މަޖިލީހުން ލަފާ ދިނީ ކަރަންޓީން ނުވެ އިތުރު ޓެކްސްއަކާއި ނުލައި ފަތުރުވެރިން ގެނައުމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އިތުރު ޓެކްސްއަކާ ނުލައި އަދި ކަރަންޓީން ނުވެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ފުރުސަތު ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި -- ފައިލް ފޮޓޯ/ މަޖިލިސް

ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ފަތުރުވެރިންގެ އަތުން އިތުރު ޓެކްސް އެއް ނުނެގުމަށާއި ކަރަންޓީންނުވެ ރާއްޖެ އައުމުގެ ފުރުސަތު ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރަށް ލަފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރުމާއި ރާއްޖެ އަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ހިމަނާ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ އުސޫލެއްގެ ޑްރާފްޓެއް ޓުއަރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލައި މަޖިލީހުގެ ލަފަޔަކަށް އެދިފަ އެވެ.

އިގްތިސާދީ ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓަށް މަޖިލީހުން ވަނީ ދެ އިސްލާހެއް ގެނައިސްފައެވެ. އެ ދެ އިސްލާހު ވެސް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އެގޮތުން ކޮވޮޑް-19 ފެތުރުން ފެށުމުގެ ކުރިން ނަގަމުން އައި ފީތަކުގެ އިތުރުން އެހެނިހެން އެއްވެސް ފީ އެއް ރާއްޖެ އަންނަ ޓުއަރިސްޓުންގެ އަތުން ނުނެގުމަށް ހުށަހެޅުއްވި އެވެ. އަދި ދެވަނަ ހުށަހެޅުމަކީ ކަރަންޓީން ވުމެއްނެތި ހުރިހާ ފަތުރުވެރިންނަށް ވެސް ރާއްޖެ އައުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އޭނާ ހުށަހެޅުއްވި އެވެ.

އެ ދެ ހުށަހެޅުން ފާސްކޮށްފައިވަނީ އެ ވަގުތު ހާޒިރުވެވަޑައިގަތް ތިއްްބެތި 55 މެންބަރުންގެ އިއްތިފާގުންނެވެ. އަދި މުޅި ރިޕޯޓް ފާސްކޮށްފައިވަނީ 59 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ރިޕޯޓް ފާސްވުމާއި ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ނިންމުން މިއަދު ރައިސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ފޮނުއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ސްޓޭޓްމަންޓެއްގެ ގޮތުގައި އިނގިރޭސި ބަހުން ނެރުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް -19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލުމާ ގުޅޭގޮތުން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ޑްރާފްޓުގައި ބުނެފައިވަނީ މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ރިސޯޓުތަކަށް ކަމަށެވެ.

އެ ޑްރާފްޓް ގައިޑްލައިންގައިވާ ގޮތުން ސޭފް ޓޫރިޒަމް ރިސޯޓްގެ ގެސްޓް ރޫމްތަކުގެ 10 ޕަސެންޓު އައިސޮލޭޝަނަށް ކަނޑައަޅަންވާނެ ކަމަށާއި ސްޓާފުންގެ 10 ޕަސެންޓަށްވާ ވަރަށް ސްޓާފުންނަށް ހާއްސަ ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީ ގާއިމް ވެފައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ގެސްޓުންނަށް ހިދުމަތްދޭ ސްޓާފުންނަކީ ޕީޕީއީ އަޅައިގެން ހިދުމަތްދިނުމަށް ތަމްރީނުވެފައި ތިބޭ މީހުންނަށް ވާންޖެހޭނެ ކަމަށާއި ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތަށް ސްޓާފުން ތަމްރީނުވެފައި ތިބެންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކޮވިޑް19 އަށް ޝައްކު ކުރެވޭ ކޭހެއް ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ސްޓާފުން ތަމްރީނު ކުރެވިފައި ތިބެންޖެހޭނެ ކަމަށާއި ރިސޯޓުގައި އެކަށީގެންވާވަރަށް ޕީޕީއީ (އަންގި މާސްކު، ބޫޓުކަވާ އަދި ގައުން) ހުންނަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ޑްރާފްޓް އުސޫލުގެ އުސްއަލިތައް:

  • ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަނި. ލައިސަންސް ފީ 50،000 ޑޮލަރު.
  • ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސްކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުން.
  • ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ. ޓްރެވަލް އިންޝްއަރެންސް ހަދާފައި އޮންނަން ޖެހޭ.
  • ޓޫރިސްޓުން އެއާޕޯޓަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހަދާނެ. ރިސޯޓްގެ ކޮޓަރިން ނިކުމެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން.
  • ރިސޯޓްތަކުގައި ހުންނަން ޖެހޭނީ ސެލްފް-ސާވިސް ޗެކިން.
  • ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން.
  • ޖޫންގައި ހުޅުވާލަނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް.
  • ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އޮންލައިންކޮށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް އެ އުސޫލު އެ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އަދި އެ އުސޫލަށްޒއިންޑަސްޓްރީގެ ހިޔާލަށް މިނިސްޓަރު އެދިވަޑައިގެންނެވިކަން ވަނީ އެނގިފައިވެ އެވެ.

comment ކޮމެންޓް