ރާއްޖޭގެ ރިޒާވް 270 މިލިއަން ޑޮލަރަށް ވުރެ ދަށަށް ހިނގައްޖެ

މަރުކަޒީ ބޭންކް، އެމްއެމްއޭ --ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓޫރިޒަމް ހުއްޓި ބޭރު ފައިސާ ލިބުން ދަތިވުމާ އެކު ރާއްޖޭގެ ޔޫސަބަލް ރިޒާވް، 270 މިލިއަން ޑޮލަރަށް ވުރެ ދަށަށް ވެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދެއްވައިފި އެވެ.

މިނިސްޓަރު އަމީރު އެހެން ވިދާޅުވެފައިވަނީ މިނިމަމް ވޭޖް ގޮތުގައި ކަނޑައެޅުމަށް މިހާރު މަޝްވަރާ ކުރަމުންދާ އަދަދު، ބިދޭސީންނަށް ހަމަޖައްސައިފި ނަމަ 270 މިލިއަން ޑޮލަރު ރާއްޖެ އިން ބޭރުވެގެން ދާނެ ކަމަށް ލަފާ ކޮށްފައިވާތީ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުން ބިދޭސީންނަށް މިހާރު ލިބޭ މުސާރައަށް ވުރެން ބޮޑު މުސާރައެއް ލިބޭނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވާނީ އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ބޭރު ފައިސާގެ ގޮތުގައި ރާއްޖެއިން ބޭރު ވެގެން ދިޔުން ކަމަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް 75.1 މިލިއަން ޑޮލަރު (1.16 ބިލިއަން ރުފިޔާ) ބޭރުކޮށްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖްގެ ސަބަބުން، ބިދޭސީން ރާއްޖެއިން ބޭރު ކުރާ ފައިސާ ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ހުންނަ ފައިސާގެ އަދަދަށް ވުރެ އެތައް ތަނެއް އިތުރުވާނެ ކަމަށެވެ. އެއީ، މިވަގުތު ރާއްޖެއަށް އިގްތިސާދީ ގޮތުން އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރެމިޓެންސްގެ ގޮތުގައި އަޅުގަނޑުމެން މި ބުނަނީ އިތުރަށް ގާތްގަނޑަަކަށް 270 މިލިއަން ޑޮަލަރު މިހާރު ރެމިޓެންސްގެ ގޮތުގައި ދާ އެއްޗަކަށް ވުރެން އިތުރަށް 270 މިލިއަން ޑޮލަރު ދާނެއޭ. މިދަނޑިވަޅުގައި އަޅުގަނޑުމެން މި ބުނަނީ މިހާރު ވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވްގައި ނުހުންނާނެއޭ 270 މިލިއަން ޑޮލަރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުން ވަނީ، 29.1 މިލިއަން ޑޮލަރު މަދުވެ، 201.4 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)އަށް ދަށްވެފަ އެވެ. މިއަހަރު ފެށުނު އިރު ދައުލަތުގެ ރިޒާވް ހުރީ، 311.3 މިލިއަން ޑޮލަރުގަ އެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓްތަކެއް ބަންދުކޮށްފައި ހުރިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ ގޮތުގައި މިހާރު އެއްވެސް އާމްދަނީއެއް ރާއްޖެއަށް ލިބެމުން ނުދާ ކަމަށެވެ.

މިދިޔަ މަހުވެސް މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި ލިބިފައި ވަނީ، 7.03 މިލިއަން ޑޮލަޜެވެ. މީގެ ކުރިން މަހެއްގެ މައްޗަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި 40 މިލިއަން ޑޮލަރު ލިބެމުން އާދެ އެވެ.

comment ކޮމެންޓް