އައްޑޫގައި އަންނަ މަހު ހާއްސަ އަސްކަރީ ތަމްރީންތަކެއް

އައްޑޫ ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ގަމުގައި އެމްއެންޑީއެފް އިން އަންމަ މަހު ހާއްސަ އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ 19 އިން ފެށިގެން 23 ގެ ނިޔަލަށް ކޮންމެ ދުވަހަކު އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އެމްއެންޑީއެފް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

އެ ތަމްރީންތައް ކުރިއަށް ދަނީ އެ މުއްދަތުގެ ކޮންމެ ދުވަހަކު ހެނދުނު 06:00 އިން 18:00ގެ ނިޔަލަށެވެ. އަދި އެ ތަމްރީންތައް ކުރިއަށްދާނީ އައްޑޫ ސިޓީ ގަމުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުގައި ކަމަށްވެސް ޓްރާންސްޕޯޓު އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓު އޮތޯރީޓީއިން ބުނެފައިވަނީ އެ ތަމްރީނުތަކުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޭނުންކުރާނެ ހަތިޔާރާއި އެތަކެތީގެ އިތުރު މައުލޫމާތު ވަނީ ޓްރާންސްޕޯޓުން އާންމުކޮށްފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީއިން ބުނެފައިވަނީ އެ ތަމްރީނުގައި ބޭނުންކުރާނީ މެޝިން ގަން ކަމަށާއި އެ ވައިގެ މަގުން ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5،000 މީޓަރު ކަމަށެވެ. އަދި ވައިގެ ސަރަހައްދުން އެ ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރު ކަމަށްވެސް ވަނީ ބުނެފައެވެ.

ވީމާ ތަމްރީން ކުރިއަށްދާ ދުވަސްތަކުގައި ގަމުގެ ދެކުނުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓު އޮތޯރިޓީއިން ވަނީ އަންގާފައެވެ.

comment ކޮމެންޓް