މިދުވަސްވަރު ނާސްތާ ނުދޭނެ: އެޑިއުކޭޝަން މިނިސްޓަރު

ކޮވިޑާ ގުޅޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ

ސްކޫލްތައް އަލުން ހުޅުވާ ދުވަސްވަރު ދަރިވަރުންނަށް ނާސްތާ ނުދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ދެން ސްކޫލްތައް ހުޅުވާއިރު އިންތިޒާމްތައް ހަމަޖައްސައިފައިވަނީ ކުދިން ސްކޫލަށް އަންނައިރު ގެއިން ކައިގެން އަންނަ ގޮތަށް ކަމަށެވެ.

"އެއީ ކޮވިޑްގެ ކުރިން ސްކޫލްތަކުން ދެމުން އައި ނާސްތާ މި ދުވަސްކޮޅު އަޅުގަނޑުމެން މެދުކަނޑާލައިފަ ހަމަ ހުރިހާ ކުދިން އެއްޗެއް ކާލައިގެން އައުން އެއީ ވަރަށް މުހިންމުކަމެއް. ދެން ހަމަ ސްކޫލަށް ދަރިވަރުން އަންނައިރު ބޯނެ ފެންވެސް ގެންނަގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިހާރު ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެެވެ. އަދި މިފަހުން ސްކޫލްތައް މެދުކެނޑިފައި އޮތް ނަމަވެސް މިހާރު ޓެލެކްލާސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

މިނިސްޓްރީން މިހާރު ނިންމާފައިވަނީ އަންނަ މަހު ސްކޫލްތައް އަލުން ފެށުމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ކިޔެވުން ފަށަން ނިންމާފައިވަނީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށެވެ. އަދި ކޮވިޑް ނެތް ރަށްރަށުގައި ދެން ހުރި ގްރޭޑްތަކުގެ ކިޔެވުންވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް