އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދޭން ހުރިދަތިތައް ދެނެގަތުމަށް ގަރާރެއް

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ހުރި ދަތިތައް ދެނެގަތުމަށް ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. ގަރާރުގައި ބުނެފައިވަނީ އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުންނާއި މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އެކި ގޮތް ގޮތުން އެތައް މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ ގާނޫނާ ގަވާއިދުތަކުގެ ތެރެއިން އަންހެނުންނަށް ލިބިދޭ ހަމަހަމަކަން ކަށަވަރު ކުރުމަށް ކުރެވޭނެ ކަންކަން ދެނެގަތުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

"މިފަދަ ކަންކަމާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވައިދު ތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއިން ޕާލިމެންޓްރީ އިންކުއަރީއެއް ހަދަައި. އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހުކުރަން ޖެހޭ ކަންކަން ބަޔާންކޮށް އެކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގޮވާލައި މިގަރާރު ހުށަހަޅަމެވެ." އީވާގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

މިއަދު ގަރާރުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުން އީވާ ވިދާޅުވީ އަންހެނުުންނާއި ފިރިހެނުންގެ ވާހަކަ ގާނޫނުއަސާސީގައިވެސް ލިޔެވިއްޖެ ކަމަށެވެ. އަދި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމަށް ގޮވާލާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވުމާއި އެތައް ގާނޫނެއް ހަމަހަމަކަމަށް ބާރުދޭގޮތަށް ފާސްކުރެވިފައިވާ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

އެހެންނަމަވެސް ރާއްޖޭގައި އަންހެނުންނާިއ ފިރިހެނުންގެ ހަމަހަމަކަމާ ގާތައްވެސް ނުދެވޭކަން ރައްޔިތުންގެ މަޖިލީހަސް ބަލާލީމާ ފެންނަ ކަމަށެވެ.

"ދިވެހިރާއްޖޭގައި ބަހެއް ބުނެވޭ ބާރެއް ހިނގާ ގައުމު ހިންގުމުގެ އެއްވެސް ދިމާލެއް އެއްވެސް މުއައްސަސާއެއް ބަލާލިޔަސް އަޅުގަނޑުމެންނަށް އެބަ އެނގޭ ހަމަހަމަކަމާއި ގާތަށްވެސް ނުދެވޭކަން." އީވާ ވިދާޅުވި އެވެ.

ޖިންސީއަނިޔާއާއި ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހޭ އަންހެނުންނަށް އިންސާފު ނުލިބޭކަން އީވާ މިއަދު ފާހަގަކުރެއްވި އެވެ. ވިދާޅުވީ ތިމަންނައާ ބެހިއްޖެއޭ ކިޔާފައި މައްސަލައެއް ހުށަހަޅަން ކެރޭނީ ކިތައް އަންހެނުންނަށްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހުންގެ ތެރެއިން ކިތައް އަންހެނުންނަށް އިންސާފު ލިބުނުތޯވެސް ސުވާލުއުފެދޭ ކަމަށް ވިދާޅުވި އެވެ.

އަންހެނުންނަށް މަގުމަތީގައި ފުރައްސާކުރުމަކީ ރާއްޖޭގައި އޮތް ބޮޑު މައްސަލައެއްކަން ފާހަގަކޮށް އީވާ ވިދާޅުވީ އުމުރުން 10 އަހަރުން ފެށިގެން މެދުއުމުރުގެ އަންހެނުންގެ ތެރޭގައި ޖިންސީ ފުރައްސާރަ ނުކުރާ އަންހެނަކާ ދިމައެއް ނުވާނެ ކަމަށެވެ. އަދި އެފުރައްސާރައަށް އިންސާފުލިބުނު އެންމެ އަންހެނަކާވެސް ދިމާނުވާނެ ކަމީ ޔަގީން ކަމެއް ކަމަށް އީވާ ވިދާޅުވި އެވެ.

ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކޯޓަށް ހުށަހެޅުނީ 18 މައްސަލަ ކަމަށާއި އޭގެން ސާބިތުވީ ހަތަރު މައްސަލަ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލްއާ ހަވާލާދީ އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން އީވާ އަބްދުﷲ - ފޮޓޯ/ މަޖިލިސް

"ޖިންސީ ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނު. ގާނޫނު ފާސްކުރިތާ ހަ އަހަރު ވީއިރު ކޯޓަށް ހުށަހެފައިވަނީ އެންމެ މައްސަލައެއް. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން 236 މައްސަލަ ހުށަހެޅިއިރު ސާބިތުވީ 97 މައްސަލަ. ޖެންޑާ އިކުއަލިޓީ ގާނޫނު އެކުލަވާލިތާ ހަތަރު އަހަރުވީރު ކޯޓަށް ހުށަހެޅިފައިވާ މައްސަަލައިގެ އަދަދަކީ ސުމެއް." އީވާ ވިދާޅުވި އެވެ.

މައްސަލަ ކޯޓަށް ހުށަނޭޅެނީ ނުވަތަ ނުބެލެނީ އަންހެނުންނަށް މައްސަލަ ދިމާނުވާތީ ނޫން ކަން އެންމެނަށްވެސް އެނގޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އެކަމަކު މައްސަލަ ހުށަހަޅަން ގިނަ އަންހެނުން ބޭނުންނުވަނީ އިންސާފު ނުލިބޭނެތީ ކަމަށް އީވާ ވިދާޅުވި އެވެ.

އޭގެއިތުރުން މައްސަލަ ހުށަހެޅުމުންވެސް އެއީ މައްސަލައަކަށް ނުވަނީ ކަމަށް ވިދާޅުވި އެވެ. އެތައް ފަހަރަކު ނަސޭހަތްދީފާ ގެއަށް ދާށޭވެސް ބުނެފައި އެބަހުރި ކަމަށް އީވާ ވިދާޅުވި އެވެ.

"ހޭނެތެންދެން އަންހެނުންނަށް އަނިޔާކުރީމާ 200 ރުފިޔާއިން ޖޫރިމަނާ ކޮށްލާފައި އެބަހުރި. ޗައިންޑް ސަޕޯޓް ދޭން ހުކުމް ކުރީމާ ކިތައް މީހުންތޯ ޗައިލްޑް ސަޕޯޓް ދެނީ ނުވަތަ ނުދިނީމާ އެމީހާއަށް ދެން ވަނީ ކީއްތޯ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ 12 ފިރިހެނުންނާއި އެއް އަންހެނަކު މައްސަލައެއްގައި ހައްޔަރުކުރީމާ ހަމައެކަނި އަންހެން މީހާގެ ނަން ހަބަރުގައި ގެނެސް ރާއްޖޭގެ މީޑިއާތަކުން ހަބަރު ލިޔެފައި ހުރި ކަމަށާއި އެއީ މީޑިއާގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން އޮތް މިންވަރު ދައްކުވައިދިން ކަމެއް ކަމަށެވެ.

އީވާ ވިދާޅުވީ ޕާލިމެންޓްރީ އިންކުއަރީއެއް ހަދަން ހުށަހެޅީ ގާނޫނުތައް ހެދީމާވެސް އަންހެނުންނަށް ހަމަ ހަމަ ފުރުސަތާއި ބާރު ލިބި ނުދެވޭތީ ކަމަށެވެ.

comment ކޮމެންޓް