ފުރަބަންދުގައި ޖިންސީ ގޯނާއާއި ފުރައްސާރައިގެ 46 މައްސަލައެއް ކޯޓަށް

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް މުއްދަތުގައި، ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައިގެ 46 މައްސަލައެއްގައި ދައުވާކުރަން ކޯޓަށް ފޮނުވާފައިވާކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް، ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ލޮކްޑައުންގެ މުއްދަތުގައި ދައުވާކުރަން ކޯޓަށް ފޮނުވި މައްސަލަތަކުގެ ތަފާސްހިސާބު ހިއްސާކުރައްވައިިފައެވެ.

ތަފާސްހިސާބުތަކުގައި ވާގޮތުން، ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާ ގުޅޭ އެންމެ ގިނަ މައްސަލަތައް ކޯޓަށް ފޮނުވީ މޭ މަހު އެވެ. މޭ މަހު 28 މައްސަލައެއް ފޮނުވާފައި ވާއިރު، އޭޕްރީލް މަހު 15 މައްސަލައެއް އަދި ޖޫން މަހުގެ މިހާތަނަށް ތިން މައްސަލަ ވަނީ ފޮނުވާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށާއި، ޖިންސީ އަމަލެއް ހިންގަން އެދުމާއި، ޖިންސީ އަމަލެއް ހިންގުމަށް ގެއަކަށް ވަނުމާއި ޖިންސީ ގޯނާކުރަން އުޅުމުގެ މައްސަލަތަކެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ އެވްރެޖް އުމުރަކީ 35 އަހަރު ކަމަށެވެ. އަދި އެވްރެޖްކޮށް މިފަދަ މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވަން ފުލުހުންނަށް 88 ދުވަސް ނަގާ ކަމަށާއި، ޕީޖީން މައްސަލަ ކޯޓަށް ފޮނުވަން ނަގަނީ ގާތްގަނޑަކަށް ތިން ދުވަސް ކަމަށެވެ.

"ތަހުގީގު މަރުހަލާގައިވެސް ޕީޖީން ހަރަކާތްތެރިވާނެ އެހެންވީމަ އަޅުގަނޑުމެންނަށް ކުރިން ވެސް ލިޔެކިޔުންތަކަށް އެކްސެސް ލިބިފަ ހުންނާނީ. ނަމަވެސް މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ޕީޖީ ވިދާޅުވިއެވެ.

comment ކޮމެންޓް