ބޯޑަރު ހުޅުވާލުމުން މަސައްކަތްކުރާނީ އިގްތިސާދަށް ސަޕޯޓުދޭން: މޯލްޑިވިއަން

މާފަރު އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަން އެމްޑީ، ރިޒްވީ -- ސަން ފައިލް ފޮޓޯ

ޖުލައިމަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން މަސައްކަތް ކުރާނީ އިގްތިސޯދަށް ސަޕޯޓު ދޭން ކަމަށް ގަައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވީ ބޯޑަރު ހުޅުވާލާއިރު، އެކުންފުނީގެ ދެ އެއާބަސް ބޭނުންކޮށްގެންވެސް އިގްތިސޯދަށް ބޭނުންވާ ސަޕޯޓު ދޭނެ ކަމަށެވެ.

"ބޯޑަރު ހުޅުވާލާއިރު އެއާބަސް ދެ އެއާކްރާފްޓު ޔުޓިލައިޒްކޮށްގެންވެސް މެކްސިމަމް އިކޮނޮމީ އަށް ސަޕޯޓު ކުރާނަން،" ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ދިޔައީ އެއާ ބަސް ތަކުގައި ޗައިނާ އަށާއި ތައިލެންޑަށް ދަތުރުތައް ކުރަމުންނެވެ.

ކޮވިޑުގެ އާ އާންމު ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ވަކި މަންޒިލަކަށް ދަތުރު ނުކޮށް ނުތިބޭނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ. ކޮވިޑު ތެރޭގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި މުވައްޒަފުންނަށް ބޮޑު ތަޖުރިބާއެއް ލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެން ކެރިއާ އަކަށް ނުލިބޭ އެކްސްޕީރިއަންސް ލިބިއްޖެ،" ރިޒްވީ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަަނުން ވަނީ ކޮވިޑުގެ ހާލަތުގައި ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް ކާގޯ ފްލައިޓުތައް ބާއްވައިފަ އެވެ.

ރިޒްވީ ވިދާޅުވީ އޭޕްރީލް 15 އިން މެއި މަހުގެ ނިޔަލަށް އެ ކުންފުނީގެ ސީޕްލޭން އަދި ޑޮމެސްޓިކް އާއި އިންޓަނޭޝަނަލް ފްލައިޓުތަކުގައި ޖުމްލަ 4500 އަށްވުރެ ގިނަ ފަސިންޖަރުން އުފުލި ކަމަށެވެ. އެއީ 700 އަށްވުރެ ގިނަ ފްލައިޓް މޫވްމަންޓު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިޔުމަށް މޯލްޑިވިއަންގެ ބޯޓުތައް އޮޕަރޭޓު ކުރެ އެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ހާއްސަ ފްލައިޓުތައް ބާއްވަމުންދާއިރު ރާއްޖޭގައި ތިބި ބިދޭސިން އެމީހުންގެ ގައުމަށް ގެންދިޔުމަށްވެސް އެ އެއާލައިން އިން އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ.

މީގެ އިތުރުން ހޯމް ކަރަންޓީނަށް ރަށްރަށަށްދާ މީހުން އުފުލުމަށާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުންގެ ތެރެއިން ކަރަންޓީނު ނިންމާ މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށްވެސް ގައުމީ އެއާލައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އައިލެންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ ބޯޑަރު ހުޅުވާލާއިރު، ބަލާނީ ކުރިންވެސް ދަތުރުކުރި ހުރިހާ މަންޒިލަކަށްވެސް ދަތުރު ކުރުމަށް ކަމަށެވެ.

"ލޮކްޑައިމް ތެރޭ ޗައިނާ އަށްވެސް ދިޔަ. އިންޑިއާ އިން ގެންނަން ޖެހުނު ބޭސް ގެނައުމަށްވެސް ދަތުރު ބޭއްވި،" އޭނާ ވިދާޅުވި އެވެ.

ޖެނިފާ ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވި ވަގުތު މޯލްޑިވިއަން އޮތީ ގައުމީ ހިދުމަތުގައި ކަމަށެވެ. "ބަލި ފެތުރިދާނެތީ ދަތުރު ނުކުރާކަށް ނުތިބެވޭނެ،" ޖެނީފާ ވިދާޅުވި އެވެ.

ޖެނީފާ ވިދާޅުވީ މުވައްޒަފުންނަށް ދޭންޖެހޭ ރައްކާތެރިކަންވެސް ދޭނެ ކަމަށާއި، ދަތުރު މަތީގައި މުވައްޒަފުން ތިބޭނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހެދުން އަޅައިގެން ކަމަށެވެ. އެހެން ސްޓާފުންވެސް މަސައްކަތާ ގުޅޭ ޕީޕީއީ ބޭނުން ކުރާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މުވައްޒަފުންނަށް ދޭންޖެހޭ ރައްކާތެރިކަން ދީގެން، ލާންޖެހޭ ހެދުން ލައިގެން ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ،" ޖެނީފާ ވިދާޅުވި އެވެ.

ކޮވިޑުގެ ކުރިން މޯލްޑިވިއަން އިން ޗައިނާ އާއި ތައިލެންޑުގެ އިތުރުން އިންޑިއާ އަށް ދަތުރުތައް ބޭއްވި އެވެ.

ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު މީގެ ތެރެއިން އެއްވެސް ގައުމެއްގެ ބޯޑަރު އިންޓަނޭޝަނަލް ޝެޑިއުލް ދަތުރުތަކަށް އަދި ހުޅުވައެއް ނުލައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، އެކުންފުނިން ހިންގާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުވެސް ޖުލައި އަންނައިރު، އިންޓަނޭޝަނަލް ދަތުރުތަކަށް ތައްޔާރުވާނެ ކަމަށެވެ.

comment ކޮމެންޓް