ދަރިވަރުންނަށް މިނިސްޓަރުގެ ހާއްސަ ޝުކުރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ --- ފޮޓޯ: އެންއީއޯސީ

ރާއްޖޭގެ ކިޔަވާ ކުދިންނަށް އެޑިއުކޭޝަން މިނިސްޓަރު ޝުކުރު އަދާކުރައްވައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މާޗު މަހުން ފެށިގެން މެދުކަނޑާލާފައިވާއިރު އަންނަ މަހުގެ އެކަކުން ފެށިގެން ސްކޫލުތައް ހުޅުވަން މިހާރު ވަނީ ނިންމައިފައެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ފާއިތުވި ތިން މަހު ދަރިވަރުން ގޭގައި މަޑުކުރީ ވަރަށް ކެތްތެރިކަމާއެކު ކަމަށެވެ.

"ފިލާވަޅުތައް ކުރިއަށް ގެންދިޔުމާ، އެހެނިހެން ކަންތައް، ގޭތެރޭގެ ކަންތައް، ފޮތްކިޔުން، މައިންބަފައިންނަށް އެހީތެރިވުން. މިކަހަލަ އެތައް ކަމެއްގައި ތިޔަ ދަރިވަރުން ވަނީ ބައިވެރި ވެފައި. އެހެންކަމުން އެކަމަށްޓަކާ ހުރިހާ ދަރިވަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ދަރިވަރުން ގޮވައިގެން ބެލެނިވެރިން ކުރެއްވި މަސައްކަތްވެސް ފާހަގަ ކުރައްވައިފައެވެ.

މިނިސްޓަރު ވަނީ ފުރަބަންދުގެ ހާލަތުގަައި ކިޔެވުން ކުރިއަށް ގެންދިޔުމަށް ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޓީޗަރުންނަށްވެސް ޝުކުރު އަދާކުރައްވައިފައެވެ. ހާއްސަކޮށް ޓެލެކްލާސްތަކާއި ގޫގުލް ކްލާސްތައް ކުރިއަސް ގެންދިޔުމަށް ޓީޗަރުން ތައްޔާރުވިތައްޔާރުވުމާއި އަމިއްލަ އަށް ފޯނުން ވީޑިއޯ ރެކޯޑުކޮށްގެން ފިލާވަޅުތައް ނަގައިދިނުމަށް ޓީޗަރުން ކުރެއްވި މަސައްކަތް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ސްކޫލުތަކުގެ އިސްވެރިންނާއި، އެންޑީއެމްއޭ، އެޑިއުކޭޝަން މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންގެ މަސައްކަތްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މިވީ ތިން މަސް ތެރޭ ގާތްގަނޑަކަށް 900 އޮންލައިން މީޓިން އެމްއޯއީ ސްޓާފުން ބާއްވާއިފި. މިއީ ގާތްގަނޑަކަށް މަސައްކަތުގެ 10،000 ގަޑިއިރު،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް