ޖާސޫސު ކުރުމުގެ ކުށުގައި ރަޝިއާއިން އެމެރިކާގެ މީހަކު 16 އަހަރަށް ޖަލަށްލައިފި

ރަޝިއާއިން ވަނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޕޯލް ވީލަން 16 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (ޖޫން 16): ރަޝިއާއިން އެމެރިކާގެ މީހެއްގެ މައްޗަށް ޖާސޫސު ކުރުމުގެ ދައުވާކޮށް، އޭނާ 16 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ރަޝިއާއިން އެ ދައުވާ ކުރީ އެގައުމުން 2018 ވަނަ އަހަރު ހައްޔަރު ކުރި އެމެރިކާގެ ކުރީގެ ކަނޑުގެ ސިފައިންގެ މީހެއް ކަމަށްވާ ޕޯލް ވީލަންގެ މައްޗަށެވެ. ވީލަންގެ އާއިލާއިން ބުނާ ގޮތުގައި އޭނާ މޮސްކޯއަށް ދިޔައީ ކައިވެނި ޕާޓީއެއްގައި ބައިވެރިވުމަށެވެ. ނަމަވެސް ރަޝިއާއިން ވަނީ އޭނާގެ އަތުގައި އޮތް ޕެން ޑްރައިވެއްގައި ދައުލަތުގެ ސިއްރުތަކެއް ހުރި ކަމަަށް ބުނެފަ އެވެ.

ފަންސާސް އަހަރުގެ ވީލަން ވަނީ އޭނާގެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ނޫން ކަމަށާއި އެމައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޕާލިމެންޓު މެމްބަރުން ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

އެމެރިކާއިން ރަޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ސަލިވަން ވަނީ ވީލަންގެ ޝަރީއަތަކީ "އިންސާފަށް ކުރި ޖެއްސުމެއް"ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ ވީލަންގެ ޝަރީއަތް ކުރިއަށްގެންދިޔައީ ސިއްރުކޮށްގެން، ސިއްރު ހެއްކާ އެއްކޮށް ކަމަށާއި އޭނާގެ ދިފާއުގައި ވާހަކަ ދައްކަން ހެކިވެރިންނަށް އެކަށީގެންވާ ވަރަށް ފުރުސަތު ނުދޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

ވީލަންގެ އާއިލާގެ މެމްބަރުން ވަނީ އެނާ 16 އަހަރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ވީލަން އަކީ އެމެރިކާގެ އިތުރުން ކެނެޑާ، އިނގިރޭސިވިލާތް އަދި އަޔަލޭންޑުގެވެސް ރަށްވެހިކަން އޮންނަ މީހެކެވެ. އަދި މޮސްކޯއިން އޭނާ ހައްޔަރު ކުރި އިރު އޭނާ ދިޔައީ އެމެރިކާގެ އޮޓޯ ޕާޓްސް ސަޕްލަޔަރެއް ކަމަށްވާ ބްރޮގްވާނާ ކުންފުނީގައި މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް