މާލޭގައި ކިޔަވައިދޭނީ ގްރޭޑު ނުވަޔަކުން މައްޗަށް

ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލުތައް ހުޅުުވާއިރު، މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން ސްކޫލަށް ހާޒިރުވާނީ ގްރޭޑު ނުވަޔަކުން މަތީގެ ގްރޭޑުތަކުގެ ކުދިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުގައި ކިޔަވައިދޭނީ ކީސްޓޭޖު ހަތަރެއް އަދި ފަހަކަށް ކަމަށެވެ.

މާލެ ސަރަހައްދުގައި އަދިވެސް ކޮވިޑް19 ދަނީ ފެތުރެމުންނެވެ.

މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭނީ އެއް ސެޝަން އަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖުލައި އެކަުން ފެށިގެން ސްކޫލުތައް ހުޅުވާއިރު، ކިޔަވައިދޭނީ ހަތަރު ދުވަހުއެވެ. ފަސްވަނަ ދުވަހަކީ ޓީޗަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުވުމަށް އޮންނަ ދުވަހެވެ. ފޭސް ޓު ފޭސް ކޮށް ކިޔަވައިދިން ނަމަވެސް ދަރިވަރުން ސްކޫލުގައި ހޭދަކުރާނީ ހަތަރު ގަޑިއިރެވެ. އެއީ 45 މިނެޓުގެ ހަތަރު ގަޑިއެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތަކުގެ ޓްރެފިކާ ގުޅޭގޮތުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ޗާންދަނީމަގު ފަދަ ޓްރެފިކް އެންމެ ބާރުބޮޑުވާ މަގުތަކުގައި ސުކޫލްތަކުގެ ދަރިވަރުން ކިޔަވަންދާނީ އެއް ވަގުތަކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޗާންދަނީ މަގުގެ ތިން ސުކޫލްގެ ޕްރިންސިޕަލުން މަޝްވަރާކޮށްފައި ދަރިވަރުން ގެންދާނެ ގަޑިތައް ކަނޑައަޅާނީ އެ ބޭފުޅުން،"

ތިން ސްކޫޫލެއް ޗާންދަނީ މަގުގައި ހުންނައިރު ސްކޫލު ވަގުތުތަކުގައި އެންމެ ޓްރެފިކް ބާރު ބޮޑީވެސް އެ މަގަށެވެ.

މާލެ ސަރަހައްދުތަކުގެ ސްކކޫލުތަކުގެެ ގްރޭޑު އެކަކުން އަށަކާއި ހަމައަށް ދަރިވަރުން ކިޔަވާނީ ގޫގުލް ކްލާސް އަދި ޓެލެކްލާސް މެދުވެރިކޮށެވެ.

ސްކޫލު ހުޅުވުމުގެކަންތައް ރާވާފައިވަނީ އެޑިއުކޭޝަން ރެސްޕޮންސް ޕްލޭންގެ ދަށުން ޔުނިސެފްގެ އެހީތެރިކަމާއެކުއެވެ. މި ޕްލޭންގައި ފަސް ބަޔެއް ހިމަނާފައިވާއިރު، އެއީ ސްކޫލުތަކުގެ ރައްކާތެރިކަމާއެކު ހިންގުމާއި، ކިޔަވައިދިނުމާއި އުނގެނުން ކުރިއަށް ގެންދިޔުން އަދި ވަލްނަރަބްލް ކުދިންނަށް ވާސިލްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމާއި ރެޒިލިއަންސް ބިލްޑު ކުރުން އަދި މި ހާލަތުގައި ސްކޫލު ހިންގުމާއި ކޯޑިނޭޓު ކުރުމެވެ.

އާ އާންމު ހާލަތުގައި ސްކޫލުތަކުގައި ކިޔަވައިދޭނީ ކޮންޑެންސްޑް ކަރިލިޔުލަމް އަކަށެވެ. އެގޮތުން ކަރިކިޔުލަމްގައި ހުރި އެންމެ މުހިއްމު ބައިތައް ފާހަގަކޮށް ކަރިކިޔުލަމް އަށް ބަދަލުތައް ގެނެސްފައި ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ. އަދި މި ބަދަލުތައް މިހާރު ސްކޫލުތަކާ ހިއްސާކޮށްފައިވާއިރު، ސްކޫލުތަކުން މިހާރު ޓައިމްޓޭބަލް ހެދުމުގެ ކަންތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލުތައް ހުޅުވާލާއިރު ހުރިހާ ސްކޫލުތަކެއްގައިވެސް އަތްދޮވެ ސެނިޓައިޒް ކުރާނެ އިންތިޒާމު ހަމަޖައްސާނެެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުދިން ސްކޫލަށް ވަންނައިރު ކުދިންގެ ޓެމްޕަރޭޗާ ބަލާނެއެވެ. ސްކޫލަށް ކުދިން ދާން ޖެހޭނީ މާސްކު އަޅައިގެންނެވެ.

comment ކޮމެންޓް