ދައުލަތުގެ ކުންފުނިތަކުން މީޑިއާތަކަށް އިޝްތިހާރު ދިނުމުގައި އިންސާފުވެރިކަމެއް ނެތް: ސާވޭ

ސެޕްޓެމްބަރ 15، 2019: ދެހާސް އަށާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ނުވަތަ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް (އެސްއޯއީތަކުން) މިހާރު މީޑިއާތަކަށް އިޝްތިހާރު ދޭގޮތް އިންސާފުވެރި ނޫން ކަމަށް މީޑިއާތަކުގެ މެދުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކަށް ކުރިމަތިވި ގޮންޖެހުންތައް ވަޒަންކޮށް އެކަންކަން ދައުލަތާ ގުޅުހުންހުރި މުއައްސަސާތަކަށް ހުށަހެޅުމުގެ މަގުސަދުގައި މީޑިއާ ކައުންސިލުން ވަނީ ސާވޭއެއް ކުރިއަށް ގެންގޮސް އޭގެ ތަފްސީލީ ރިޕޯޓް އާންމުކޮށްފަ އެވެ.

އެ ރިޕޯޓް އާންމު ކުރީ މީޑިއާތަކުގެ ފަންނީ ބޭފުޅުން ހިމަނައިގެން "ކޯވިޑް-19އާ އެކު މީޑިއާތަކުގެ ކުރިމަގު" މި ނަމުގައި އިއްޔެ ބޭއްވި ވެބިނާއެއްގަ އެވެ.

ނޫސްވެރިންނާ، މީޑިއާތަކުގެ އިސްވެރިން ހިމެނޭގޮތުން ޖުމްލަ 63 ފަރާތަކުން ވަނީ ސާވޭގައި ބައިވެރިވެ، މައުލޫމާތު ދީފަ އެވެ.

ސާވޭއަށް މައުލޫމާތު ދިން ހުރިހާ މީޑިއާއަކުން ވެސް ދައުލަތުގެ ބައެއް ކުންފުނިތަކުން އިޝްތިހާރު ދިނުމުގައި ގެންގުޅޭ އުސޫލާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ދައުލަތުގެ ބައެއް ކުންފުނިތަކުން އިޝްތިހާރުގެ ފުރުސަތު މިހާރު ދެނީ މީޑިއާތަކުގެ ޓްރެފިކަށް ނުވަތަ އާންމުން އެ މީޑިއާއެއް ބަލާ/ކިޔާ މިންވަރަށް ބަލައިގެން ނޫން ކަމަށާއި ވަރަށް ކުޑަ ނުވަތަ ދުވާލަކަށް ދެތިން ހަބަރު ގެނެސްދޭ މީޑިއާތަކަށްވެސް ދައުލަތުގެ ވަރަށް ބޮޑެތި ކުންފުނިތަކުން އިޝްތިހާރު ދޭކަމަށް ގާތްގަނޑަކަށް ހުރިހާ މީޑިއާތަކުންވެސް ފާހަގަކުރި ކަމަށް ރިޕޯޓުގަައިވެ އެވެ.

"ސަރުކާރުގެ ކުންފުނިތަކުން މީޑިއާ ޓްރެފިކަށް ބަލާފައި މެއިންސްޓްރީމްކޮށް ހިންގާ މީޑީއާތަކަށް ސްޕޮންސަޝިޕް ދޭންޖެހޭ ހަމަޖެހޭ އުސޫލަކުން. މިހާރު ސަރުކާރު ކުންފުނި ތަކުން ސްޕޮންސާ ދެނީ ރާއްޖެއިން ބޭރުގެ އެމްބަސީތަކާއި މިނިސްޓްރީތަކުގައި އުޅޭ ސިޔާސީ މުވައްޒަފުން އެމީހުންގެ ޑިސިޝަންތައް ރީތިކުރަން އެމީހުން ބޭނުންވާ މީޑިއާތަކަށް އެކަނި. ގަވާއިދުން އަޕްޑޭޓްނުވާ މިޑިއާތަކަށްވެސް މަހަކު 20،000 ނުވަތަ 30،000 ރުފިޔާގެ އިޝްތިހާރުދޭ،" ސާވޭގެ ބައިވެރިިޔަކު ބުނި ކަމަށް ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރުވެސް މިކަމުގައި އޮންނަކަމަށް ސާވޭގެ ބައެއް ބައިވެރިން ވަނީ ތުހުމަތު ކޮށްފަ އެވެ.

"މިހާރު ސަރުކާރު ކުންފުނިތަކުން އިޝްތިރާކު ދެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުން އޮންނަ މީޑިއާތަކަށް ކަން ފާހަގަކުރެވޭ. ސަރުކާރު ކުންފުނިތަކުން ހަމަޖެހޭ އިންސާފުވެރި އުސޫލަކުން އިޝްތިހާރު ނުދޭ،" ބައިވެރިޔަކު ބުނެފައިވެ އެވެ.

މީގެ އިތުރުން އާންމު އުސޫލުން ދައުލަތުގެ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުން ޖަވާބު ނުލިބޭ ކަމަށާއި "ރައްޓެހިން" މެދުވެރިކޮށް އިޝްތިހާރު ހޯދުމުގެ ސަގާފަތެއް އެ ކުންފުނިތަކުގައި އޮންނަ ކަމަށް ވެސް ސާވޭގެ ބައިވެރިން ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ ކުންފުނިތަކުން އިޝްތިހާރު ދިނުމުގައި މިހާރު އަމަލުކުރަމުންދާ ގޮތާމެދު ޖުމްލަކޮށް ސަވޭގައި ބައިވެރިވި ހުރިހާ މީޑިއާއަކުން ހިތްހަމަނުޖެހުނު ނަމަވެސް އެކަންކަން ރަނގަޅުކޮށް ކުންފުނިތަކުން ހަމަހަމަ އުސޫލަކުން މެރިޓް މޭސްކޮށް މީޑިއާތަކަށް އިޝްތިހާރުތައް ދިނުމަށް ވަނީ އެދިފަ އެވެ.

އެގޮތުން ސާވޭގެ ބައިވެރިވި މީޑިއާތަކުން އެދެނީ ނޫސްތައް ކިޔާ މީހުންގެ އިންސައްތަ އާއި ކިޔުންތެރިންގެ މެދުގައި ނޫސް މަގުބޫލުވެފައިވާ މިންވަރާއި ކޮންޓެންޓުގެ ކޮލިޓީއަށް ރިއާޔަތް ކުރުމަށް ފަހު ސަރުކާރު ކުންފުނިތަކުން އިޝްތިހާރު ދިނުމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް އެހީވާންވީ ސްޕޮންސާ ފުރުސަތު ދީގެން. ފުޓްބޯޅަ ކްލަބްތަކަށް އެހީދިން ފަދައިން. ވީމާ މި އުސޫލުން ދިގު މުއްދަތަކަށް މީޑިއާ ތަކަށް އެހީދެވިދާނެ،" ބައިވެރިޔަކު ބުނެފައިވެ އެވެ.

އެހެން ނަމަވެސް، އެކަން ވާންވާނީ އެޑިޓޯރިއަލް މިނިވަންކަމަށް ހުރަސް ނޭޅޭނެ ގޮތަކަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް ވެސް ސާވޭގެ ބައިވެރިން ފާހަގަކޮށްފައިވެ އެވެ.

ހަމައެއާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ދިމާވި ނަމަވެސް ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ބައެއް ކުންފުނިތަކުގެ އާމްދަނީއަށް މާބޮޑު ބަދަލެއް ނާންނަ ކުންފުނިތައް އެބަހުރިކަމަން ބައިިވެރިން ފާހަގަކުރި އެވެ.

އެފަދަ ކުންފުނިތަކުން މީޑިއާގެ އެޑިޓޯރިއަލް މިނިވަންކަމަށް ހުރަސްނޭޅޭގޮތަށް މީޑިއާތަކަށް އެހީވުމަށް ވެސް ބައިވެރިން އެދިފައިވެ އެވެ.

https://sun.mv/138612

comment ކޮމެންޓް