މިއަހަރު އަންނާނީ ނުވަ ލައްކަ ފަތުރުވެރިން

މިދިޔަ އަހަރު ރާއްޖެ އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިނަމަވެސް، މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު އިއްޔެ ވިދާޅުވީ މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މިއަހަރު ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށެވެ.

"މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަންޓުއަރިސްޓުން އައި ނަމަވެސް މިއަހަރު އަޅުގަނޑުމެން މި އަންދާޒާ ކުރަނީ 980،000 (ނުވަލައްކަ ހާސް) މީހުންނޭ އަންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެވެސް ވަރަށް އެމްބިޝަން ނަމްބާއެއްގެ ގޮތުގައި މިހާރު އަޅުގަނޑުމެންނަށް މި އަންދާޒާ ކުރެވެނީ،"

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުވެސް 1.7 މިލިއަން ފަރުތުވެރިން އައިސްދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ވަރަށް ރަނގަޅަށް މާކެޓިން ގެ ކަންތައް ކުރެވިއްޖެ ނަމަ، އަދި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ވެއްޖެ ނަމަވެސް ލަފާކުރެވެނީ 1.1 ނުވަތަ 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ 70 ޕަސެންޓު ފަތުރުވެރިކަން ހިއްސާކުރާއިރު ފަތުރުވެރިކަން މަޑުޖެހިފައިވުމުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

ކޮވިޑް19 އާއި ގުޅިގެން މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު، ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ ޖުލައި މަހުގެ ތެރޭގައި ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމަށެވެ.

ދުނިޔޭގެ މާކެޓަށް އަލުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވުމުން ފަތުރުވެރިކަމަށް އަންނާނެ ބަދަލުތަކަށް ލަފާކޮށް ސަރުކާރުން ދިރާސކޮށް ހަދާފައިވާ ސިނާރިއޯތަކުގެ ތެރެއިން ތިން ވަނަ ސިނާރިއޯގައި، ޖުލައި މަހުން އޮންއެރައިވަލް ވިސާ ދޭން ހުޅުވާލުމާއެކު އަހަރުގެ ބާކީ މަސްތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފަތުރުވެރިން އަތުވެއްޖެ ނަމަ ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ސިނާރިއޯގައި ފަތުރުވެރިން އަންނަ އަދަދަކީވެސް ފާއިތުވި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ 50 ޕަސެންޓް މަދު އަދަދެކެވެ. މި ހާލަތުގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ބެޑްނައިޓްސްގެ އަދަދު 39 ޕަސެންޓް މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވާލާއިރު ޓޫރިސްޓުން އިތުރު އެއްވެސް ޝަރުތަކާ ނުލައި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި ޓޫރިސްޓުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ޓޫރިޒަމަށް ހުޅުވާލައިރު އަމަލުކުރާނެ ގަވައިދު އަދި އާންމު ކޮށްފައެއް ނުވެ އެވެ.

ޖުލައި މަހު ޓޫރިޒަމް އަލުން ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެއީ ސީދާ ކޮން ތާރީހެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް