ޗިލްޑްރެންސް އޮމްބަޑްސްޕާސަން ކަމަށް ނަން ފޮނުއްވި ނިއުމާތުއާ މެދު ހިޔާލު ހޯދަން ހުޅުވާލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މާގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ނަން ފޮނުއްވާފައިވާ މ. މާފުށި، ނިއުމާތު ޝަފީގުއާ މެދު އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުން އިއުލާނުކޮށްފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ނިއުމާތުގެ ނަންފުޅު ފޮނުއްވީ އިއްޔެއެވެ.

އިއްޔެ އޭނާގެ ނަންފުޅު ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށްވެސް ފޮނުވާފައިވެއެވެ.

ނިއުމަތު ޝަފީގު މިވަގުތު ހުންނެވީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަގާމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 201 ވަނަ މާއްދާގެ (ރ)ގެ ދަށުން މިއަދު ވަނީ ނިއުމާތު އެ މަގާމަށް ހަމަޖެއްސުމާ މެދު އާންމުންގެ އެއްވެސް ޝަކުވާއެއް އޮތްތޯ ބެލުމަށް ހުޅުވާލާފައެވެ.

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައިވާ ގޮތުން ނިއުމާތުއާ މެދު ޝަކުވާއެއް އޮތް ނަމަ 22 ޖޫން ވާ ހޯމަ ދުވަަހުގެ ހެނދުނު 11:00ގެ ކުރިން މަޖިލީހުގެ އިދާރާއަށް އީމެއިލްއިން ނުވަތަ ލިޔުމުން އެ ޝަކުވާއެއް ހުށަހެޅޭނެއެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން އުފެދުނު މަގާމެކެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަން ކުރާ މަގާމެކެވެ.

comment ކޮމެންޓް