ބިދޭސީއަކަށް އަނިޔާ ކުރި މައްސަލައިގައި އަށް ފުލުހެއްގެ މައްސަލަ ޕީޖީއިން ބަލައިގެންފި

ފުލުހުންތަކެއް ބިދޭސީއަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ --

މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ފުލުހުންތަކެއް މާފަންނު "އުޖާލާ"ގޭ ތެރޭގައި ބިދޭސީއަކަށް އަނިޔާ ކުރި މައްސަލައިގައި އަށް ފުލުހަކަށް ދައުވާކުރަން ޕީޖީ އިން އެ މައްސަލަ ބަލައިގެންފި އެވެ.

ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް މީހަކަށް އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެ، އެ މައްސަލަ ހޫނުވެފަ އެވެ. ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެކަން ހިނގީ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެ ހާދިސާގައި ފުލުހުންތަކެއް އަނިޔާ ކުރީ ބިދޭސީއަކަށެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި، 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް ދައުވާކުރުމަށް އެދި އޮކްޓޯބަރު 31، 2019 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އަށް ފުލުހެއްގެ މައްސަލަ ދައުވާ ކުރުމަށް ޕީޖީއިން މިހާރު ބަލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ހިމެނޭ ފުލުހުންނަކީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ އައިއޯއިންގެ މައްޗަށް އެކުލަވާލި ހާއްސަ ޓީމަކުންކަން ފާހަގަކުރަން،" ފުލުހުން މިއަދު ބުންޏެވެ.

އެ ހާދިސާގެ ވީޑިއޯ އާންމުވުން ގިނަ ބަޔަކު ކަންބޮޑުުވުން ފާޅު ކުރި އެވެ. އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއިންވެސް އެ މައްސަލަ ބެލި އެވެ.

އެ މައްސަލައިގައި ތުހުމަތުވާ ފުލުހުންތަކެއް ސަސްޕެންޑުކޮށް ވަޒީފާއިން ވަކި ކުރި ކަމަށް މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް