ޖުލައި އެކަކުން ފެށިގެން އޮންލައިން ޗެކް އިން ކުރެވޭނެ: މޯލްޑިވިއަން

ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކަށް އޮންލައިން ޗެކްއިން ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ ޖުލައި އެކަކުން ފެށިގެން މޯލްޑިވިއަންގެ ޑޮމެސްތިކް އަދި އިންޓަނޭޝަނަލް ފްލައިޓުތަކަށްވެސް އޮންލައިން ކޮށް ޗެކްއިން ކުރެވޭނެ ކަމަށެވެ.

މިހާރު ކުރިއަށްދަނީ އޮންލައިން ޗެކްއިންގެ ޓެސްޓިން މަސައްކަތްތައް ކަމަށް ޖެނިފާ ވިދާޅުވި އެވެ.

ކޮވިޑް19 އާއި ގުޅިގެން އާ އާންމު ހާލަތަކަށް ދާއިރު، އޮންލައިންކޮށް ޓިކެޓު ގަތުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަން ޖެނިފާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މޯލްޑިވިއަން އިން މަސައްކަތް ކުރަނީ އިލެކްޓްރޯނިކް އަދި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ފަސިންޖަރުންނަށް ރައްކާތެރިކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ފަސިންޖަރުންނަށް ބާރުއަޅަނީ އޮންލައިންކޮށް ޓިކެޓު ގަތުމަށް ކަމަށްވެސް ޖެނިފާ ވިދާޅުވި އެވެ.

އާ އާންމު ހާލަތަށް ތައްޔާރުވުމަށް އައިލެންޑް އޭވިއޭޝަނުން ހިންގާ ހަތަރު އެއާޕޯޓުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތްތައް އަންނަ ހޯމަ ދުވަހަށް ނިންމާލެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ވަނީ ބުނެފަ އެވެ.

މޯލްޑިވިއަން އިން މިހާރުވެސް ދަނީ ހޯމް ކަރަންޓީނަށް ދާ މީހުން މާލެއިން ރަށްރަށަށް އުފުލުމަށް ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން ކަރަންޓީނު ފެސިލިޓީތަކަށާއި އައިސޮލޭޝަން ފެސިލިޓީތަކަށް މީހުން އުފުލުމުގެ އިތުރުން ކަރަންޓީނު ނިންމާ މީހުން އެނބުރި ރަށަށް ގެންދިޔުމަށްވެސް އެ އެއާލައިން އިންދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން މީހުން ރާއްޖެ ގެނައުމުގެ އޮޕަރެޝަނެއް ކުރިއަށްގެންދާއިރު، ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން އަނބުރާ ގައުމަސް ގެންދިޔުމުގައިވެސް އެ އެއާލައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް