އަގުހެޔޮ ބޭހަކުން ކޮވިޑް-19 އަށް ފަރުވާކޮށް ފުރާނަ ސަލާމަތްކުރެވިދާނެކަމަށް ދިރާސާއަކުން ދައްކައިފި

ޑެކްސަމެތަސޯން ނަމަކަށް ކިޔާ ބޭހެއް ކޮވިޑް-19 އަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެކަމަށް ވަނީ ދިރާސާއަކުން ދައްކުވައިދީފައި. -- ފޮޓޯ/އޭޕީއައިޓައިމް

ފަސޭހައިން ލިބެން ހުންނަ އަދި އަގު ހެޔޮ ބޭހެއްކަމުގައިވާ ޑެކްސަމެތަސޯންއިން ކޮވިޑް-19އަށް ފަރުވާކުރެވިދާނެ ކަމަށް އާ ހޯދުންތަކުގެ އަލީގައި ކަމާބެހޭ މާހިރުންތަކެއް ހާމަކޮށްފި އެވެ.

މި ހޯދުންތަކަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ފަރުވާކުރުމަށް އެކި ބޭސްތައް ބޭނުންކޮށްގެން ކުރެވުނު އެންމެ ބޮޑު ތަހުލީލުތަކުން ލިބިގެންދިޔަ ކުރިއެރުމެކެވެ.

ހޯދުންތަކުން ދައްކުވައިދޭ ގޮތުގައި ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރަށް ލެވިފައި ތިބޭ ފަރާތްތަކުގެ ފުރާނަ ގެއްލުމުގެ ފުރުސަތު 40 އިންސައްތައިން 28 އިންސައްތައަށް މި ބޭހުގެ ސަބަބުން ދަށް ކޮށްދެ އެވެ.

އަދި އޮކްސިޖަން ސަޕްލައި އާއި ގުޅުވިފައި ތިބޭ ބަލި މީހުންގެ ފުރާނަ ގެއްލުމުގެ ފުރުސަތު 25 އިންސައްތައިން 20 އިންސައްތައަށް ދަށްކޮށްދެ އެވެ.

މާލީގޮތުން ދަތިކަމާއި ކުރިމަތިވެފައިވާ ގައުމުތަކުން މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސޭހަވެ ބޮޑެތި ކުރިއެރުންތަކެއް މި ހޯދުންތަކުގެ ސަބަބުން ލިބިގެންދާނެ އެވެ.

"މިއީ މިހާތަނަށް މި ބަލީގެ ސަބަބުން ފުރާނަ ގެއްލުމުގެ ފުރުސަތު ދަށްކޮށްދޭކަމަށް ފެނުނު ހަމަ އެކަނި ބޭސް. ވަރަށް ބޮޑަށް ދަށްކޮށްދޭ. މިއީ ވަރަށް ބޮޑު ހޯދުމެއް." އޮކްސްފޯޑް ޔުނިވާސިޓީއިން ކޮވިޑާއި ދެކޮޅަށް ކުރެވޭ މި ތަހުލީލުތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރު ޕީޓާރ ހޯބީ ވިދާޅުވި އެވެ.

އޮކްސްފޯޑުގެ މި ޓީމުން ވަނީ ކޮވިޑް ޖެހިފައިވާ 2،000 އެއްހާ މީހުންނަށް މި ބޭސް ދިނުމަށްފަހު ލިބުނު ނަތީޖާތައް މި ބޭސް ނުދީ ފަރުވާ ދެވުނު 4،000 އެއްހާ މީހުންނާއި އަޅުވައި ކިޔައިފަ އެވެ.

"ވަރަށް ވަރަށް ސާފު ފައިދާއެއް މީގައި އެބަ ވޭ،"

"ފަރުވާ ދެވެނީ 10 ދުވަސް މަތިން ޑޭކްސަމެތަސޯން ދެވިގެން. ކޮންމެ ބަލިމީހަކަށް އެންމެ ފަސް ޕައުންޑް ހޭދަވަނީ. އެހެންވީމަ ޖުމްލަ 35 ޕައުންޑް މި ހޭދަ ވަނީ ފުރާނައެއް ސަލާމަތްކުރުމަށް." މި ބޭހުގެ ދިރާސާގައި އެންމެ އިސްކޮށް އުޅުއްވާ ޕްރޮފެސަރު މާޓިން ލޭންޑްރޭ ވިދާޅުވި އެވެ.

ރަނގަޅު ވަގުތަށް ބަލައި ބަލި މީހުންނަށް މި ބޭސް ދިނުމަށް އޭނާ ގޮވާލި އިރު އާންމު ފަރާތްތަކުން މި ބޭސް އަމިއްލައަށް ގަނެގެން ގެޔަށް ނުގެންދިޔުމަށްވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ ބަލީގެ އަލާމަތްތައް ނުފެންނަ މީހުން ނުވަތަ މައިލްޑް ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރެވިދާނެ ބޭހެއްކަމަށް އަދި ހޯދިފައެއް ނުވެ އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ބޭސް ބަލި ފެތުރެން ފެށި ދުވަސްވަރު ބޭނުންކުރެވުނުނަމަ އިނގިރޭސިވިލާތުގައި އެކަނިވެސް 5،000 އެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ.

ފަސޭހައިން ލިބެން ހުންނަ މި ބޭހުގެ އިތުރުން ދެން ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރެވިދާނެކަމަށް ހޯދިފައިވާ ބޭހަކީ އެބޯލާ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭ ރެމްޑެސިވޮއާ އެވެ. އެހެންނަމަވެސް މި ބޭހަކީ މުޅިން އާ ބޭހަކަށް ވާތީވެ އަދި މި ބޭހުގެ އަގާއި ސަޕްލައިވެސް ވަނީ ކަނޑަނޭޅިފަ އެވެ.

ދެން އެންމެ ވަރުގަދަޔަށް ކޮވިޑަށް ފަރުވާކުރެވޭތޯ ތަހުލީލުކުރެވުނު ބޭސްކަމުގައިވާހައިޑްރޮކްސިކްލޮރޮކުއިން ބޭނުންކުރުން އެމެރިކާ އަދި އެހެން ގިނަ ގައުމުތަކުންވެސް ވަނީ މަޑު ޖައްސާލައިފައެވެ. ސަބަބަކީ މި ބޭހުގެ ސަބަބުން ފުރާނައަށް ނުރައްކާވާ އެހެން އަސަރުތައް ކުރުވާތީ އެވެ.

ފަސޭހައިން ލިބެން ހުންނަ އަގުހެޔޮ ބޭހެއްކަމުގައިވާ ޑެކްސަމެތަސޯން އިން ކޮވިޑަށް ފަރުވާ ކުރެވިދާނެކަމަށް ވަނީ ދިރާސާއަކުން ދައްކުވައިދީފަ އެވެ. ފޮޓޯ/އޭޕީއައިޓައިމްސް.

ޑެކްސަމެތަސޯން އަކީ ކޮން ކަމަކަށް ބޭނުން ކުރެވޭ ބޭހެއް؟

މި ބޭހަކީ އާންމުކޮށް ދުޅަވުން ތިރިކުރުމަށް ބޭނުންކުރެވޭ ބޭހެކެވެ. ބައެއް ހާލަތްތަކުގައި ކެންސަރު، އާތުރައިޓިސް އަދި އެސްތްމާއަށް ފަރުވާދިނުމަށްވެސް މި ބޭސް ވަނީ ބޭނުންކުރެވިފައެވެ. މި ބޭހަކީ 1960ގެ އަހަރުތަކުން ފެށިގެން މިފަދަ ބަލިތަކަށް ބޭސްކުރުމަށް ބޭނުންކުރެވޭ ސްޓްރޮއިޑް އެކެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލި ހުއްޓުވުމަށް ކުރާ މަސައްކަތް ހަމައިން ނައްޓާލައިގެންދިޔުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން މި ބޭހުގެ ސަބަބުން ކޮންމެވެސް ވަރަކަށް ދަށްކޮށްދޭކަމަށް ދިރާސާތަކުން ވަނީ ދައްކުވައިދީފަ އެވެ.

ދިފާއީ ނިޒާމުގެ ސަބަބުން ލިބޭ މި ގެއްލުން ނުވަތަ ސައިޓޮކިން ސްޓޯމް އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ވަރުގެ މައްސަލަ އެވެ.

ބެލެވޭ ގޮތުގައި ވެންޓިލޭޓަރަށް ލެވޭ ކޮންމެ އަށް މީހަކުން އެކަކުގެ ފުރާނަ ސަލާމަތްކުރުވުމުގެ ފުރުސަތު މި ބޭހުގެ ސަބަބުން ފޯރުކޮށްދެ އެވެ.

މިއީ ފަސޭހައިން ކޮންމެ ގައުމެއްގެ ބޭސް ފިހާރައިންވެސް ލިބެން ހުންނަ ބޭހެކެވެ. އަދި މި ބޭހުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކުރެވިގެންދާނެކަމަށް ވަނީ ބެލެވިފަ އެވެ.

comment ކޮމެންޓް