިނާއިން ރަސްމީކޮށް އެކަން ކަށަވަރު ކޮށްދީފައި ނުވެ އެވެ.

އިންޑިއާގެ އޭއެންއައި ނޫހުން ވަނީ ބޯޑަރުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމާ ބެހޭ ގޮތުން ދެ ގައުމުގެ އަސްކަރިއްޔާގެ އިސް ވެރިން މަޝްވަރާތައް ބާއްވަމުންދާ ކަމަށް މިއަދު ރިޕޯޓުކޮށްފަ އެވެ.

އިންޑިއާ އާއި ޗައިނާގެ މެދުގައި އޮންނަ ބޯޑަރުގެ އިމާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި ދެބަސްވުންތައް އުފެދިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި އޭގެ ސަބަބުން ބޯޑަރު ކައިރީގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ބައެއް ފަހަރު ތަޅާފޮޅުންތައް ކުރިއަށް ގެންދެ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހަކީ 1975ގެ ފަހުން އެ ބޯޑަރުގައި ހިނގި ހަމަނުޖެހުމެއްގައި ސިފައިން މަރުވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް