ކިރިޔާވެސް ފުރުސަތު އޮވެއްޖެެނަމަ ރާއްޖެއިން ހައްޖަށް ދާނެ

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖަށް ދިޔުމަށް ކިރިޔާވެސް ފުރުސަތެއް ލިބިއްޖެނަމަ ރާއްޖެއިން ހައްޖަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ފަހުވަގުތާ ހަމައަށްވެސް މަސައްކަތް ކުރާނީ ހައްޖަށް ދިޔުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދެވޭތޯ ކަމަށެވެ.

"ރާއްޖެއަކީ މަދު މީސްކޮޅެއް، މަދު ކޯޓާކޮޅެއް ކޮންމެ އަހަރަކުވެސް މި ލިބެނީ. އާބާދީ އަށް ބަލާފައި ލިބޭވަރު އެއީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރާއްޖެއަށް އެންމެ ފަހު ވަގުތާ ހަމައަށްވެެސް ފުރުސަތު ލިބިއްޖެ ކަމަށް ވަނީ ނަމަ ހައްޖަށް މީހުން ގެންދިޔުމަށް. އަޅުގަނޑުމެން ބަލާނީ އެންމެ ފަހުވަގުތާ ހަމައަށްވެސް ފުރުސަތެއް ލިބޭތޯ،" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ހާލަތަށް ރިއާޔަތްކޮށް، މި ހާލަތުގައި ހައްޖަށް ގެންދެވިދާނެތޯ ސައުދީ ސަރުކާރުން ބަލަމުންދާ ކަމަށެވެ. އެންމެ ފަހުވަގުތު ވީހާވެސް ބައިމަދުކޮށް ގެންދެވިދާނެ ގޮތެއް އޮތްތޯ ސަައުދީ އން ބަލަމުންދާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ކޮންމެއަހަރަކު 2.5 މިލިއަނެއް ހައި މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާ އަށް ދިޔަ ނަމަވެސް، ކޮވިޑް19 އާއެކު ހައްޖުގެ އަޅުކަމަށް އެއްވާ މީހުންގެ އަދަދު މަދުކޮށް ދެލައްކަ ހަތްދިހަ ހާހެއްހައި މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ސައުދީ އިން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިނާއަށް އަރަފާތަށް އެބަ އެއްވޭ އެއްވަގުތަކު ގާތްގަނޑަކަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުން. އެއީ ވަރަށް ބޮޑު އަދަދެއް. ސައުދީ ސަރުކާރުން ބައްލަވަމުން އެ ގެންދަވަނީ އެންމެ މަދުން ކިހާވަރަކަށްތޯ ހައްޖަށް މީހުން ދިޔައީމާ ހިދުމަތް ދެވޭނީ. ކަރަންޓީނު ފެސިލިޓީތަކަށް ގެންދިޔުމާ، މީހަކު ބަލިވެއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުމާ އަދި ގައިދުރުކަން ބަހައްޓައިގެން ކިހާވަރެއްގެ މީހުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބެންވާއިރަށް މިނިސްޓްރީ އިން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ހައްޖަށް މީހުން ގެންދިޔުމަށް ކުރިމަތިލި ގްރޫޕުތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ހައްޖަށް ދިޔުމުގެ ފުރުސަތު ލިބޭހާ އަވަހަކަށް ހައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ގްރޫޕުތައް އިއުލާނު ކުރައްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް