ދެ ކޮރެއާގެ ގުޅުން ބަދަހި ކުރަން ހުޅުވި އޮފީސް ގޮއްވާލައިފި

ދެ ކޮރެއާގެ ލިއޭޒަން އޮފީސް ހުރި ސަރަހައްދުން ދުން އަރަނީ -- ފޮޓޯ: ރޮއިޓާސް

ސޯލް (ޖޫން 16): އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ މެދުގައި މަޝްވަރާތައް ބާއްވާ، ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މީގެ ދެ އަހަރު ކުރިން ހުޅުވި ލިއޭޒަން އޮފީސް އުތުރު ކޮރެއާއިން ގޮއްވާލައިފި އެވެ.

އުތުރު ކޮރެއާއިން ގޮއްވާލިކަން ކަށަވަރު ކޮށްދީފައި ވަނީ، ދެ ކޮރެއާގެ މެދުގައި މުވާސަލަތު ކުރަން ފަސޭހަ ކުރުމަށްޓަކައި 2018 ވަނަ އަހަރު ހުޅުވި އޮފީހެކެވެ. އެ އޮފީސް ހުންނަނީ ދެ ގައުމުގެ ބޯޑަރު ކައިރީ އޮންނަ އުތުރުގެ ސިޓީއެއް ކަމަށް ކޭސޯންގުގަ އެވެ.

ދެ ކޮރެއާގެ މުވައްޒަފުން މަސައްކަތް ކުރާ ގޮތަށް ހުޅުވި އެ އޮފީސް ހުންނަނީ ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރެން ފެށި ފަހުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހުސްކޮށްފަ އެވެ.

އުތުރާއި ދެކުނުގެ ގުޅުން މިފަހުން ގޯސްވެފައި ވަނީ އުތުރުން ފިލައިގެން ގޮސް ދެކުނުގައި ދިރިއުޅޭ ބައެއް މީހުން، ފުއްޕާހަމާއި ޑްރޯންތަކުގައި އައްސާފައި ބައެއް ތަކެތި އުތުރު ކޮރެއާއަށް ފޮނުވަމުންދާތީ އެވެ. އެގޮތަށް ފޮނުވާ ތަކެތީގެ ތެރޭގައި ކާނާ އާއި ޑޮލަރާއި އުތުރު ކޮރެއާއާ ދެކޮޅު މައުލޫމާތު ލިޔެފައިވާ ލީފްލެޓާއި ދެކުުނުގެ ހަބަރާއި ޑްރާމާތައް ފެންނަ ޕެން ޑްރައިވްތައް ހިމެނެ އެވެ.

އުތުރު ކޮރެއާއިން ވަނީ އެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި އެއީ ދެ ކޮރެއާގެ ލީޑަރުން 2018 ވަނަ އަހަރު ބައްދަލު ކުރައްވާ، ދެ ފަރާތުން "އަދާވާތްތެރި އަމަލުތަކާއި އަޑުގަދަކުރާ އާއި ލީފްލެޓުތައް މެދުވެރިކޮށް އެފަަދަ އަމަލުތަކަށް މަގުފަހި ކުރުން" ހުއްޓުވާނެ ކަމަށް އެއްބަސްވި އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެފަ އެވެ. އަދި މިދިޔަ އަންގާރައިގައި އުތުރު ކޮރެއާއިން ވަނީ ދެކުނާ އެކު އޮތް ހުރިހާ މުވާސަލާތީ ގުޅުމެއް ކަނޑާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މީގެ އިތުރުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވަނީ ލައޭޒަން އޮފިސް ސުންނާފަތި ކޮށްލާނެ ކަމުގެ އިންޒާރު މިދިޔަ ހަފްތާ ބަންދު ތެރޭގައި ދެއްވާފަ އެވެ. އަދި ދެ ކޮރެއާގެ މެދުގައި އޮންނަ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒެޑް)އަށް ސިފައިން ފޮނުވަފާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ދެކުނު ކޮރެއާއިން ވަނީ އުތުރުން އެ އޮފީސް ގޮއްވާލުމުން، ދެ ކޮރެއާގެ ގުޅުން ބަދަހި ކުރުމަށާއި ސުލްހައަށް އެދޭ މީހުންގެ އުއްމީދުތައް ފުޑުފުޑުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ. އަދި ދެކުނުގެ ޑިފެންސް މިނިސްޓްރީން ވަނީ އުތުރުގެ ފައުޖުތައް މޮނިޓާ ކުރަމުންދާ ކަމަށާއި އެގައުމުން އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ރައްދު ދޭނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް