ކޮވިޑް-19 އެއްކޮށް ނައްތާލި ނިއުޒިލޭންޑުން އެރޯގާ ޖެހިފައިވާ ދެމީހަކު ފެނިއްޖެ

ނިއުޒިލޭންގެ ވެރިރަށް ވެލިންޓަންގެ މަގެއް

ވެލިންޓަން ( 16 ޖޫން 2020) : ކޮވިޑް-19 އެއްކޮށް ނައްތާލެވުނު ކަމަށް އިޢްލާނުކުރި ފުރަތަމަ ގައުމު ކަމަށްވާ ނިއުޒިލޭންޑުން އެ ރޯގާ ޖެހިފައިވާ ދެމީހަކު ފެނިއްޖެއެވެ.

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު އެގައުމުގެ ދެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާ މިއީ ފާއިތުވި 24 ދުވަހުގެ ތެރޭގައި އެގައުމުން ފެނުނު ކޮވިޑް-19 ގެ ދެ ހާލަތް ކަމުގައެވެ. އެއްއާއިލާއަކަށް ނިސްބަތްވާ މި ދެ އަންހެނުންނަކީ އިނގިރޭސިވިލާތަށް ކުރި ދަތުރަކަށްފަހު އޮސްޓްރޭލިޔާ މަގުން އެނބުރި ނިއުޒީލަންޑްއަށް އައި އެގައުމުގެ ދެމީހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު އެދެމީހުން ވަގުތުން އެކަހެރިކުރިއެވެ. އެދެމީހުން ޓެސްޓްކުރީ ބޭރުގައުމުތަކުން އަންނަމީހުން ކަރަންޓީނު ކުރުމަށްފަހު އެމީހުން ކޮވިޑްއަށް ޓެސްޓްކުރުމަށް ހިންގާ ޕްރޮގްރާމުގެ ތެރެއިންނެވެ. ޓެސްޓްކުރިއިރުވެސް އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަމުން ދިޔަކަމަށްވެއެވެ.

ނިއުޒީލަންޑްގެ ސިއްހަތާބެހޭ މާހިރުން ވިދާޅުވީ ބޭރުން އަންނަ މީހުންގެ ފަރާތުން ކޮވިޑް-19 ގެ ކޭހެއް ފެނުމުން ހައިރާން ނުވާކަމުގައެވެ. އެފަދަ ހާލަތެއް ފެނިދާނެކަމަށް ބަލައި ނިއުޒިލޭންޑް އޮތީ އެ ހާލަތުގައި އަމަލުކުރާނެ ގޮތްތައް އެކަށައަޅައި އެކަމަށް ތައްޔާރުވެގެންކަން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުން އެކަހެރި ކުރުމުގެ ކުރިންވަނީ ބަލިވެ އުޅޭ އެމީހުންގެ އާއިލާގެ މެންބަރަކު ދެކިލުމުގެ ފުރުސަތު ސިއްހަތާބެހޭ މަސްއޫލުވެރިންގެ ބެލުމުގެ ދަށުން ދީފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ޚާއްސަ ވެހިކަލެއްގައި އެދެމީހުން ދިޔައީ ވެލިންގްޓަންގައި ހުންނަ އާއިލާގެ މީހަކު ދެކިލުމަށެވެ. ނަމަވެސް ޒިޔާރަތް ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އާއިލާގެ އެމީހާ ވަނީ މަރުވެފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެދެ މީހުން އިތުރު އެއްވެސް މީހަކާ ކޮންޓެކްޓްނުވާކަމާއި އިތުރު ތަނަކަށް ނުގޮސް ވެހިކަލްގައި އެދެމީހުން ތިބޭ އެކަހެރި ތަނަކަށް އެދެމީހުން އެނބުރި ދިޔަކަން ވަނީ ކަށަވަރުކޮށްދީފައެވެ. މިކަން މިގޮތަށް ކުރީ އިންސާނީ ޚާއްސަ ހާލަތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް ނިއުޒުލޭންޑްގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި އެދެމީހުންގެ ހާލަތު ރަނގަނޅު ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19 ނައްތާނުލެވުނު ނަމަވެސް އެރޯގާ ކޮންޓްރޯލް ކޮށްފައިވާ ގައުމެއްކަމަށްވާ ޗައިނާއިންވެސް މިދިޔަ ހަފްތާގައި އެރޯގާގެ 6 ހާލަތެއް ވެރިރަށް ބެއިޖިންގް އިން ފެނިފައިވެއެވެ.

މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތައް އުވާލާފައިވަނިކޮށް ތުރުކީގައިވަނީ ކުއްލިއަކަށް ކޮވިޑް-19 ގެ ގިނަ ހާލަތްތަކެއް ފެންނަން ފަށާފައެވެ. އަދި އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓުންވެސް ވަނީ ކޮވިޑްގެ ގިނަ ހާލަތްތަކެއް ކުއްލިއަކަށް ފެންނަން ފަށާފައެވެ. މިއާއެކު ޓެމިލްނާޑޫ އަލުން ފުރަބަންދުކުރުމަށް އިންޑިއާ ގެ ކަމާބެހޭ ފަރާތްތަކުންވަނީ ނިންމާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް