މިއަހަރު އަދި 12 ބިލިއަން ރުފިޔާ ހޯދަން ޖެހޭ: މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އޭނާ ވިދާޅުވީ މިއަހަރު އަދި 12 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް -- ސަން ފައލް ފޮޓޯ/ ފަޔާޒު މޫސާ

އަންދާޒާ ކުރިވަރަށް އާމްދަނީ އާއި ހިލޭ އެހީ ލިބިފައި ނުވާތީ މިއަހަރު އަދި އިތުރަށް 12 ބިލިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ރިޕޯޓްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުތަނުން ދަށް ވެފައިވާ ކަމަށާއި މި އަހަރަށް އެނެމް ފުރަތަމަ އަންދާޒާ ކުރީ 29.9 ބިލިއަން ރުފިޔާ ހިލޭ އެހީއާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަމަށެވެ.

ހިލޭ އެހީއާ އާމްދަނީގެ ގޮތުގައި މިހާރު އަންދާޒާ ކުރެވެނީ، 15.18 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަން މިނިސްޓަރު އަމީރު ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ ކިހާ އަދަދެއް ކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ.

"މި އަންނަ އަހަރު އަޅުގަނޑުމެންގެ ފައިނޭންޝަލް ގެޕް އެބަހުއްޓޭ ގާތްގަނޑަކަށް 16، 17 ބިލިއަން ރުފިޔާގައި. މިހަހަރު ވެސް ހޯދަން އެބަޖެހޭ އަދި ގާތްގަނޑަކަށް 12 ބިލިއަނެއްހާ ރުފިޔާ އަޅުގަނޑުމެން އެކި ގޮތް ގޮތުން ހޯދަން އެބަ ޖެހޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިއަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އޯވަރޯލް ފިޒިކަލް ޑެފިސިޓް ހުރީ ގާތްގަނޑަކަށް ބިލިއަން ރުފިޔާގައިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މިހާރު އަންދާޒާ ކުރެވެނީ ގާތްގަޑަކަށް ޑެފިސިޓް 15.8 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ކަމަށެވެ.

މި އަންނަ އަހަރަށް ވެސް މީޑިއަމް ޓާމް ފިޒިކަލް ސްޓްރެޓަޖީގެ މަސައްކަތްތައް ކުރެވެމުންދާތީވެ އަންނަ އަހަރުގެ އަންދާޒާ ހިސާބްތަކެއް ވެސް މިހާރު ހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި އަންނަ އަހަރު އަޅުގަނޑުމެން އަންދާޒާ މި ކުރަނީ ހިލޭ އެހީއާ އާމްދަނީގެ ގޮތުގައި ދައުލަތަށް ވަންނާނެ ކަމަށް ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާ. ފިޒިކަލް ޑެފިސިޓް ހުންނާނެ ކަމަށް އަޅުގަނޑުމެން އަންދާޒާ އެބަކުރަން އިތުރު 14.4 ބިލިއަން ރުފިޔާ،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ އުފެއްދުންތެރިކަން މިދިޔައަހަރާއި އަޅާބަލާއިރު ދަށްވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިއަހަރު ފެށިއިރު ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ އިތުރުވާނެ ކަމަށް އަންދާޒާ ކުރީ 7.5 ޕަސެންޓުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މިހާރު އަންދާާޒާ ކުރަނީ ގައުމީ އުފެއްދުންތެރިކަން ރާއްޖޭގައި މިއަހަރު ހުންނާނީ ގާތްގަނޑަކަށް 11.5 ޕަސެންޓްގައި ކަމަށެވެ.

"މިދިޔަ އަހަރު ރާއްޖެއަށް 1.7 ޓުއަރިސްޓުން އައި ނަމަވެސް މިއަހަރު އަޅުގަނޑުމެން މި އަންދާޒާ ކުރަނީ 980،000 (ނުވަލައްކަ އައްޑިހާ ހާސް) މީހުނޭ އަންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކަން އެހެން ހުރުމުން މި ވަގުތަކީ ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައަޅަން އެންމެ މުނާސަބު ވަގުތު ނޫން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓް 12 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް މިނިސްޓަރު އަމީރު ވަނީ މީގެ ކުރިން ވެސް ލަފާކޮށްފަ އެވެ.

ކޮވިޑާއި ގުޅިގެން އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު، ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން އެދުމުން ރައްޔިތުންގެ މަޖިލީހުން ވަނީ ދާދި ފަހުން ދީފަ އެވެ.

comment ކޮމެންޓް