އެއާޕޯޓު ކައުންޓަރުފީ މައާފުކޮށްދޭން މަޓާޓޯ އިން އެދެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށް ހުންނަ ކައުންޓަރުތަކުގެ ހަ މަސްދުވަހުގެ ފީ މައާފުކޮށްދިނުމަށް މަޓާޓޯ އިން އެމްއޭސީއެލްގައި އެދެފިއެވެ.

މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމް ދާއިރާއަށް މި ދަނޑިވަޅުގައި އައިސްފައިވާ ހީނަރުކަމާއެކު ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ބޮޑެތި ގެެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެއާޕޯޓުގެ އެރައިވަލް ގޭޓާ ދިމާލުން ހުންނަ ކައުންޓަރުތަކުން ޓޫރިސްޓު ރިސޯޓުތަކާއި ޓްރެވަލް ކުންފުނިތަކުން ހިދުމަތް ދެއެވެ.

މަޓާޓޯޯގެ ބަޔާނުގައި ބުނީ ކޮވިޑްގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކާއެކު އެ ޖަމްއިއްޔާ އިން މަޝްވަރާތައް ކުރާ ކަމަށެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގެ ކުންފުނިތަކުން ޕެންޝަން ފަންޑަށް ދައްކަންޖެހޭ ކޮންޓްރިބިއުޝަން ހަ މަހަށް މައާފުކޮށްދިނުމަށް ޕެންޝަން އޮފީހުގައި އެދިފައިވާނެ ކަމަށްވެސް މަޓާޓޯ އިން ބުންޏެވެ.

މިފަދަ ދުވަސްވަރެއްގައި ޕެންޝަން ފަންޑަށް ފައިސާ ދެއްކުމަކީ ވަޒީފާ ދޭ ފަރާތާއި މުވައްޒަފުންނަށްވެސް ދަތިވާނެ ކަމެއްކަމަށްއެ ބަޔާނުގައި ބުނެފައިވެއެވެ.

ޓޫރިޒަމް ސިނާއަތް ހުއްޓި ފައިވާއިރު ރިސޯޓުތަކާއިި ގެސްޓުހައުސްތައް ވަނީ ބަންދުކޮށްފައެވެ. ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުތަކުން ކުޑަކޮށްފައިވާއިރު، ނޯޕޭ ލީވްގައި ވެސް ގިނަ ބަޔަކު އެބަތިއްބެވެ.

comment ކޮމެންޓް