މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

ހުޅުމާލެއިން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ސީޕީ ހަމީދު

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ރޭ ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ރޭ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރު ކުރި ކަމަށެވެ. އެމީހުންގެ ތެރެއިން އެކެެއްގެ ގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައި ނުވާތީ އެމީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނެއް ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާިރު ކުރުމުން 15 ދުވަސް ބަންދަށް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭގެ އޮޕަރޭޝަނުގައި 6.8 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. ރޭ ހައްޔަރުކުރި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ބަޔެއް ކަމަށް ފުލުހުން ބުންޏެވެ.

ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ރޭ އަތުލައިގަތް މަސްތުވާތަކެތީގެ އަގު 5.6 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާކެތި ވަނީ ހޯދައިފަ އެވެ. އަދި ނުވަ މީހަކު ހައްޔަރުކޮށް، މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.

comment ކޮމެންޓް