ވަޒީފާ ލިބޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެކި ފަރާތްތަކުން ފައިސާ ނަގަމުންދާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ

14:30


ވަޒީފާ ލިބޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެކިފަރާތްތަކަށް ފޯނުން ގުޅައިގެން ފައިސާ ނަގަމުންދާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.


ފުލުހުން ބުނީ ވަޒީފާ ލިބޭނީ ވަކިކަހަލަ ކޯސްތަކެއް ހަދައިގެން ކަމަށް ބުނެ ބޮޑެތި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން މީސްމީހުންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ ގިނަ މައްސަލަތަކެއް ފުލުހުނަށް ހުށަހެޅިފައިވާ ކަމަށެވެ.


މިގޮތުން، ފުލުހުންނަށް ހުށަހެޅިފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި ބޮޑެތި ކުންފުނިތަކުގެ ނަމުގައި އެކިފަރާތްތަކަށް ގުޅައިގެން އެތަނުގައި ވަޒީފާގެ ފުރުސަތު އޮތް ކަމަށްބުނެ، ވަޒީފާއަށް ނުކުތުމުގެ ކުރިން ވަކި ކަހަލަ ކޯހެއް ހަދަން ޖެހޭ ކަމަށާއި، އެކޯހަށް ދެއްކުމަށް އެކި އަދަދު ތަކުން އެކިފަރާތްތަކުން ފައިސާ ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން ކޯހެއް ހެދުމަށް ކަމަށްބުނެ ރަށަކުން މީހަކު މާލެގެނެސް، މާލޭގައި ކުއްޔަށް ތަނެއް ހިފައިގެން ހުރުމަށް 10،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެކި ފަހަރުމަތިން މީހުން ފޮނުވައިގެން ނަގާފައިވާ މައްސަލައެއްވެސް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.


މީގެއިތުރުން، ވަޒީފާ ލިބޭނެ ކަމަށް ބުނެ ކޯސް ހެދުމަށް އަށްސަތޭކަ ރުފިޔާއިން، ފައްސަތޭކަ ރުފިޔާއިން އެކި މީހުންގެ އަތުން އެކިފަހަރުމަތިން ތަފާތު މީހުން ފޮނުވައިގެން ނަގާފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިގޮތަށް ފައިސާ ނަގާފައިވަނީ ފޯނުކުރި ފަރާތުން އެކިމީހުން އެކިފަހަރު އެކި ތަންތަނަށް ފޮނުވައިގެން ކަމަށްވެސް ފުލުހުން ބުނެ އެވެ. މިގޮތުން ފައިސާ ނެގުމަށް އަންހެން ކުދިންވެސް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.


މީގެ އިތުރުން، މިފަދަ ގޮތްގޮތަށް މަކަރާއި ހީލަތުން އޮޅުވާލައިގެން ރަށްރަށުގައި ހިންގާ ފިހާރަތަކަށް ގުޅާ ބޮޑެތި އަދަދުތަކުން ވަތަނިއްޔާ ރާސްޓަސް އަދި ދިރާގު ރީލޯޑްކުރުން ފަދަ މައްސަލަތައް ވެސް ދޭތެރެ ދޭތެރެއިން އަދި ވެސް ހުށަހެޅެމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.


މަކަރާއި ހީލަތުން ފައިސާއާއި ތަކެތި ހޯދުމަށް އެކި ފަރާތްތަކުން ހިންގާ މިފަދަ ކަންކަމަށް ޢާންމު ފަރާތްތަކުން ސަމާލުވުމަށާއި، މިފަދަ މުޢާމަލާތްތައް ކުރާއިރު ގޮތްނޭނގޭ ފަރާތްތަކާއެކު އެފަރާތްތައް އެދޭހާ ތަނަކަށް ގޮސް މުޢާމަލާތް ނުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު